Roadha Mihaaru
ޅެން ބައިތުގެ ޗެލެންޖެއް އެކަޑަމީން ފަށައިފި

ޅެން ބައިތުގެ ޗެލެންޖެއް އެކަޑަމީން ފަށައިފި

14 އެޕްރީލް 2020

މިއަދު ފާހަގަ ކުރާ ދިވެހި ބަހުގެ ދުވަހާ ގުޅިގެން، ބައިތު ހުށަހަޅަން ޖެހޭ ސޯޝަލް މީޑިއާ ޗެލެންޖެއް ދިވެހި ބަހުގެ އެކަޑަމީން މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިއަދު ފާހަގަ ކުރާ ދިވެހި ބަހުގެ ދުވަހާ ގުޅިގެން، ބައިތު ހުށަހަޅަން ޖެހޭ ސޯޝަލް މީޑިއާ ޗެލެންޖެއް ދިވެހި ބަހުގެ އެކަޑަމީން މިއަދު ފަށައިފި އެވެ.

"ވާދަ ބައިތު ހުށަހެޅުން"ގެ ނަމުގައި އެކަޑަމީން ތައާރަފްކުރި ޗެލެންޖް ފައްޓަވައިދެއްވީ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އެވެ.

ދިވެހި ބަހުގެ އެކަޑަމީން މިއަދު ކުރި ޓްވީޓެއް

"ދިވެހި މަސްކަނޑުތަކުން މަސް ފުމެންޏާ ވިލާ، ދިވެހި ފަސްގަނޑު ދަށަށް ބިސް އަޅަންޏާ ވެލާ، ދިވެހި ރުއްލަކުޑި ނިރޮޅުން ކޮށެންޏާ ފިލާ، ދިވެހި ބަސް ދިވެހި ގައުމުން ނުދާނޭ ފިލާ،" މި ބައިތު ހުށަހެޅުމަށް ފަހު، އަޝްރަފު އެދިވަޑައިގަތީ، ކޮންމެ މީހަކު ވެސް އަމިއްލަ ބައިތެއް ހުށަހެޅުމަށެވެ.

ހުރިހާ ދިވެހިންނަށް ހުޅުވާލައިގެން ފަށާފައިވާ މި ޗެލެންޖުގައި، ބައިތެއް ހުށަހަޅާލުމުން ބައިވެރިވެވުނީ އެވެ. ބައިތު ހުށަހަޅާލުމަށް ފަހު އެހެން މީހަކު ޓެގް ކުރުމަށް ފަހު، މި ޗެލެންޖުގައި ބައިވެރިވާން އެދެންވީ އެވެ. މިއީ، ސޯޝަލް މީޑިއާގައި އެހެން ޗެލެންޖްތައް ވެސް ކުރިއަށް ދާ ގޮތެވެ.

މި އަހަރުގެ ދިވެހި ބަހުގެ ގައުމީ ދުވަސް ފާހަގަ ކުރަން އެކަޑަމީން ކަނޑައަޅާފައިވާ ޝިއާރަކީ، "ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހި ބަހަށް" އެވެ. އެކަޑަމީން ބާރު އަޅަނީ، މުއާމަލުކުރުމުގައި ސާފު ދިވެހި ބަސް ބޭނުންކުރަން އިސްކަން ދިނުމަށެވެ. އޭގެ ތެރޭގައި ދިވެހިން ވާހަކަ ދައްކާށާއި ދިވެހި ބަހުން ލިޔުމާއި ދިވެހިން ލިޔެފައިވާ ފޮތް ކިޔަން އެކަޑަމީން ބާރު އަޅައެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން އެއްވެ ނޫޅުމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ މި ދުވަސްވަރު ބާރު އަޅަމުންނެވެ. މި ދުވަސްވަރު ގޭގައި ތިބޭ އިރު ފޫހިފިލުވާލަން ފޮތެއް ކިޔާ އިރު، ދިވެހިން ލިޔެފައިވާ ފޮތެއް ކިޔާލަން އިސްކަން ދޭން ވެސް އެކަޑަމީން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ދިވެހި ބަހަށް ކުޑަކުދިން އަހުލުވެރިކުރަން، އެ ކުދިންނަށް ދިވެހި ބަހުން ވާހަކަ ދައްކަން މައިންބަފައިންގެ ފަރާތުން އެކަޑަމީން ވަނީ އެދިފަ އެވެ. ހާއްސަކޮށް ގަސްގަހާއި މަސް އަދި އެހެނިހެން ތަކެއްޗަށް ވެސް ދީފައިވާ ދިވެހި ނަންތައް ދަސްކޮށްދޭން އެކަޑަމީން އެދިފައި ވެ އެވެ.