Roadha Mihaaru
ޓިކްޓޮކްގައި އަންހެނަކަށް ވެެގެން އުޅުނު މީހާ ހައްޔަރަށް

ޓިކްޓޮކްގައި އަންހެނަކަށް ހެދިގެން އުޅުނު މީހާ އަނެއްކާވެސް ހައްޔަރުކޮށްފި

04 މެއި 2024

ރާއްޖޭގެ ގިނަ ބަޔަކު ބޭނުންކުރަމުންދާ ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅުނު ދިވެހި ފިރިހެން މީހާ އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ގިނަ ބަޔަކު ބޭނުންކުރަމުންދާ ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅުނު ދިވެހި ފިރިހެން މީހާ އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މުހައްމަދު ނަބީލް ނުވަތަ ޔާޔާގެ ނަމުގައި ގިނަ ބަޔަކަށް އެނގޭ އޭނާ ހައްޔަރުކޮށްފައި މިވަނީ ފަހަކަށް އައިސް އަނެއްކާވެސް އަންހެން ހެދިގެން ޓިކްޓޮކް ކުޅެމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އޭނާގެ މައްސަލައެެއް ބަލައިފަ އެވެ.

ފުލުހުން ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރަމުންދިޔަ 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ މިއަދު ހައްޔަރު ކޮށްފައިވާއިރު އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުރިން ކްރިމިނަލް ކޯޓުން ވަނީ ޓިކްޓޮކްގައި ބަރަހަނާވި މައްސަލައެއްގައި އޭނާ އެއް އަހަރާއި އެެއް މަހަށް ޖަލަށްލައިފަ އެވެ.

އޭނާގެ މައްޗަށް އޭރު ފުލުހުން ވަނީ އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރިޔަސް ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

މިފަހަރު އޭނާ އަނެއްކާވެސް ހައްޔަރުކުރީ މިނިވަންވި ފަހުން އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅެމުންދަނިކޮށެވެ.