Roadha Mihaaru
ޖާބިރު މަޖިލީހުން އިސްތިއުފާ ދެއްވައިފި

ޖާބިރު މަޖިލިސް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

03 މެއި 2024

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖާބިރުގެ އިސްތިއުފާގެ ސިޓީ މަޖިލިހުގެ އިދާރާ އަށް ހުށަހަޅުއްވާފައިވާ ކަން އޭނާގެ ގާނޫނީ ވަކީލަކު "މިހާރު" އަށް މިއަދު ކަށަވަރު ކޮށްދެއްވި އެވެ.

ނަމަވެސް އެ ސިޓީ ލިބިފައިވާ ކަން މަޖިލިހުގެ އިދާރާ އިން އަދި ކަށަވަރެއް ނުވެ އެވެ.

މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން ޖާބިރު އިސްތިއުފާ ދެއްވިއިރު، އެ މަޖިލިހުގެ އެންމެ ފަހުގެ ދައުރު ހަމަވާނީ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މި މަހުގެ 15 ގަ އެވެ. މި ދައުރުގެ ފަހު ޖަލްސާ މި މަހުގެ 13 ގައި ބާއްވަން މަޖިލިހުގެ އިދާރާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި 20 ވަނަ މަޖިލިހަށް އިންތިހާބުކުރި 93 މެމްބަރުން ހުވާ ކުރައްވާނީ މި މަހުގެ 28 ގަ އެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޖާބިރު ދެ ވަނަ ދައުރަކަށް ކާށިދޫ ދާއިރާ އަށް ކުރިމަތިލެއްވި އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމް އެވެ.

މުންތަޒިމް 1،321 ވޯޓު ހޯދިއިރު، ޖާބިރަށް ލިބުނީ 369 ވޯޓެވެ.

ޖާބިރު 19 ވަނަ މަޖިލީހަށް ކުރިމަތިލެއްވީ އަމިއްލަ މެންބަރެއް ގޮތުގަ އެވެ. އެ ގޮތުގައި ވަރަށް ގިނަ ދުވަހު ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވައި ޖާބިރު ޓިކެޓު ކާމިޔާބުކުރެއްވި ނަމަވެސް، އަހުލާގީ މައްސަލައެއް ބެލުމަށް ފަހު އެ ޕާޓީން ވަނީ އޭނާގެ ޓިކެޓު އަތުލައިފަ އެވެ. އެއާ އެކު މަޖިލިސް އިންތިހާބުގައި ޖާބިރު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.