Roadha Mihaaru
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި

އިންޑިއާ އިން ބަޖެޓް ސަޕޯޓަށް ދީފައިވާ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި

13 މެއި 2024

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ 100 މިލިއަން ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން ދެ ވަނަ ޓީބިލް ދައްކަން ޖެހެނީ މި މަހުގެ ތެރޭގަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންޑިއާ އިން ރާއްޖެ އަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރަށް ފަސްކޮށްދިނުމަށް އެ ބޭންކުން މިހާރު ނިންމާފައިވާ ކަމަށެވެ.

އެ 150 މިލިއަން ޑޮލަރުގެ އަނބުރާ ދައްކަން ތިން ވަނަ ޓީބިލް ހަމަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެގޮތަށް އެ ބޭންކުން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ ކުރެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރާ ބައްދަލުކުރައްވަނީ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރާ ބައްދަލުކުރައްވަނީ.

"އިންޑިއާގެ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ވެދީފައިވާ އެހީތެރިކަމަށް ވަރަށް ދީލަތިކަމާ އެކު ޝުކުރު އަދާކުރަން. ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރަން،" އެ ބަޔާނުގައި އެވެ.