Roadha Mihaaru
އެފްއޭއެމް ނޯމަލައިޒޭޝަނަކާ ދިމާލަށް

އެފްއޭއެމް ނޯމަލައިޒޭޝަނަކާ ދިމާލަށް

12 މެއި 2024

މައްސަލަތަކުން ފުނިޖެހިފައި އޮތް އެފްއޭއެމް، ފީފާގެ ނޯމަލައިޒޭޝަނަކާ ދިއުން ވަރަށް ކައިރިކަމަށް، މައުލޫމާތު އެނގޭ އޮފިޝަލަކު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މައްސަލަތަކުން ފުނިޖެހިފައި އޮތް އެފްއޭއެމް، ފީފާގެ ނޯމަލައިޒޭޝަނަކާ ދިއުން ވަރަށް ކައިރިކަމަށް، މައުލޫމާތު އެނގޭ އޮފިޝަލަކު ބުނެފި އެވެ.

ފީފާ އާއި އޭއެފްސީގެ މަންދޫބުން ހިމެނޭ ވަފުދަކުން، މިދިޔަ މަހު ރާއްޖެ އައިސް ފުޓްބޯޅައިގައި ޝާމިލުވާ ބައެއް ހިއްސާދާރުންނާ ބައްދަކުރި އެވެ. އޭގެ ތެރެއިން ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާ އެކު ފީފާގެ ވަފުދުން ބައްދަލު ކުރި އެވެ. އެ ބައްދަލުވުމުގައި ކްލަބްތަކުން ވަނީ، އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސް ދިނުމަށް ފީފާގެ ވަފުދުގެ ކިބައިން އެދިފަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މި އަންނަ ހުކުރު ދުވަހު ތައިލެންޑްގައި ބާއްވާ ފީފާގެ ކޮންގްރެސް އަށް ފަހު ރާއްޖެއާ މެދު އޮތް ގޮތް ފީފާއިން ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފީފާ އާއި އޭއެފްސީއާ ވެސް ގުޅުން އޮތް ބޭފުޅަކު ރޭ، "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ހަމައަކަށް އެޅުވުމުގައި އޭނާގެ ފަރާތުން ދޭންޖެހޭ އެއްބާރުލުމެއް ދޭން ތައްޔާރަށް ހުންނެވި ކަމަށް ފީފާ އާއި އޭއެފްސީގެ އޮފިޝަލުންނަށް ވެސް ދަންނަވާފައި އޮންނާނެ ކަމަށެވެ.

މިިދޔަ މަހު ރާއްޖެ އަށް ދަތުރު ކުރި ފީފާގެ ވަފުދުގެ ބޭފުޅުން: ކްލަބްތަކުން، އެ ވަފުދަށް ހުށަހެޅީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންދިއުމަށް --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

މިިދޔަ މަހު ރާއްޖެ އަށް ދަތުރު ކުރި ފީފާގެ ވަފުދުގެ ބޭފުޅުން: ކްލަބްތަކުން، އެ ވަފުދަށް ހުށަހެޅީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންދިއުމަށް --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

"އަޅުގަނޑު އޮންނާނީ އެ ބޭފުޅުންނަށް ދަންނަވާފަ ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު ކުރުމަށް އަޅުގަނޑުގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ވާހަކަ،" އޭނާ ރޭ "މިހާރު" އަށް ވިދާޅުވި އެވެ.

"އެއީ ނޯމަލައިޒޭޝަނަކަށް ގޮސް ޑޭ ޓް ޑޭ ހިންގުމުގައި އެތަނަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެހީވުން ކަމަށް ވިޔަސް، އެކަމުގައި އަޅުގަނޑުގެ އެއްބާރުލުން އޮންނާނެ ވާހަކަ ދެންނެވިން."

ހުކުރު ދުވަހު ތައިލެންޑްގައި ބާއްވާ ކޮންގްރެސްގައި ރާއްޖެ ރަމްސީލުކުރުމުގެ ހައިސިއްޔަތު އޮތީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ރާއްޖޭން ބޭރަށް ދަތުރުކުރުން މަނާކޮށްފައި ވުމުން އޭނާ އަށް އެ ކޮންގްރެސްގައި ފިޒިކަލީ ބައިވެރިވެ ވަޑައިނުގަނެވޭނެ އެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ބައްސާމްގެ މައްސަލަ ތަހުގީގު ކުރަމުން ދާތީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ކޯޓް އަމުރެއްގެ ދަށުންނެވެ.