Roadha Mihaaru
ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީއާ އެކު މަޝްވަރާކޮށްފި

03 މެއި 2024

ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އެހީގައި މާލޭގެ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރަތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޝަހީމް ސައުދީ އަށް ކުރެއްވި ދަތުރަށް ފަހު އިއްޔެ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމުގެ މަަޝްވަރާތައް ސައުދީގެ ސަރުކާރާ އެކުގައި ކުރެއްވި ކަމަށެވެ.

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަން ބާއްވާ ރަސްމިއްޔާތަށް ހަރަމްފުޅުގެ އިމާމެއް ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މި ދަނީ ﷲ އިރާދަކުރެއްވިއްޔާމުން މި އަހަރުގެ ހައްޖުގެ ފަހުން ކިންގް ސަލްމާން ސެންޓަރު ރަސްމީކޮށް ހުޅުވުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭތޯ،" ޝަހީމް ވިދާޅުވި އެވެ.

ސަލްމާން މިސްކިތް ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ ރޯދަމަހު އެވެ.

އެ މިސްކިތް ބޭނުންކުރަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް މިސްކިތުގެ ނަންބޯޑުގައި ހުރީ ސަތަރި ދަމައި ފޮރުވައިފަ އެވެ.

ކިންގް ސަލްމާން މިސްކިތް: އެ މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީއާ އެކު މިހާރު ވަނީ މަޝްވަރާކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކިންގް ސަލްމާން މިސްކިތް: އެ މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީއާ އެކު މިހާރު ވަނީ މަޝްވަރާކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމި ނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ނުފެށި ދިގުލައިގެން ދިޔައީ އެވެ.

ސަލްމާން މިސްކިތް ނުހުޅުވި ލަސްވެގެން ދިއުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރަށް ވެސް އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ.

އެ މިސްކިތް ރަސްމީކޮށް ހުޅުވުމަށް އިބޫގެ ސަރުކާރުން ވެސް ސައުދީއާ އެކު މަޝްވަރާ ކުރި އެވެ. އެ މަޝްވަރާތަކަށް ސައުދީގެ ވަފުދެއް ވެސް ރާއްޖެ ވަޑައިގަތެވެ. ނަމަވެސް، ފަހުން ދިމާވި މައްސަލައެއް ސާފު ނުވެ އެ މިސްކިތް އަދިވެސް ހުރީ ރަސްމީކޮށް ނުހުޅުވި އެވެ.