Roadha Mihaaru
ރައީސް ގޮވާލެއްވީ އައިސީޖޭ އިން އިޒްރޭލް ހުއްޓުވަން

ރައީސް ގޮވާލެއްވީ އިޒްރޭލްގެ އަމަލުތައް އައިސީޖޭ އިން ހުއްޓުވަން

13 މެއި 2024

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހްގެ ބޯޑަރުތައް އިޒްރޭލުގެ ޓޭންކުތަކުން ވަށާލައި، އެ ސިޓީ އަށް ދެމުންދާ ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހްގެ ބޯޑަރުތައް އިޒްރޭލުގެ ޓޭންކުތަކުން ވަށާލައި، އެ ސިޓީ އަށް ދެމުންދާ ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލްގެ އަސްކަރީ ބާރުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ ނެތިގެންދާ ތަން ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ނޯންނާނެ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލާނެ ކަމަށެވެ.

އިޒްރޭލް އިން ޣައްޒާ އަށް، ހާއްސަކޮށް މިހާރު ރަފަހްއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ބައިނަލްއަގްވާމީ ގާނޫނަށް އަމަލު ކުރަން ރައީސް ވަނީ އިޒްރޭލަށް ގޮވާލައްވައިފަ އެވެ. އަދި މި ވަގުތަކީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެ ސައުތު އެފްރިކާ އިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އަށް ވެސް ރާއްޖެއިން ވަނީ ތަދައްހުލުވެފަ އެވެ. އަދި ރަފަހްގެ ހަމަލާތަކާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އިޒްރޭލްގެ މައްޗަށް އަޅައިދިނުމަށް ވެސް ސައުތު އެފްރިކާ އިން ހުށަހަޅާފައިވެ އެވެ.

ރައީސް ވިދާޅުވީ އެ ހުށަހެޅުމަށް ރާއްޖޭން ފުރިހަމައަށް ސަޕޯޓް ކުރާނެ ކަމަށެވެ.

ރާއްޖެ އާއި ދިވެހިން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ރާއްޖޭން އެއްބާރުލުން ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ފަލަސްތީނަކީ މިނިވަން ދައުލަތަކަށްވެ ފަލަސްތީނުގެ ރައްޔިތުންނަށް އަމާން، ސުލްހަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ލިބެންދެން ރާއްޖޭން ހިންދަމައިނުލާނެ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނު ކުރުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 34،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލައިފަ އެވެ.

އެ ހަމަލާތަކާ ދެކޮޅަށް ސައުތު އެފްރިކާ އިން އައިސީޖޭއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ހަމަލާތައް ހުއްޓާލުމަށް އަންގައި ވަގުތީ އަމުރެއް ނެރުނެވެ. ނަމަވެސް، މިހާތަނަށް އިޒްރޭލް އިން އެ ހަމަލާތައް ހުއްޓާލާފައިނުވާއިރު، އެމެރިކާގެ އިންޒާރާ އެކު ވެސް ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލް އިން ވަނީ ބުނެފަ އެވެ.