Roadha Mihaaru
ޣާއްޒާގެ ޕްލޭނާ މެދު ނަތަންޔާހޫ އަށް ޕްރެޝާ ބޮޑުވަނީ

ޣާއްޒާގެ ޕްލޭނާ މެދު ނަތަންޔާހޫ އަށް ޕްރެޝާ ބޮޑުވަނީ

19 މެއި 2024

ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމަ ނިމުމުން، ފަލަސްތީނުގެ ޣައްޒާގެ އިދާރީ ހިންގުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ޕްލޭނާ މެދު އިޒްރޭލުގެ ސަރުކާރުގެ އިސްވެރިންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތައް އިތުރުވެ، ނަތަންޔާހޫ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމަ ނިމުމުން، ފަލަސްތީނުގެ ޣައްޒާގެ އިދާރީ ހިންގުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ޕްލޭނާ މެދު އިޒްރޭލުގެ ސަރުކާރުގެ އިސްވެރިންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތައް އިތުރުވެ، ނަތަންޔާހޫ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ނަތަންޔާހޫގެ ޕްލޭނަކީ، ހަނގުރާމަ އަށް ފަހު ކުރިއަށް އޮތް ތަނުގައި ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިޒްރޭލުން ކުރިއަށް ގެންދިއުމެވެ. އެކަމަކު އެއީ ޣައްޒާ އަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވެރިވެގަތުން ކަމަށް ދިފާއީ ބާރުގެ ވެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެ ޕްލޭނާ މެދު ވަރަށް ބޮޑަށް ނުރުހި، އިޒްރޭލުގެ ދިފާއީ ބާރުގެ ވެރިޔާ ޔޯއަވް ގަލަންޓް ޓީވީ މެދުވެރިކޮށް ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށް، ކެބިނެޓުގައި ހިމެނޭ ކުރީގެ އާމީ ޖެނެރަލް ބެނީ ގަންޓްޒް ވެސް ވަނީ ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އާ ޕްލޭނެއް އެކުލަވާނުލައިފިނަމަ އިސްތިއުފާ ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ގަންޓްޒް ޑިމާންޑު ކުރަމުންދަނީ، ހަނގުރާމަ ނިމުމަށްފަހު، ޣައްޒާ ހިންގުމުގައި އިޒްރޭލުގެ އަސްކަރިއްޔާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ނަތަންޔާހޫ އާންމުކޮށް އިއުލާނުކުރުމަށެވެ.

އަދި ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ފަލަސްތީނާއި، އެމެރިކާ، ޔޫރަޕް އަދި އަރަބި ގައުމުތައް އެކުލެވިގެން ޣައްޒާ ހިންގުމުގެ ޕްލޭނެއް އެކުލަވައިލުމަށް ވެސް އޭނާ ދަނީ ގޮވާލައްވަމުންނެވެ.

ގަންޓްޒް އާއި ގަލަންޓްގެ އިތުރުން، ހަނގުރާމައިގެ ނިންމުންތައް ނިންމައި އިޒްރޭލުގެ ކެބިނެޓުގެ އެހެން މެމްބަރުން ވެސް ނަތަންޔާހޫގެ ޕްލޭނާ ދެކޮޅު ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އިޒްރޭލުން މިހާރު ދަނީ ފަލަސްތީނުގެ ދޮޅު މިލިއަނެއްހާ މީހުން ހިމާޔަތް ހޯދަމުން އަންނަ ޣައްޒާގެ ރަފަހް ސިޓީއަށް އަރައިގަތުމުގެ އޮޕަރޭޝަން ފުޅާކުރަމުންނެވެ.

ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ވެސް ހުއްޓުމެއް ނެތި ހަމަލާތައް ބަދަލުކުރަމުން ދާއިރު، އިޒްރޭލުގެ ޓޭންކުތައް ވަނީ ރަފަހްގެ ތެރެއަށް ވަދެގެންފަ އެވެ.

ރަފަހް އަށް އަރައިނުގަތުމަށް، އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިޔާ އެމެރިކާ އިން ވެސް ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. ރަފަހް އަށް ވަދެގެންފި ނަމަ އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ވަނީ ދީފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް 35،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

އޭގެ ތެރެއިން، 56 ޕަސަންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.