Roadha Mihaaru
ޖާބިރު ހައްޔަރުކުރަން ކާށިދޫ ކައުންސިލުން ގޮވާލައިފި

ޖާބިރު ހައްޔަރުކޮށް، ފިޔަވަޅު އަޅަން ކާށިދޫ ކައުންސިލުން ގޮވާލައިފި

30 ސެޕްޓެމްބަރ 2021

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ގޮވާލެއްވި މައްސަލައިގައި އޭނާ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ކ. ކާށިދޫ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ގޮވާލެއްވި މައްސަލައިގައި އޭނާ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ކ. ކާށިދޫ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

މި ގައުމުގައި ދީނީ މިނިވަންކަން އޮންނަން ޖެހޭ ކަަމަށް ޖާބިރު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހެއްކާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ކާށިދޫ ކައުންސިލުގެ ފަސް މެމްބަރުން ސޮއިކުރައްވައި، ނެރުނު ގަރާރެއްގައި ބުނީ ދީނީ މިނިވަންކަން ދިނުމަށް ގޮވާއިލެއްވުމުން އިސްލާމްދީނުގެ އުސޫލުތަކާއި ރާއްޖޭގައި އަމަލުކުރަން ހަދައިފައިވާ ގާނޫނުތަކާ ހިލާފުވެފައި ވާތީ، އެ ކައުންސިލުން ޖާބިރުގެ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. ޖާބިރު ހައްޔަރުކޮށް މި މައްސަލަ ތަހުގީގުކޮށް، ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައިފައިވެ އެވެ.

ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި ދެއްކި ވާހަކަތަކަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް އޭނާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެ ދާއިރާގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި މަޖިލީހުގައި ވާހަކަދައްކަވާއިރު ޒިންމާދާރުކަމާ އެކު އެކަން ކުރެއްވުމަށް ޖާބިރަށް ނަސޭހަތްތެރިވާ ކަމަށް ވެސް މި ގަރާރުގައި ގޮވާލައިފައި ވެ އެވެ.

މަޖިލީހުން މައްސަލަ ބަލަނީ

ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު އިއްޔެ "މިހާރު" އަށް ވިދާޅުވެފައި ވަނީ ޖާބިރު ދެއްކެވި ވާހަކަތައް މަޖިލީހުން ބަލަމުން އަންނަ ކަމަށެވެ. މެމްބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ލިިބިވަޑައިގެން ތަޅުމުގައި ދައްކަވާ ވާހަކަތަކަށް ފިޔަވަޅެއް ނޭޅުނަސް ގަވާއިދުގައިވާ ގޮތުން އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަތައް ނުދެއްކެވޭނެ އެވެ.

ހެއްކާ ބެހޭ ބިލަށް ވާހަކަ ފެއްޓެވި ނަމަވެސް އާދައިގެ މަތިން މިސްރާބު ގެއްލި ދެއްކެވި ވާހަކައިގައި ޖާބިރު ވިދާޅުވީ މި ގައުމުގައި "އެންމެން ނަމާދުކުރިއަސް މާ މޮޅު ދީނީ އިލްމުވެރިއެއް ނެތް" ކަމަށެވެ.

"އެހެން ދީންތަކުގެ މައްޗަށް މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް ލަކުމްދީނަކުން ވަލިޔަދީން މި ގައުމުގައި އުފައްދަން އެބަޖެހޭ. މާނައަކީ އެހެން ގައުމުތަކުގެ މީހުންނަށް އައިސް މިތާގައި ނަމާދުކޮށް އުޅެވެންވާނެއޭ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ މައްސަލަ މަޖިލީހުން ބަލަން ފެށީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މި ފަހުން އޭނާ އުޅުއްވާ ގޮތާ މެދު ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އެކަނި އޮންނަވައި މިދިޔަ މަހުގެ ތެރޭގައި މުޒާހަރާ ކުރައްވާފައިވެ އެވެ. އޭގެ ފަހުން ބައެއް އެހެން ތަންތަނުގައި އަދަބާހިލާފު އަމަލުތައް ހިންގަވާފައިވެ އެވެ.