09 މެއި 2024
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުގައި ކުރައްވާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމް އިތުރުކޮށް، ގުޅުން ހަރުދަނާ ކުރުމަށް ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުގައި ކުރައްވާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމް އިތުރުކޮށް، ގުޅުން ހަރުދަނާ ކުރުމަށް ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި ފޮރިން މިނިސްޓަރު ޒަމީރު ދިއްލީ އަށް ވަޑައިގަތީ ރޭގަ އެވެ.
މާދަމާގެ ނިޔަލަށް ކުރައްވާ އެ ދަތުރުގެ ކުރިން "މިހާރު" އިން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ޒަމީރު އެންމެ ބޮޑަށް ފާހަގަކުރެއްވީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމް އިތުރު ކުރުމުގެ މުހިންމު ކަމެވެ.
"... އެއީ ދެ ގައުމުގެ އާންމު ރައްޔިތުންނާއި ސިޔާސީ ލީޑަރުންނާއި އަދި ވިޔަފާރިވެރިންނަށް ވެސް އިހުތިރާމްކޮށް، ހުރިހާ ފެންވަރެއްގައި ވެސް ކުރިއަށް ނަގަހައްޓާނެ ގުޅުމަކަށް ހެދުމުގެ މައްޗަށް،" ދަތުރުގައި އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާ އެކު ބާއްވަވާ މަޝްވަރާތަކުގައި އިސްކަން ދެއްވާނެ ދާއިރާތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ރޭ ދިއްލީ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
މިއީ ކިހާ މުހިންމު ދަތުރަކަށް ވެދާނެތޯ ދެންނެވުމުން ޒަމީރު ފާޅުކުރެއްވީ، އެ ދަތުރާ އެކު އުފެދޭނެ "ޕޮޒިޓިވް އެނާޖީއެއް" ގެ އުންމީދެވެ.
"މިއީ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ގައުމަކަށް ކުރާ ފުރަތަމަ ބައިލެޓްރަލް ރަސްމީ ދަތުރު. މިއީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަށް ޕޮޒިޓިވް އެނާޖީއެއް ގެނެސް, އެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުކޮށޭނެ ދަތުރަކަށް ވާނެ ކަމުގެ އުއްމީދު ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ އެއް ވައުދު ކަމަށް ވާއިރު ފަހު ބެޗު މިއަދު ރާއްޖެ އިން ފުރައިގެން ދާނެ އެވެ.
Arrived in New Delhi on my first bilateral official visit to India! ?? Looking forward to productive discussions, strengthening ties, and experiencing the vibrant culture of #India pic.twitter.com/kucRaSa8aH
— Moosa Zameer (@MoosaZameer) May 8, 2024
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ، ދިވެހި ސަރުކާރުން އެދުނު އެދުމަށް އިހުތިރާމްކޮށް، އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"މިއީ ދެ ގައުމުގެ ގުޅުން ވަރުގަދަކަން ސާބިތު ކޮށްދިން ކަމެއް. ދެ ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއް ވެސް ވާހަކަ ދައްކައިގެން ޑިޕްލޮމެސީ ވިއުގަނޑުގެ ތެރެއިން ހައްލު ކުރެވޭނެ ކަން ޔަގީން ކޮށްދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރުގެ މި ދަތުރުގައި ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި އެ މިނިސްޓްރީގެ އިސްވެރިންނާ އެވެ.
މިނިސްޓަރު ވިދާޅުވީ، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް ދެ ސަރުކާރު ގުޅިގެން ވީހާ ވެސް ހަލުވި, އަދި ބާރު މިނެއްގައި ކުރިއަށް ގެންދަން ދަތުރުގައި އިސްކަން ދެއްވާނެ ކަމަށެވެ.
ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ބޮޑެތި ލޯނުތަކެއް ނަގާފައިވާއިރު، އެ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ މަޝްވަރާ ކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މިއީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަށް ޕޮޒިޓިވް އެނާޖީއެއް ގެނެސް, އެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުކޮށޭނެ ދަތުރަކަށް ވާނެ ކަމުގެ އުއްމީދު ބޮޑު،"--- ޒަމީރު
މިދިޔަ މާޗު މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ރައީސް މުއިއްޒު ވެސް ވިދާޅުވެފައި ވަނީ އެ މަނިކުފާނު ބޭނުންފުޅު ވަނީ އިންޑިއާގެ ލޯނުތަކަށް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ލުއި ގޮތްތަކެއް ހޯދައި ދިނުން ކަމަށާއި ދެ ގައުމުގެ ގުޅުން ގޯސްވާ އެއްވެސް ފިޔަވަޅެއް ނޭޅުއްވުމުގެ އިތުރުން އެ ފަދަ ވާހަކަފުޅެއް ވެސް ނުދައްކަވާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެ އަށް އިންޑިއާ އިން ނަގާފައި ވަނީ ރާއްޖޭގެ އިގްތިސާދަށް ނުކަތާ ވަރުގެ ބޮޑެތި ލޯނުތަކެކެވެ. އެހެންވެ، އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރައްވަނީ ރާއްޖޭގެ އިގުތިސާދުގެ ގާބިލްކަން ހުރި ވަރަކުން އެ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން ކަމަށް ވިދާޅުވެފައި ވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކު) އިން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއާ އެކު، އެގްޒިމް ބޭންކުން ނެގި ލޯނުތަކަށް މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަން ޖެހޭ އަދަދު 6.2 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ.
މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި އިންޑިއާ ސަރުކާރާ އެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައެއް ނެތެވެ.
ޒަމީރުގެ އިންޑިއާގެ ދަތުރާ އެކު، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދަން މަގު ކޮށޭނެ ކަމުގެ އުންމީދު ކުރައްވާއިރު، މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އަށް ފުރައްސާރަވާ ގޮތަށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ މައްސަލާގައި އެ ތިން ބޭފުޅުން އަދިވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ރާއްޖޭގައި ރައީސުން މަގާމުގެ ހުވާކުރެއްވުމަށް ފަހު ފުރަތަމަ ފުރަމާނަ ދަތުރުފުޅު އާންމުކޮށް ކުރައްވަނީ އިންޑިއާ އަށް ކަމަށް ވިޔަސް މިހާރުގެ ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ. އެއީ އިންޑިއާގެ ސިފައިން ބޭލުމުގެ ކަންކަމާ ގުޅޭ ގޮތުން އުފެދުނު ނުތަނަސްވަކަމާ ގުޅިގެން ގުޅުމަށް ބުރޫ އަރާފައިވާތީ އެވެ. ނަމަވެސް ފަހުން ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށް، އިންޑިއާ އިން ވަނީ އެ ގައުމުގެ ސިފައިން ރާއްޖެ އިން ގެންދަން ފަށައިފަ އެވެ.
ރައީސްގެ ރަސްމީ ފުރަަތަމަ ދަތުރުފުޅު ކުރެއްވި ތުރުކީއަށެވެ.
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު
އިންޑިއާއަށް ބަދުބަސް ބުނި މައްސަލަަ ތަކުރާރެއް ނުވާނެ
އެންމެ މަސްލަހަތު ހުރީ އެއްވިސްނުމަކަށް އައުން:އިންޑިއާ
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
ޒަމީރު، ޖައިޝަންކަރަށް؛ ހައްލު ހޯދަން ހިންގަވާ
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި