Roadha Mihaaru

15،000 ފޮތާ އެކު ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީ މި މަހު ހުޅުވަނީ

މާލޭ ސަލްމާން މިސްކިތުގައި 15،000 ފޮތާއެކު އިސްލާމީ ކުތުބުޚާނާ ނުވަތަ ލައިބްރަރީ މި މަހު 12 ގައި ހުޅުވަން ނިންމައިފި އެވެ.

ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީ ހުޅުވަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

03 ޖުލައި 2025

މާލޭ ސަލްމާން މިސްކިތުގައި 15،000 ފޮތާއެކު އިސްލާމީ ކުތުބުޚާނާ ނުވަތަ ލައިބްރަރީ މި މަހު 12 ގައި ހުޅުވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ ސަލްމާން މިސްކިތުގައި ހަދަމުން އަންނަ އިސްލާމީ ލައިބްރަރީ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހުކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ކަމަށެވެ.

އިސްލާމީ ލައިބްރަރީ މި މަހު 12 ގައި ރަސްމީކޮށް އިފްތިތާހުކުރަން ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މިނިސްޓްރީގެ އިސްވެރިން މިއަދު މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ލައިބްރަރީ ހުޅުވަނީ 15،000 ފޮތާ އެކު ކަމަށް ޝަހީމް ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެ އާއި ރަށްރަށުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތަކުގައި ހަދަން ނިންމާފައިވާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. އެ ގައުމާއި ޔުނިވާސިޓީގެ ނަން ފަހުން އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.