Roadha Mihaaru
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"

އިންޑިއާއަށް މުހިންމު އަވައްޓެރި ގުޅުމުގެ ތެރެއިން، ރާއްޖެ އަށް އިސްކަން ދެން: ޖައިޝަންކަރު

10 އޯގަސްޓް 2024

އިންޑިއާގެ ތަރައްގީ އާއި ކުރިއެރުން، އަވައްޓެރި ގައުމުތަކާ މެދު އޮންނަ ގާތްގުޅުމާ ވަކި ނުކުރެވޭނެ ކަމަށާއި އެ ގުޅުމުގެ ތެރެއިން ރާއްޖެ އަށް ހާއްސަ އިސްކަމެއް ދޭ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ތަރައްގީ އާއި ކުރިއެރުން، އަވައްޓެރި ގައުމުތަކާ މެދު އޮންނަ ގާތްގުޅުމާ ވަކި ނުކުރެވޭނެ ކަމަށާއި އެ ގުޅުމުގެ ތެރެއިން ރާއްޖެ އަށް ހާއްސަ އިސްކަމެއް ދޭ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރޭ ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް އިއްޔެ ފެއްޓެވި ތިން ދަތުރުފުޅުގެ ތެރެއިން، ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ޖައިޝަންކަރު ވިދާޅުވީ، މިއީ، ދެ ގައުމު ގުޅިގެން ހާސިލް ކުރެވިފައިވާ ކަންތައްތައް ވަޒަން ކޮށްލުމުގެ އިތުރުން، މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން ފުޅާކުރެވޭނެ މަގުޗާޓު ކުރެހެމުގައި މުހިންމު ފުރުސަތަކަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެދޭ ފަދަ ގުޅުމެކެވެ. އޭގެ އެތައް ރިވެތި މިސާލެއް މާޒީ އަށް ބަލައިލުމުން ފެންނާނެ ކަމުގައި ޖައިޝަންކަރު ވިދާޅުވި އެވެ.

"އެއީ، އަޅުގަނޑުމެންގެ ރައްޔިތުން އެދުމާއި އުންމީދުތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ނަތީޖާ ނެރެދެވޭ، ބިނާކުރަނިވި ފައިދާތަކެއް ހޯދައިދިނުމުގެ ފުރުސަތު ލިބިގެންދިޔަ ގުޅުމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެކެވެ. އޭނާ ރާއްޖެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ކަމާބެހޭ އެކި އިދާރާތަކާ ބައްދަލު ކުރައްވައި، އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ހޯއްދަވާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

"އިންޑިއާ އިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބަ އާއި މަންފާއަށްޓަކައި. މި ވަރުގަދަ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެއް. އަދި މި ވަރުގަދަ ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންތެރި، ނުހަނު ގިނަ ފައިދާތައް ވެސް ކުރޭ،" އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، އޭނާ ތިން ދުވަހަށް ކުރައްވާ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ވެސް މިއަދު ބައްދަލު ކުރައްވައި މަޝްވަރާތައް ކުރައްވާނެ އެވެ.

ފޮރިން މިނިސްޓަރު ޒަމީރާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރޭ ބައެއް މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޒަމީރާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރޭ ބައެއް މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

ރޭ ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އެއްބަސްވުމުގެ މިދިޔަ އަހަރުތަކުގެ ތެރޭގައި ހިންގި ބައެއް މަޝްރޫއުތައް ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއްގައި ވެސް ރާއްޖެ އާއި އިންޑިއާއ އިން ސޮއިކުރި އެވެ.

އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށްޓަކައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު ސޮއިކުރި އެމްއޯޔޫ އެވެ. ދެ ވަނަ އެއްބަސްވުމަކީ ސިވިލް ސާވިސްގެ އިތުރު 1،000 މުވައްޒަފަކު ތަމްރީނު ކުރުމަށްޓަކައި ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދު ވި އެއްބަސްވުމެކެވެ.