Roadha Mihaaru
ގިނަބައްސަ، އެއްބައްސަ، ދެބައްސަ: އާ ބަސްތަކެއް!

ގިނަބައްސަ، އެއްބައްސަ، ދެބައްސަ: އަލަށް ތައާރަފް ކުރި ތިން ލަފުޒު!

21 ފެބުރުއަރީ 2017

މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅުވައިގެން، ބަހުގެ އެކަޑަމީން އާ ތިން ލަފުޒެއް ތައާރަފްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅުވައިގެން، ބަހުގެ އެކަޑަމީން އާ ތިން ލަފުޒެއް ތައާރަފްކޮށްފި އެވެ.

ބަސް އުފައްދާ ކޮމެޓީން އަލަށް ހެދި ތިން ލަފުޒަކީ "ގިނަބައްސަ" އާއި "އެއްބައްސަ" އާއި "ދެބައްސަ" އެވެ. ބަހާ ގުޅޭގޮތުން އުފެއްދި މި ލަފުޒުތަކުގެ ތެރޭން "ގިނަބައްސަ" އަކީ މަލްޓިލިންގުއަލް ނުވަތަ ގިނަ ބަސް ބޭނުންކުރުމެވެ. އެއް ބަހަކުން ވާހަކަ ދެއްކުން ނުވަތަ މޮނަލިންގުއަލްގެ ބަދަލުގައި "އެއްބައްސަ" އަދި ދެ ބަހުން ވާހަކަ ދެއްކުން ނުވަތަ ބައިލިންގުއަލްއަށް "ދެބައްސަ" ވަނީ ކަނޑައަޅާފަ އެވެ.

މިއަހަރުގެ މާދަރީ ބަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ ވެސް "ގިނަބައްސަކަމުގެ ތެރޭން ކުދިންނަށް ފުރުސަތު ފަހިކޮށް ދެވޭނަމަ އެ ކުދިންނަށް ބަވަނަވެރި ރައްޔިތުކަން ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ" އެވެ.

ދިވެހި ބަހުގެ ތެރެއަށް އަލަށް އިތުރު ކުރާ މި ފަދަ ލަފުޒުތައް ކަނޑައަޅަނީ ބަސް ކޮމެޓީގެ މެމްބަރުންގެ މެދުގައި އިލްމީ މިންގަނޑަކުން އެކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ވާހަކަ ދެއްކުމަށް ފަހުގަ އެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ބަހުގެ މާހިރުންނައި ދިވެހި ބަހަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ މެދުގައި ކުރާ މަޝްވަރާތަކަށް ފަހު މިގޮތަށް އާ ބަސްތައް އުފައްދަނީ އެއާ ގުޅޭ ލަފުޒުތަކާއި އެ ލަފުޒެއްގެ "ބަދަލުވުންތަކާއި ފުރޮޅުންތަކަށް" ބަލާފައި ކިޔާލަން ފަސޭހަ ގޮތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިހެން އަލަށް ހަދާ ލަފުޒުތަކަށް އާދަވާން ވަގުތު ނަގާނެ ކަމަށާއި އެކަމަކު އެ ލަފުޒެއް ބޭނުން ކުރި ވަރަކަށް ނުވަތަ އިވޭ ވަރަކަށް އެ ރީތި ވާނެ ކަމަށެވެ. އަދި އަލަށް ހަދާ މި ފަދަ ލަފުޒުތައް ބޭނުން ކުރާ މިންވަރު ވެސް ފަހަކަށް އައިސް އިތުރުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ގްރޭޕްސްއަށް ކިޔާ ދިވެހި ނަމެއްގެ ގޮތުގައި މިޒަމާނުގައި މޭބިސްކަދުރު ކަނޑައެޅި ނަމަ އެއެއް ނުހިނގާނެ. އެކަމަކު މިހާރު އަޅުގަނޑުމެން އެ ބަހަށް ފަރިތަވީމައި މޭބިސްކަދުރު ކިހާ އަޑުއަހާލަން ރީތިވެފައި މާނަފުންތޯ. މިހެން އުފައްދާ އެހެން ލަފުޒުތަކުގައި ވެސް ވާނީ އެހެން،" އަޝްރަފް ވިދާޅުވި އެވެ.

ބަސް އުފައްދާ ކޮމެޓީން މި ފަހުން ވަނީ އާ ގިނަ ދިވެހި ލަފުޒުތަކެއް އުފައްދާފަ އެވެ.

އެ ބަސްތައް ކިހާވަރަކަށް ބޭނުން ކުރޭތޯ ދެންނެވުމުން އަޝްރަފް ވިދާޅުވީ އާއްމުކޮށް އެ ބަސްތައް ބޭނުން ކުރަނީ މީޑިއާއިން ކަމަށާއި އެކަމަކު، ވަކި މަަސައްކަތަކާ ގުޅުވައިގެން އުފައްދާ އެފަދަ ބަސްތައް އެ މަސައްކަތެއް ކުރާ މީހުން ވެސް ބޭނުންކުރާ ކަމަށެވެ.

"މިސާލަކަށް ހާރިސީ އާއި ހިރާސް ފަދަ ބަސްތައް އެކަމާ ގުޅޭ ގަވައިދުތަކުގައި އެބަ ހިމަނާ. އޭގެ އިތުރުން ފަހުމްނާމާ ކަހަލަ ލަފުޒުތައް މިހާރު ކިހާ އާއްމުތޯ،" އޭނާ ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ އެއްޗަކަށް ނުވަތަ ކަމަކަށް ދިވެހި ނަމެއް ކިޔަން ވީމަ ބަސް ކޮމެޓީން އެއްވެލާފައި ހަމަ ބަހެއް ނުއުފައްދާ ކަމަށާއި އެއް ލަފުޒަކަށް ބައެއް ފަހަރަށް ދެތިން ހަފުތާ ވެސް ނަގާ ކަމަށެވެ.