Roadha Mihaaru
ރަހީނުން މިނިވަންކުރުމުން ޣައްޒާގެ ހަމަލާތައް ހުއްޓޭނެ

ރަހީނުން މިނިވަންކޮށްފި ނަމަ "މާދަމާ" ވެސް ޣައްޒާގެ ހަމަލާތައް ހުއްޓުވޭނެ: ބައިޑަން

12 މެއި 2024

ހަމާސް އިން ރަހީނު ކޮށްފައިވާ އިޒްރޭލުގެ މީހުން މިނިވަންކޮށްފި ނަމަ ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް "މާދަމާ" ވެސް ހުއްޓާލައި ސުލްހަ ގާއިމުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ހަމާސް އިން ރަހީނު ކޮށްފައިވާ އިޒްރޭލުގެ މީހުން މިނިވަންކޮށްފި ނަމަ ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް "މާދަމާ" ވެސް ހުއްޓާލައި ސުލްހަ ގާއިމުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

"ރަހީނުން މިނިވަންކޮށްފި ނަމަ މާދަމާ ވެސް ހަމަލާތައް ހުއްޓުވޭނެ. އިޒްރޭލުން ބުނެފައި ވަނީ އެ ކަން އޮތީ ހަމާސްގެ އަތްމަތީގައި ކަމަށް. ހަމާސް އިން އެ ކަން ކުރަން ބޭނުން ނަމަ، ރަހީނުން މިނިވަންކުރުމާ އެކު މާދަމާ ވެސް ހަމަލާތައް ހުއްޓާލާނެ ކަމަށް،" ސިއޭޓަލްގައި ބޭއްވި ފަންޑްރެއިސިން ހަރަކާތެއްގެ ތެރެއިން ބައިޑަން ވިދާޅުވި އެވެ.

ބޭރު ގައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެތައް ފަހަރެއްގެ މަތިން މަޝްވަރާތައް ބާއްވާފައި ވިޔަސް، އިޒްރޭލާއި ހަމާސް އާ ދެމެދު ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ސީދާ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ކައިރޯގައި މިސްރާއި ގަތަރާއި އެމެރިކާއިން މެދުވެރިންގެ ދައުރު އަދާކުރާ މަޝްވަރާތައް ހަމާސްއާ އެކު، އެންމެ ފަހުން ފެށީ ހަމަލާތައް 40 ދުވަހަށް ހުއްޓާލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުންނެވެ.

މީގެކުރިން ކުރި މަޝްވަރާތަކުގެ އަލީގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަފުތާއަކަށް ހަމަލާތައް މެދުކަނޑާލި އިރު ހަމާސް އިން ވަނީ ރަހީނުކުރި މީހުންގެ ތެރެއިން 80 މީހަކު މިނިވަންކޮށްފަ އެވެ. އިޒްރޭލުން ވަނީ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 240 މީހަކު މިނިވަންކޮށްފަ އެވެ.

އެކަމަކު އިޒްރޭލުން ފަހުން ހުށަހަޅާފައިވާ ހުށަހެޅުމަށް ކުރިއެރުމެއް ނުލިބުމުގެ މައިގަނޑު ސަބަބަކީ، ހަމަލާތައް ދާއިމީކޮށް ހުއްޓާލުމަށް ހަމާސްއިން ޑިމާންޑު ކުރާތީ އެވެ.

ޣައްޒާއިން އިޒްރޭލުގެ ހުރިހާ ސިފައިން ފައިބައި، އެ ތަނަށް ފަލަސްތީނުގެ އާންމުން އެނބުރި ދިއުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ވެސް ހަމާސް އިން ބުނެ އެވެ.

ނަމަވެސް ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަކީ އިޒްރޭލުން މިހާތަނަށް ވެސް ދެކޮޅު ހަދަމުން އައިސްފައިވާ ކަމެކެވެ.

އެންމެ ފަހުގެ މަޝްވަރާތައް ހިނގަމުންދަނިކޮށް، އިޒްރޭލުން ވަނީ ފަލަސްތީނުގެ ދޮޅު މިލިއަނެއްހާ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް ސިޓީ އަށް ހަމަލާދޭން ފަށައިފަ އެވެ.

އެކަމާ ދެކޮޅަށް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވެސް މިހާރު ތެދުވެފައިވާއިރު، އިޒްރޭލުން ދަނީ ރަފަހް އަށް ވަދެގަތުމުގެ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުން ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ. --އޭއެފްޕީ