Roadha Mihaaru
"ސުލްހައިގެ އެއްބަސްވުމަށް ހުރަސްއަޅަނީ ނަތަންޔާހޫ"

ސުލްހައިގެ އެއްބަސްވުމަށް ނަތަންޔާހޫ ހުރަސްއަޅާކަމަށް ހަމާސްއިން އަނެއްކާވެސް ތުހުމަތުކޮށްފި

19 އޯގަސްޓް 2024

ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލައި، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޅުގައި ހުރަސްއަޅަމުންދާ ކަމަށް ހަމާސް އިން އަނެއްކާވެސް ތުހުމަތުކޮށްފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލައި، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޅުގައި ހުރަސްއަޅަމުންދާ ކަމަށް ހަމާސް އިން އަނެއްކާވެސް ތުހުމަތުކޮށްފި އެވެ.

އެމެރިކާ، މިސްރު އަދި ގަތަރު މެދުވެރިވެގެން، ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ދެ ދުވަހުގެ ސުލްހައިގެ މަޝްވަރާތަކަށްފަހު ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ، ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ނުދެވިގެން އުޅެނީ، އެކަމަށް ނަތަންޔާހޫ ގަސްތުގައި ހުރަސްއަޅަމުންދާތީ ކަމަށެވެ.

އެ މަޝްވަރާތަކަށްފަހު، އެމެރިކާ އިން ވަނީ ސުލްހައިގެ އެއްބަސްވުމަށް އާ މާއްދާތަކެއް ހުށަހަޅައިފަ އެވެ.

އެކަމަކު މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ހުށަހެޅި އާ މާއްދާތަކަކީ ނަތަންޔާހޫގެ ޑިމާންޑުތައް ފުއްދަން ހުށަހެޅި ހުށަހެޅުންތަކެއް ކަމަށް ހަމާސް އިން ވަނީ ތުހުމަތުކޮށްފަ އެވެ.

ޣައްޒާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި، އިޒްރޭލު ސިފައިން ޣާއްޒާ އިން ފޭބުމަށް ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ. ހާއްސަކޮށް ޣައްޒާއަށް ވަދެވެން އޮންނަ ރަފާހް އާއި ފިލަޑެލްފީ މަގުތައް އިޒްރޭލު ސިފައިން ބެލެހެއްޓުމަކީ ނަތަންޔާހޫގެ ޝަރުތެކެވެ. އެއީ އޭނާ ގަބޫލުކުރާ ގޮތުގައި ޣައްޒާއަށް ހަތިޔާރު ވައްދަން ހަމާސް އިން ބޭނުންކުރާ ދެ މަގެވެ.

މީގެއިތުރުން، ގައިދީން ބަދަލުކުރުމުގައި ވެސް އާ ޝަރުތުތަކެއް ހިމަނާފައިވުމަކީ، ސުލްހައިގެ އެއްބަސްވުމަކަށް ނުދެވިގެން އުޅޭ އަނެއް ސަބަބު ކަމަށް ވެސް ހަމާސް އިން ބުންޏެވެ.

ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމަށް އެމެރިކާ އިން އިޒްރޭލަށް ޕްރެޝަރު ކުރަމުންދާ އިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މި ވަގުތު ހުންނެވީ އިޒްރޭލުގަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 40،000 އިން މައްޗަށް އަރައިފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ގިނަ އެވެ. -- އޭއެފްޕީ