Roadha Mihaaru
ގަދަކަމުން އުފައްދާ ބަސް

ގަދަކަމުން އުފައްދާ ބަސް

08 ޖޫން 2019

މި ވާހަކަ ފެށެނީ މި ހިސާބުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބަސްތަކެއް އުފައްދަން ބޭނުން ޖެހިގެން، ދިވެހި ބަހުގެ އެކަޑަމީން މަސައްކަތް ފެށި ހިސާބުންނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މި ވާހަކަ ފެށެނީ މި ހިސާބުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބަސްތަކެއް އުފައްދަން ބޭނުން ޖެހިގެން، ދިވެހި ބަހުގެ އެކަޑަމީން މަސައްކަތް ފެށި ހިސާބުންނެވެ.

އެކަޑަމީ އަށް އުފައްދަން ޖެހުނީ މެޑިކަލް ދާއިރާއާ ގުޅުން ހުރި ބަސްތަކެކެވެ. ހޮސްޕިޓަލުގައި ހުރި ކޮޓަރިތަކަކަށް ކިޔާ ނަންތަކެކެވެ. އެ ނަމަކުން ދޭހަވާން އެދެވުނީ، އެ ކޮޓަރިއެއް ބޭނުންހިފަން ގަސްދުކޮށްފައި ހުރި ބޭނުމެކެވެ.

ކޮޓަރިއަކަށް ކިޔުމަށް ހުށަހެޅި ނަންތަކުގެ ތެރޭގައި“3D Maxillofacial Imagine Room” ނުވަތަ "ތްރީޑީ މެކްސިލޮފޭޝަލް އިމޭޖިން ރޫމް" ހިމެނެ އެވެ. މި ކޮޓަރި އަށް ދިވެހިން ކިޔާ ގޮތަށް އޮތީ "ތިންމިނު މޫނުމަތި ސްކޭން ކޮޓަރި" އެވެ.

"ތްރީޑީ މެކްސިލޮފޭޝަލް އިމޭޖިން ރޫމް" މާނަކުރުމަށް އެކަޑަމީން ކުރި މަސައްކަތުން އުފެއްދުނީ "ތްރީޑީ" އަށް ކިޔާނެ ބަހެއް އެކަންޏެވެ. "މެކްސިލޮފޭޝަލް" އަކީ ހަމައެކަނި މޫނުމައްޗެއް ނޫނެވެ. ދިވެހި ބަހުގެ ރަދީފުގައި މޫނުމަތި" މާނަކޮށްފައި ވަނީ "މޫނަށްވީ ހިސާބު" ކަމަށެވެ. މިއީ "މެކްސިލޯފޭޝަލް" ރަނގަޅަށް މާނަކުރެވޭ ވަރަށް ވުރެ ފަގީރު ބަހެކެވެ.

http://dhivehiacademy.edu.mv/beta/wp-content/uploads/NDC-listuge-au-lafuzu.pdf

ދަރުމަވަންތަ ހޮސްޕިޓަލު ނަންބޯޑުތަކުގައި ހިމެނޭ އައު ލަފުޒާއި ހިސްތިލާހާއި އޭގެ ހަމަ

ދަރުމަވަންތަ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކަކަށް ނިސްބަތްކުރުމަށް އިނގިރޭސި ނަންތަކެއް ކަނޑައަޅައި އެ އަށް ދިވެހި ލަފުޒުތަކެއް އުފައްދަން ފަށާއިރު، މުގޫ އޮންނަން ޖެހޭނީ ހެލްތު މިނިސްޓްރީގައި ކަމަށް ދެކެމެވެ. ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލްތައް، ކްލިނިކްތައް އަދި ސިއްހީ މަރުކަޒުތަކުގެ ބެލެނިވެރި އިދާރާ އަކީ އެއީ ކަމަށް ވާތީ އެވެ. އަދި މި ގޮތަށް އުފައްދާ ނަންތައް ވާން ޖެހޭނީ ސިއްހީ ނިޒާމުގައި އެންމެން އެކުގައި ބޭނުންކުރެވޭ ލަފުޒުތަކެއް ކަމަށް ފެންނާތީ ވެސް އެވެ.

ދުނިޔޭގައި މެޑިކަލް ދާއިރާ ވަނީ ވަރަށް ކުރިއަރާފަ އެވެ. މެޑިކަލް ދާއިރާއާ ގުޅުން ހުރި ވާހަކަތައް، ހަމައެކަނި ދިވެހި ބަހުން ކިޔައިދެވޭނެ ގޮތެއް ނެތެވެ. މެޑިކަލް ލަފުޒުތައް އުނގަނައިދިނުމުގައި ވެސް، މުހިންމު ލަފުޒުތަކަށް ނިސްބަތްކުރާނެ ވަކި ޚާއްސަ ދިވެހި ބަސްތަކެއް އުފެއްދިފައި ވެސް ނެތެވެ.

މި ޒަމާން ދަންނަ މެޑިކަލް ތައުލީމު އަހަރެމެން ހާސިލުކުރަނީ އިނގިރޭސި ބަހުންނެވެ. މެޑިކަލް ތައުލީމު މާއްދާތަކަކަށް ބަހައި، މައިގަނޑު ބައިތައް ވެސް ކިޔަވަނީ އިނގިރޭސި ބަހުންނެވެ. ލަފުޒުތައް ހުންނަނީ އިނގިރޭސި ބަހަށް ނިސްބަތްކޮށްފަ އެވެ. އެކަޑަމީ އަށް ކުރިމަތިވި އެންމެ ބޮޑު ދަތިކަމަކީ މި އެވެ. އިނގިރޭސި ބަހުން ހުރި މެޑިކަލް ލަފުޒުތައް ދިވެހި ބަހަށް ތަރުޖަމާކުރަން ޖެހުމެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުން ޖެހުނު ލަފުޒުތައް އުފެއްދުމަކީ ހަމައެކަނި އެކަޑަމީ އަށް ކުރެވޭ ފެންވަރުގެ މަސައްކަތެއް ނޫނެވެ. ސަބަބަކީ އެ މުއްސަނދިކަން ދިވެހި ބަހުގައި ނެތުމެވެ. މި މަސައްކަތުގައި ފަންނީ މާހިރުންގެ އިރުޝާދުގެ އިތުރުން މެޑިކަލް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތަޖުރިބާ ވެސް ހިމަނަން ޖެހެ އެވެ. މި ފަދަ ބޮޑެތި މަސައްކަތްތައް ވާން ޖެހޭނީ ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަކަށެވެ. އަދި އެއީ ގައުމީ މަންހަޖުގައި ހިމަނައި، މެޑިކަލް މާއްދާތައް ކިޔަވައިދިނުމަށް ބޭނުހިފޭނެ ލަފުޒުތަކަކަށް ވެސް ވާން ޖެހެ އެވެ.

މެޑިކަލް ދާއިރާއާ ގުޅުން ހުރި މިކަހަލަ ލަފުޒުތައް ރަނގަޅުވާނީ އެ ގޮތަށް ދޫކޮށްލުމެވެ. އެ ލަފުޒުތައް މިހާރު އެ ހުރީ އެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފަ އެވެ. “Endoscopy”، “Anatomy” އަދި “Radiography” ފަދަ ލަފުޒުތައް ތަރުޖަމާކުރެވޭ ފެންވަރު ދިވެހި ބަސްކޮށާރުގައި ޖަމާވެފައި އަދި ނެތެވެ.

ދިވެހި ބަސްކޮށާރު މުއްސަނދިކުރުމަށް ބޭރު ބަސްބަހުން ނަކަލުކޮށްފައި ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި “comma” ނުވަތަ "ކޮމާ" ހިމެނެ އެވެ. "މިއީ ޖުމްލައެއްގެ ތެރޭގައި ކުޑަކޮށް މަޑުކޮށްލަން ޖެހޭ ތަންތަން ފާހަގަކުރުމަށް ޖަހާ ނިޝާނެއް" ކަމަށް ދިވެހި ރަދީފުގައި ވެ އެވެ. ދެން އޮތީ “semicolon” "ސެމީކޯލަން" އެވެ. ދިވެހި ބަހުގައި އެއީ "ސެމީކޯލަން"އެއް ނޫނެވެ. އެއީ "ތިކިކޮމާ" އެވެ. އަދި “full stop” "ފުލް ސްޓޮޕް" ވެސް އެބަ އޮތެވެ. އަހަރެމެން ކިޔަނީ "ފުލުސްޓޮޕް" އެވެ. "ފުރިހަމަ ހުއްޓުން" އެއް ނޫނެވެ. އެއީ ޖުމްލައެއް ލިޔެ ނިމުމުން ޖަހާ ތިއްކެކެވެ.

"ސޯޝަލް މީޑިޔާ" އަށް "މީސް މިޑިޔާ" އޭ ކިޔުމުން އަދި ވެސް މި އުޅެނީ ފަރިތަނުވެގެންނެވެ. ކޮންމެ ހުކުރު ދުވަހަކު "އޭ މީސްތަކުންނޭ" ނުގޮވާ ނަމަ، "މީސް" އަކީ ވެސް ނުފަރިތަ ބަހަކަށް ވީހެވެ. ނަމަވެސް، ހަމަ އިވޭ ތަނުން ފަރިތަވެ، އާދަވާ ލަފުޒުތައް ވެސް އެބަ ހުއްޓެވެ. މިސާލަކަށް "ޕާޓޭ – ޑްރަގު ދެވިހިފާފައި ތިބޭ މީހުން" އަދި "އަތަށް ގޮވުން – މީހަކަށް ލަނޑެއްދޭން ކުރި ކަމަކުން، އެ ލަނޑު ތިމާ އަށް ލިބުން" ފަދަ ބަސްތައް ހިމެނެ އެވެ. މި ފަދަ ބަސްތައް އުފެދި އާންމުވުމުގައި އެކަޑަމީގެ އެއްވެސް ދައުރެއް ނޯވެ އެވެ.