Roadha Mihaaru
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ

ހެލްމެޓް އަޅަން މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ

10 ޖެނުއަރީ 2019

ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ހެލްމެޓް އަޅަން މަޖުބޫރުކޮށް، ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ހަދަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ހެލްމެޓް އަޅަން މަޖުބޫރުކޮށް، ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ހަދަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބްރިޖުން ދަތުރުކުރާ އިރު މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުވާނެ ކަމަށެވެ. އެ ބަދަލަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ގެންނަ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެއީ، ބްރިޖު މަތީގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުން ބޮލަށް އަނިޔާވެ ފުރާނަ އަށް ނުރައްކާވުން ހުއްޓުވަން އޮތް ހައްލެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މާޗް 10 ގެ ފަހުން ހެލްމެޓް ނާޅާ ދުއްވާ ފަރާތްތަކަށް ގާނޫނާ ގަވައިދުގެ ތެރެއިން ލިބެން ޖެހޭ އަދަބެއް ލިބޭނެ އެވެ. "މަޖުބޫރު ވާނެ ވާހަކަ އަޅުގަނޑު މި ދެންނެވީ. މަޖުބޫރުވުމަކީ މަޖުބޫރު ކަމެއް ނުކޮށްފި ނަމަ ގާނޫނާ ގަވައިދުގެ ދަށުން އެބަޔަކަށް ލިބެން ޖެހޭ އަދަބެއް ވެސް ލިބެން ޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރެވެނީ. އެހެންވީމާ ހަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅޭނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިނިސްޓަރު ނަހުލާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހެލްމެޓް އަޅަން މީހުން ހޭލުންތެރި ކުރުވުމުގެ ހަފުތާއެއް ފާހަގަކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ ހަފްތާގައި ކޮންމެވެސް ވަރަކަށް އާއްމުންނަށް ހެލްމެޓް ބަހަން ވެސް ވަނީ ނިންމައިފަ އެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ހިލޭ ބެހުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ބަދަލުކުރަނީ އެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ބެލުމަށް ފަހު އެވެ. ޓެކްސީ ޚިދުމަތާ ގުޅޭ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ފޯރަމެއް ބާއްވައިފަ އެވެ.

މާލޭގައި ނަމަ ޓެކްސީ ދަތުރަކަށް ނަގަނީ 25ރ. އެވެ. ޓެކްސީ ނުލިބުމާއި ދަތުރެއް ކުރާއިރު، އެހެން މީހުން އަރުވައިގެން ގިނަ ތަންތަނަށް ހުއްޓުން ފަދަ ކަންކަން ޑްރައިވަރުން ކުރި ނަމަވެސް އެ އަގަކީ އެންމެ އެކަށީގެންވާ އަގު ކަމަށް ފޯރަމްގައި ވާހަކަ ދެއްކި ގިނަ ބަޔަކު ގަބޫލުކުރި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީތަކުގައި މީޓަރު ހަރުކުރިއަސް އެ އަގު ބޮޑެއް ނުވާނެ އެވެ. މިނިސްޓްރީން ވިސްނާފައި އަގެއް ކަނޑައަޅާނީ އާއްމުންނާއި ޑްރައިވަރުންނަށް ވެސް ދަތިނުވާނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

"އެއް ބަޔަކަށް މޮޅުވެފައި އަނެއް ބަޔަކަށް ދެރަ ލިބޭ ގޮތަށް ނޫން ބަދަލު ގެންނާނީ. ދެ ފަރާތަށް ވެސް އެކަށީގެންވާ ގޮތަށް ނިންމާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މާލެ ތެރޭގައި ދުއްވާ އަގު، ހަމަ ހުރިހާ ރައްޔިތުންވެސް އެއްބަސްވާ 25 ރުފިޔާގެ އަގަށް ވުރެ ބޮޑުކޮށެއް ހަމަ ގައިމުވެސް ނުފައްޓާނަން،" އޭނާ ވިދާޅުވި އެވެ.

ޓެކްސީތަކުން މާލެ ތޮއްޖެހިފައި: ޓެކްސީ ޚިދުމަތް ދެމުން އަންނަ ގޮތަށް ސަރުކާރުން އަންނަނީ ބަދަލުތަކެއް ގެންނަމުން. --ފޮޓޯ/މިހާރު

ޓެކްސީތަކުން މާލެ ތޮއްޖެހިފައި: ޓެކްސީ ޚިދުމަތް ދެމުން އަންނަ ގޮތަށް ސަރުކާރުން އަންނަނީ ބަދަލުތަކެއް ގެންނަމުން. --ފޮޓޯ/މިހާރު

މާލެ އާއި ހުޅުލެ އަދި ހުޅުލެ އަށް ބްރިޖުން ކުރާ ދަތުރުތަކަށް ޑްރައިވަރުން 100ރ. ނަގަ އެވެ. މި އަގު ބޮޑުވެގެން އާއްމުން ޝަކުވާ ކުރެ އެވެ. ޓެކްސީތަކުގައި މީޓަރު ހަރުކުރުމުން މި އަގަށް ވެސް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ކުރިއަށް ގެންދާ ބަސް ދަތުރުތައް، އެމްޓީސީސީއާ ހަވާލުކުރަން ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމައިފަ އެވެ.