Roadha Mihaaru
ލިވަޕޫލުގައި ސްލޮޓަށް ސަލާމަތް ވެވިދާނެތަ؟

ޑަޗު ކޯޗުންނަށް ޕްރިމިއާ ލީގަކީ ބިރެއް؛ ލިވަޕޫލުގައި ސްލޮޓަށް ސަލާމަތް ވެވިދާނެތަ؟

07 މެއި 2024

މާދުރަށް ދާކަށް ނުޖެހެ އެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމާ އެއް މޭލް ދުރުގައި އޮތް ގޫޑިސަން ޕާކް ސްޓޭޑިއަމް ނިސްބަތްވާ އެވަޓަނުން މިސާލު ފެންނާނެ އެވެ. ޑަޗު ކޯޗުންނަށް، ޕްރިމިއާ ލީގުގައި ކާމިޔާބު ދެމެހެއްޓުމަށް އޮތް އުނދަގޫ އެވަޓަންގައި ރޮނަލްޑް ކޫމަން ދައުރުގެ ނަތީޖާތަކަށް ބެލިޔަސް އެނގެ އެވެ.

މާދުރަށް ދާކަށް ނުޖެހެ އެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމާ އެއް މޭލް ދުރުގައި އޮތް ގޫޑިސަން ޕާކް ސްޓޭޑިއަމް ނިސްބަތްވާ އެވަޓަނުން މިސާލު ފެންނާނެ އެވެ. ޑަޗު ކޯޗުންނަށް، ޕްރިމިއާ ލީގުގައި ކާމިޔާބު ދެމެހެއްޓުމަށް އޮތް އުނދަގޫ އެވަޓަންގައި ރޮނަލްޑް ކޫމަން ދައުރުގެ ނަތީޖާތަކަށް ބެލިޔަސް އެނގެ އެވެ.

ދެން އެއަށް ވުރެ ދުރަށް ދާނަމަ، އިނގިރޭސި ފުޓްބޯޅައިގައި ލިވަޕޫލްގެ އެންމެ ބޮޑު ވާދަވެރިޔާ މެންޗެސްޓާ ޔުނައިޓެޑްގައި، އެރިކް ޓެން ހަގްގެ ނަތީޖާތަކުން ވެސް އެކަން އެބަ އެނގެ އެވެ. ލުއިސް ވެން ހާލާއި ގޫސް ހިންޑިންކާއި ޑިކް އެޑްވޮކާޓަށް ވެސް ޕްރިމިއާ ލީގުގައި ހިފަހައްޓައެއް ނުލެވުނެވެ.

ލިވަޕޫލްގެ ކޯޗުކަމާ އަންނަ ސީޒަނުގައި ހަވާލުވާ އާން ސްލޮޓަށް އޮތީ ޑަޗު ކޯޗުންނަށް ޕްރިމިއާ ލީގުގައި އޮތް ހުތުރު ރެކޯޑް ބަދަލު ކުރުމެވެ. އެ ގައުމުގެ ކޯޗުންގެ ތެރެއިން، އިނގިރޭސި ފުޓްބޯޅައިގައި 200 އަށް ވުރެ ގިނަ މެޗުގައި ހިފަހައްޓާ ލެވުނީ މާޓިން ޖޯލް އަށް އަކަންޏެވެ. ޓޮޓްނަމް ހޮޓްސްޕާސް އާއި ފުލަމްގެ ކުރީގެ ކޯޗު ވަނީ އިނގިރޭސި ފުޓްބޯޅައިގައި 202 މެޗުގައި ކޯޗުކޮށްދީފަ އެވެ.

ޔާގަން ކްލޮޕްގެ ފަހު ސީޒަނުގައި ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ނުލިބުނަސް ލީގުގައި އެ ޓީމު އޮތީ ރަނގަޅު މަގާމެއްގަ އެވެ. ކްލޮޕްގެ ލެގަސީ ފަނޑުކޮށްލެވޭ ވަރުގެ ނަތީޖާއެއް ސްލޮޓަށް ނެރެވިދާނެ ކަމަށް ގަބޫލުކުރާ އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް އެބަތިއްބެވެ.

ފައިނޯޑްގައ ކުޑަ ބަޖެޓަކުން، އިރެޑިވީޒީ (ނެދަލެންޑްސްގެ ލީގު) އާއި ޑަޗު ކަޕް ސްލޮޓް އެ ޓީމަށް ކާމިޔާބުކޮށްދީފައި ވުމުން، ލިވަޕޫލްގައި އޭނާ އަށް،، ޑަޗު ކޯޗުންގެ ލަދުވެތި ރެކޯޑް ބަދަލުކޮށްލެވިދާނެ ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.

އޭނާގެ ކޯޗުކަމުގައި ކުޅުންތެރިންގެ ޓްރާންސްފާ އަށް ފައިނޯޑުން 10 މިލިއަން ޑޮލަރު ވެސް ހޭދަ ނުކުރެ އެވެ. އެކަމަކު މިދިޔަ ސީޒަނުގެ ލީގާއި މި ސީޒަނުގެ ކަޕް ކާމިޔާބު ކުރި އެވެ. މި ސިޒަނުގައި އެ ޓީމު ނިންމާލީ ލީގު ޗެމްޕިއަންކަން ހޯދި ޕީއެސްވީ އެންދޯވިއަންގެ ފަހަތުން ދެވަނައިގަ އެވެ.

ޕްރިމިއާ ލީގުގައި މަސައްކަތް ފެށުމުގެ ކުރިން، ލިވަޕޫލްގެ މީހާރުގެ ކޯޗު ޔާގަން ކްލޮޕްގެ މަޝްވަރާ ހޯދާނެ ކަމަށް ހޯމަ ދުވަހު، ޑަޗު ލީގުގައި ކުޅުނު މެޗަށް ފަހު ސްލޮޓް ބުންޏެވެ.

"އަހަންނަށް ހީވަނީ އެއީ ހަމަ އާދައިގެ ކަމެއްހެން. އާ ކްލަބަކަށް ދާނަމަ، އަދި އެއީ ލިވަޕޫލަށް ދާނަމަ، ކުރީގެ ކޯޗާ ވާހަކަ ދެއްކުމަކީ ހަމަ އާދައިގެ ކަމެއް. އަހަރެން ފައިނޯޑާ ހަވާލުވި އިރު ވެސް އަހަރެން މިގޮތަށް ކަންތައް ކުރިން. އެއީ ހަމަ އާންމުކަމެއް. އެ ކްލަބްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި މީހަކަށް ލިބިފައި ހުރި މައުލޫމާތެއް ދެން ހަވާލުވާ މީހަކު ހޯދާނެ،" ސްލޮޓް ބުންޏެވެ.

"ކްލަބް [ލިވަޕޫލް] ގައި ނުވަ އަހަރު ހޭދަ ކުރާއިރު އޭނާ [ކްލޮޕް] ގެ އަތުގައި ހުންނާނެ ހިއްސާކުރަން މުހިންމު މައުލޫމާތުތަކެއް. އޭގެ އިތުރުން އަހަރެން ދަންނަން އޭނާގެ އެސިސްޓެންޓް ކޯޗު ޕިޕިން ލިންޑާސް ވެސް. އެކަމަކު އެއަށް ވުރެ ބޮޑަށް ރަސްމީ ހައިސިއްޔަތުގެ ތެރެއިން އަހަރެން އޭނާ [ކްލޮޕް] އަށް ގުޅާނަން. އަހަރެން ނުގުޅަނަމަ އެ ވާނީ ވަރަށް ބީރައްޓެހި ކަމަކަށް."

އެންޓޯނިއޯ ކޮންޓޭ، މިދިޔަ ހޫނު މޫސުމުގައި ޓޮޓްނަމް ދޫކޮށްލުމުން، އެ ކްލަބުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ސްލޮޓް ގެނައުމަށެވެ.

އޭނާ ބުނީ އެހެން ކްލަބަކާ އެކު އޭނާ އެއްބަސް ނުވަނީސް، އޭނާ އެ ކްލަބަކާ ހަވާލުވާން އުޅޭ ވާހަކަ ވެސް މީޑިއާއިން ފަތުރަމުން ދިޔަ ކަމަށެވެ.

"އަހަރެން ކަންބޮޑެއް ނުވޭ،" ފައިނޯޑްގެ ސަޕޯޓަރުންނާ އަލްވަދާއު ކީ މެޗަށް ފަހު ސްލޮޓް ބުންޏެވެ.

"އަހަންނަށް އެނގޭ ކޮންމެ ވެސް ހިސާބަކުން މިކަން ދޫކޮށްލަން ޖެހޭނެކަން. އެކަމަކު އެ ވަގުތު އަންނާނީ ކޮން ހިސާބެއްގައިކަން ނޭނގެނީ."