Roadha Mihaaru
ވޯލްޑް ބޭންކް: އިގްތިސާދަށް އޮތް ގޮންޖެހުން ބޮޑު!

ވޯލްޑް ބޭންކް: ރާއްޖޭގެ އިގްތިސާދަށް އޮތް ގޮންޖެހުން ވަރަށް ބޮޑު!

09 މެއި 2024

މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ވަރު އަލުން ރިވައިސްކޮށް އެ މިންގަނޑު ވޯލްޑް ބޭންކުން ދަށްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ވަރު އަލުން ރިވައިސްކޮށް އެ މިންގަނޑު ވޯލްޑް ބޭންކުން ދަށްކޮށްފި އެވެ.

ވޯލްޑް ބޭންކްގެ އާ ރިޕޯޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 4.7 ޕަސެންޓުގަ އެވެ. މިއީ މި އަހަރުގެ އިގްތިސާދު ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފައިވާ އަންދާޒާ އެވެ.

ކުރިން ވޯލްޑް ބޭންކުން ލަފާކޮށްފައި ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ. އެހެންވެ އެއީ 0.5 ޕަސެންޓުގެ ދަށްވުމެކެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ އިގްތިސާދަށް އެކްސްޓާނަލް އަދި ފިސްކަލް ގޮންޖެހުންތައް އެބަހުރި ކަމަށާއި ފިސްކަލް ރިފޯމްތަކަށް އަމަލު ނުކޮށްފި ނަމަ ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށެވެ.

"ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް"ގެ ނަމުގައި ވޯލްޑް ބޭންކުން މިއަދު އާންމުކުރި އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައިވާ ގޮތުން ޓޫރިޒަމާއި އެހެނިހެން ބޮޑެތި ބައެއް ސިނާއަތުގެ އާމްދަނީ އަށް ވަނީ ހީނަރުކަން އައިސްފަ އެވެ. ޓޫރިސްޓުން އައުން އިތުރުވި ނަމަވެސް، ޓޫރިސްޓުން ކުރާ ހޭދަ ކުޑަ ކަމަށާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު ވެސް ދަށަށް ދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ ނިސްބަތަށް ވެސް އަންނަނީ ކުރަމުންނެވެ.

އެ އިދާރާއިން ބުނީ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް، ހަރަދު ކުޑަކޮށް ސަބްސިޑީ އިސްލާހު ކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ދައުލަތުގެ ދަރަނި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 123 ޕަސެންޓަށް އެރުމަކީ ގައުމަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އެއީ 123 ބިލިއަން ރުފިޔާ އެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވެސް ވޯލްޑް ބޭންކުން ނެރެފައިވާ ހުރިހާ ރިޕޯޓެއްގައި ވެސް ފާހަގަކުރާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

މި އަހަރާއި އަންނަ އަހަރު އެވްރެޖްކޮށް ދަރަނި އަދާކުރުމަށް ބޭނުންވާ މިންވަރު 512 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، 2026 ވަނަ އަހަރު އެ އަދަދު 1.07 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. ފިސްކަލް ރިފޯމްތަކާ ނުލައި ބޭރުގެ އިންޓްރެސްޓް ރޭޓު ބޮޑު ދަރަންޏަށް ބަރޯސާވުމަކީ މާލީ ގޮތުން އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

ސަރުކާރުން ދާދިފަހުން އިއުލާނުކޮށްފައިވާ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރަން ޖެހޭ ކަމަށާއި، އެކަން ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމަށް ޓަކައި ރާއްޖޭގެ އެންމެހާ ރައްޔިތުންނާ އެކު ސާފު މުއާމަލާތްތަކެއް ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަދި ރިފޯމް ގެންނަ އިރު އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވޭނެ ގޮތްތައް ފަހިވާނެ ގޮތަކަށް ކަންކަން ރޭވުމަށް ވޯލްޑް ބޭންކުން ގޮވާލާފައިވެ އެވެ.

"ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓާ ފާރިސް ހަދާދު-ޒެރްވޯސް ވިދާޅުވި އެވެ.

"މި އިސްލާހީ މަސައްކަތްތަކުގައި ވޯލްޑް ބޭންކުން އަބަދުވެސް ރާއްޖެ އަށް އެއްބާރުލުން ދޭނެ. އޭގެ ތެރޭގައި ފަގީރުންނާއި ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓާގެޓެޑް ސަބްސިޑީއެއް ދީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ހައްލުކޮށް، އިންވެސްޓްމަންޓްތަކުގެ ސްޓްރެޓެޖިކް ޕްލޭނިން ހަރުދަނާކުރުން ހިމެނޭ."

ވޯލްޑް ބޭންކުގެ އެ ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން ސަލާމަތްވުމަށް ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށް އެދިފައިވެ އެވެ. އަދި އިގްތިސާދުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށް އެ ދާއިރާއިން ވަޒީފާތައް އުފެއްދުމަށް ބާރު އެޅުމަށް ވެސް ވަނީ އެދިފަ އެވެ.