Roadha Mihaaru
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން

އާފިޔާ މި ކިޔައިދިނީ ރާއްޖެއަށް ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން

14 މެއި 2024

ކެންސަރު ބައްޔަށް އެތައް ބަޔަކު ފަރުވާކުރެ އެވެ. އެކަމަކު، ރާއްޖޭގައި އެކަމަށް ފަރުވާ ދިނުމަށް މި ވަގުތު ތިބީ އެންމެ ތިން ޑޮކްޓަރުންނެވެ. އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި މި ވަގުތު އޮންކޯ ސެންޓަރެއް ހިންގިއަސް، ރާއްޖޭގައި ސްޓޭޝަން ވެގެން ގަވައިދުން ފަރުވާއެއް ނުލިބެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރު ބައްޔަށް އެތައް ބަޔަކު ފަރުވާކުރެ އެވެ. އެކަމަކު، ރާއްޖޭގައި އެކަމަށް ފަރުވާ ދިނުމަށް މި ވަގުތު ތިބީ އެންމެ ތިން ޑޮކްޓަރުންނެވެ. އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި މި ވަގުތު އޮންކޯ ސެންޓަރެއް ހިންގިއަސް، ރާއްޖޭގައި ސްޓޭޝަން ވެގެން ގަވައިދުން ފަރުވާއެއް ނުލިބެ އެވެ.

ރާއްޖޭގައި އޮންކޮލޮޖިސްޓުން މަދުވުމުގެ ގެއްލުން މި ފަހަރު ލިބުނީ ކެއާ ސޮސައިޓީގެ ފައުންޑަރު ފާތުމަތު އާފިޔާއަށެވެ.

އޭނާ، އަމިއްލަ ތަޖުރިބާ ހިއްސާކޮށް ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކިހިލިފަތަށް އުރަމަތީގެ ކެންސަރު ފެތުރުނީ، ދޮޅުމަސްވަންދެން އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން އަގުބޮޑު ޓެސްޓުތައް ހަދަން ވަގުތު ނެގުމުން ކަމަށެވެ. އާސަންދަ ހަމަޖެހި، މިދިޔަ އަހަރުގެ ޖުލައި މަހު ބެންގަލޫރުގެ އެޗްސީޖީ ހޮސްޕިޓަލަށް ދެއްކުމުން ކިހިލިފަތުގެ ތިން ލިންފްނޯޑަށް ކެންސަރު ފެތުރިފައިވާކަން އެނގުނު ކަމަށް އާފިޔާ ވިދާޅުވި އެވެ.

އެހެންވެ، އެ ބަލީގެ ގޮތުން ކެންސަރު ޖެހިފައިވާ މީހުންގެ ކަންތައްތައް ވަގުތުން ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ ކެންސަރު ބަލި މީހުންގެ ފުރާނައަށް ގެއްލުން ނުވެ، ބަލި ބޮޑުވިޔަ ނުދީ ފުރާނަ ސަލާމަތްކުރުމަށް ވެސް މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ.

"ރާއްޖެއިން ކެންސަރުގެ ބަލި މީހުން ޓެސްޓުތައް ހައްދަން ގިނަ ދުވަހު މަޑުކުރަން ޖެހޭ ކޮންމެ ދުވަހަކީ ފުރާނައަށް ގެއްލުންވާ ކަމެކެވެ. އެހެން ނަމަވެސް ދޮޅުމަސް އަދި އެއަށްވުރެ ގިނަ ދުވަހު މަޑުކުރަންޖެހިދާނެ އެވެ." އޭނާ ވިދާޅުވި އެވެ.

އާފިޔާ މިދިޔަ މާޗު މަހު ހެދި އެޕޮއިންޓްމަންޓަކުން އޮންކޮލޮޖިސްޓަށް ދެއްކުނީ މި މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ޑޮކްޓަރު ބަލިވެ ނުވަތަ ޗުއްޓީއަށް ދިއުމުން ބަލި މީހުން ކިއުގައި މަޑުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިބާގެ ހާލަތު ވެސް އެއް ވަނަ ދަރަޖައިން ދެ ވަނައަށް ވެއްޓުނީ ވަގުތުން ފަރުވާ ނުކުރެވިގެންނެވެ. ފުރަތަމަ އޮތީ ހަމައެކަނި ރޭޑިއޭޝަން ތެރަޕީ އިން ފަރުވާކޮށް ނިމޭ ގޮތަށެވެ. ނަމަވެސް، ކެންސަރު ފެތުރި، ފަހުން ޖެހުނީ ކީމޯ ތެރަޕީގެ ސައިކަލްތައް 12 މަސް ވަންދެން ނަގާށެވެ. އަދިވެސް ހަތް ސައިކަލް ކީމޯތެރަޕީ ނަގަންޖެހެ އެވެ." އާފިޔާ ވިދާޅުވި އެވެ.

ކެންސަރަށް ފަރުވާ ހޯދުމުގައި ކުރި ތަޖުރިބާ ހިއްސާކުރައްވައި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އާފިޔާ ވިދާޅުވި ގޮތުގައި އެ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތް ފުޅާކުރަންޖެހޭ ކަމަށެވެ.

"ރާއްޖޭގައި ކެންސަރު ބަލި މީހުންނަށް ހާއްސަ ފަރުވާ ދެވޭނެ ހޮސްޕިޓަލެއް ރާއްޖޭގައި އެޅުން މުހިއްމެވެ. އައިޖީއެމްއެޗްގައި މިހާރު މަދު ހިދުމަތްތަކެއް ކެންސަރު ބަލި މީހުންނަށް ލިބެ އެވެ. ވަރަށް ފަހުން ހެދުނު އޮންކޮލޮޖިސްޓް ޑިޕާޓްމަންޓެއް ހުރެ އެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެސް ކީމޯތެރަޕީ ދެވޭ ގޮތަށް ހުރެ އެވެ. މިއީ، ކުރިއާ އަޅާބަލާއިރު ކުރިއެރުމެކެވެ. އެހެން ނަމަވެސް، ހާއްސަ ޑޮކްޓަރުންނެއް ނުތިބެ އެވެ. ހާއްސަ ހިދުމަތްތަކެއް ނެތެވެ،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުގެ ރިވިއުއަކަށް އިންޑިއާއަށް އަންނަން އޮތީ މީގެ ދެ މަސް ކުރިންނެވެ. މިތާގެ ޑޮކްޓަރުން އިތުރު ޓެސްޓުތައް ހެދުމަށް ވިދާޅުވި އެވެ. އާސަންދައިގެ ކަންތައްތައް މިދިޔަ އަހަރު ހަމަޖެހުނަސް، މި އަހަރު އަދި ވާ ގޮތެއް ނޭނގެ އެވެ. އެހެންކަމުން، ފަރުވާ ހުއްޓާލާފައި ރާއްޖެއަށް ފުރަން މި ނިންމީ އެވެ..-- އާފިޔާ

ހަތް މަސް ވަންދެން ބެންގަލޫރުން ފަރުވާ ހޯއްދެވުމަށްފަހު، މިދިޔަ މާޗު 15 ވަނަ ދުވަހު މާލެ ވަޑައިގަތީ ސާޖަރީ ހަދައި، ކީމޯތެރަޕީގެ އަށް ސައިކަލް އަދި ރާއްޖެއިން ނުލިބޭ ރޭޑިއޭޝަންގެ 17 ސައިކަލް ފުރިހަމަކުރުމަށްފަހު ކަމަށް އާފިޔާ ވިދާޅުވި އެވެ. ބެންގަލޫރަކީ ދިރިއުޅުން އަގުބޮޑު އަދި އުޅެން އެހާ ފަސޭހަ ތަނަކަށް ނުވާތީ، ފަރުވާ ލިބޭނަމަ ބޭނުންވަނީ ރާއްޖޭގައި ހުރެގެން އެކަން ފުރިހަމަކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިދިޔަ ޖުލައި މަހު އޭޑީކޭ ހޮސްޕިޓަލުން އަލަށް ގެނައި ޕެޓް ސްކޭނުން ހެދި ޓެސްޓަށް އެރި 1،038 ޑޮލަރު ނުވަތަ 16،016ރ. އާސަންދައިން އެއްކޮށް ދެއްކި އެވެ.

އެކަމަކު، ރިވިއުއަށް މި މަހު ބެންގަލޫރަށް ވަޑައިގެން ހެދި ޕެޓް ސްކޭނަށް ޖުމްލަ 540 ޑޮލަރު (8،326ރ.) އެރިއަސް، އާސަންދައިން އެޗްސީޖީ ހޮސްޕިޓަލަށް ބިލްކުރީ 150 ޑޮލަރު (2،313ރ.) އެވެ. ބާކީ ބައި ދައްކަން ޖެހުނީ، އާފިޔާ ވިދާޅުވި ގޮތުގައި އަމިއްލައަށެވެ.

"ޑޮކްޓަރުގެ ރިވިއުއަކަށް އިންޑިއާއަށް އަންނަން އޮތީ މީގެ ދެ މަސް ކުރިންނެވެ. މިތާގެ ޑޮކްޓަރުން އިތުރު ޓެސްޓުތައް ހެދުމަށް ވިދާޅުވި އެވެ. އާސަންދައިގެ ކަންތައްތައް މިދިޔަ އަހަރު ހަމަޖެހުނަސް، މި އަހަރު އަދި ވާ ގޮތެއް ނޭނގެ އެވެ. އެހެންކަމުން، ފަރުވާ ހުއްޓާލާފައި ރާއްޖެއަށް ފުރަން މި ނިންމީ އެވެ." އާފިޔާ ވިދާޅުވި އެވެ.

"ރާއްޖޭގައި ކެންސަރުގެ ބަލި މީހުންނަށް ހާއްސަކުރެވިފައިވާ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް އެބަ އަޅަންޖެހެ އެވެ. ރާއްޖެއިން މި ހިދުމަތްތައް ލިބުން މުހިއްމެވެ. އެތައް މަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ތިބެގެން ކެންސަރަށް ފަރުވާ ހޯދުމަށްވުރެ ހަމަ ގައިމު ވެސް ރާއްޖޭގައި ތިބެގެން ކެންސަރު ބައްޔަށް ފަރުވާ ކުރެވޭނެ ނަމަ ދައުލަތުގެ ބަޖެޓު ކުޑަވެފައި ރައްޔިތުންގެ އަތުން ދާ ހަރަދު ކުޑަވެފައި، ސަރުކާރުން ރާއްޖެއިން ބޭރަށް ހޮސްޕިޓަލްތަކަށް ކުރާ ހަރަދު ކުޑަވެފައި އަދި ކެންސަރު ބަލި މީހުންގެ ހިތްހަމަޖެހުން ބޮޑުވާނެ އެވެ." އޭނާ ވިދާޅުވި އެވެ.

އާސަންދައިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ކެންސަރަށް މިދިޔަ އަހަރު އެކަނި ވެސް 10،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދި އެވެ. އޭގެ ތެރޭގައި ކެންސަރަށް ޝައްކުކުރެވުނު މީހުން އަދި އަސްލު ފަރުވާ ހޯދި މީހުން ވެސް ހިމެނެ އެވެ.

ފާއިތުވި ފަސް އަހަރަށް ބަލާއިރު، ކެންސަރަށް އެންމެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ 2021 ވަނަ އަހަރެވެ. އެ އަހަރު 30،096 މީހުން އަދި ޖެހިގެން އައި 2022 ވަނަ އަހަރު 23،500 މީހުން ކެންސަރަށް ފަރުވާ ހޯދި އެވެ.

އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ކުރީގެ ސަރުކާރުން ވެސް ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމި އެވެ. އެކަމަކު، ލ. ގަމުގައި އަޅަން ނިންމި ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލް މާލެއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް އަދި ނުފެށެ އެވެ.