Roadha Mihaaru
ނަތަންޔާހޫގެ ޣައްޒާ ޕްލޭނާމެދު ދިފާއީ ވެރިޔާގެ ނުރުހުން

ޣައްޒާގައި އިޒްރޭލުގެ ބާރު އޮތުމާ ދެކޮޅަށް ދިފާއީ ވެރިޔާގެ ނުރުހުން ބަންޑުންވެއްޖެ

16 މެއި 2024

ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމަ ނިމުމުން، ފަލަސްތީނުގެ ޣައްޒާގެ އިދާރީ ހިންގުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ޕްލޭނާ މެދު އޮތް ހިތްހަމަނުޖެހުން އިޒްރޭލުގެ ދިފާއީ ބާރުގެ ވެރިޔާ ޔޯއަވް ގަލަންޓް ޓީވީތަކަށް އަރައި ބަންޑުންކޮށްލައިފި އެވެ.

ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމަ ނިމުމުން، ފަލަސްތީނުގެ ޣައްޒާގެ އިދާރީ ހިންގުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ޕްލޭނާ މެދު އޮތް ހިތްހަމަނުޖެހުން އިޒްރޭލުގެ ދިފާއީ ބާރުގެ ވެރިޔާ ޔޯއަވް ގަލަންޓް ޓީވީތަކަށް އަރައި ބަންޑުންކޮށްލައިފި އެވެ.

ނަތަންޔާހޫގެ ޕްލޭނަކީ، ހަނގުރާމަ އަށް ފަހު ކުރިއަށް އޮތް ތަނުގައި ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިޒްރޭލުން ކުރިއަށް ގެންދިއުމެވެ. އެކަމަކު އެއީ ޣައްޒާ އަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވެރިވެގަތުން ކަމަށް ދިފާއީ ބާރުގެ ވެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޓީވީ މެދުވެރިކޮށް އިއްވި ބަޔާނެއްގައި ގަލަންޓް ބުނީ، ޣައްޒާގެ އިދާރީ ހިންގުމުގައި އިޒްރޭލުގެ އަސްކަރިއްޔާގެ ދައުރެއް އޮންނަން ބޭނުންނުވާ ކަމަށާއި އެ ކަން ފަލަސްތީނަށް ދޫކޮށްލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޣައްޒާގައި އޮތް ހަމާސްގެ ބާރު ރޫޅާލަން. މި ކަން ކުރެވޭނީ އަސްކަރީ ފިޔަވަޅު އެޅުމާއި އަދި ޣައްޒާގެ އިދާރީ ހިންގުމަށް ހަމާސް ނޫން ގޮތެއް ހޯދުން،" ގަލަންޓް ބުންޏެވެ.

އެ ކަން ހާސިލް ނުވެއްޖެ ނަމަ ކުރިމަތީގައި އޮތީ ޣައްޒާގެ މައްޗަށް ހަމާސްގެ ބާރު ދެމިއޮތުން ނޫނީ ޣައްޒާގައި އިޒްރޭލުގެ އަސްކަރީ ބާރު ގާއިމުކުރުން ކަމަށާއި އެ ހާލާތާ ދެކޮޅު ކަން ހާމަކުރައްވައި އޭނާ ވަނީ އެ ވިސްނުން ދޫކޮށްލުމަށް ނަތަންޔާހޫ އަށް ގޮވާލައިފަ އެވެ.

ނަތަންޔާހޫ ވަނީ އެ ވާހަކަތަކަށް ރައްދު ދެމުން، ހަމާސް ބަލިކުރުމަށް ނާކާމިޔާބު ވެފައިވާތީ ގަލަންޓް "ބަހަނާ" ދައްކާ ކަމަށް ސިފަކޮށްފަ އެވެ.

އިޒްރޭލުން މިހާރު ދަނީ ފަލަސްތީނުގެ ދޮޅު މިލިއަނެއްހާ މީހުން ހިމާޔަތް ހޯދަމުން އަންނަ ޣައްޒާގެ ރަފަހް ސިޓީއަށް އަރައިގަތުމުގެ އޮޕަރޭޝަން ފުޅާކުރަމުންނެވެ.

ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ވެސް ހުއްޓުމެއް ނެތި ހަމަލާތައް ބަދަލުކުރަމުން ދާއިރު، އިޒްރޭލުގެ ޓޭންކުތައް ވަނީ ރަފަހްގެ ތެރެއަށް ވަދެގެންފަ އެވެ.

ރަފަހް އަށް އަރައިނުގަތުމަށް، އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިޔާ އެމެރިކާ އިން ވެސް ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. ރަފަހް އަށް ވަދެގެންފި ނަމަ އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ވަނީ ދީފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް 35،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

އޭގެ ތެރެއިން، 56 ޕަސަންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.