Roadha Mihaaru
ދިވެހިންގެ ފަރާތުން އީރާނަށް ރައީސް ހިތްވަރު ދެއްވައިފި

ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އީރާނަށް ރައީސްގެ ހިތްވަރުގެ މެސެޖެއް

20 މެއި 2024

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްވަރުގެ މެސެޖެއް ފޮނުއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްވަރުގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ ރައީސާއި އިސް ވަފުދުގެ ބޭފުޅުން ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާގެ ހަބަރު ލިބިވަޑައިގަތުމުން ނުހަނު ކަންބޮޑުވެ، ހިތާމަކުރައްވާ ކަމަށެވެ.

"ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސާޗު އެންޑް ރެސްކިއު އޮޕަރޭޝަން ޓީމަށް ހިތްވަރުދެން. އަދި އުއްމީދަކީ ވަފުދުގެ ބޭފުޅުން ހެޔޮހާލުގައި ފެނުން،" ރައީސް ވިދާޅުވި އެވެ.

ރައިސީއާ އެކު އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ ހައިން އާއި އަދި އިތުރު ދެ ބޭފުޅަކު ވެސް ތިއްބެވި ކަމަށްވެ އެވެ.

މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ލީޑަރުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ސައުދީ އަރަބިއްޔާގެ އިތުރުން ތުރުކީން ވެސް ވަނީ ހެލިކޮޕްޓަރު ހޯދުމުގެ އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަން ހާމަކޮށްފަ އެވެ.

އެންމެފަހުގެ މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމަށް ހިންގި ބޮޑު އޮޕަރޭޝަނުގައި އެ ހެލިކޮޕްޓަރު މިހާރު ވަނީ ފެނިފަ އެވެ. އީރާނުގެ މީޑީއާތަކުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އެކަމަކު ވެއްޓުނު ހެލިކޮޕްޓަރު ރެސްކިއު ޓީމުތަކަށް ފެނުން ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އަދި ރައީސީ ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނުބުނެ އެވެ.

އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހުކުރެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުގެ އިތުރަށް މޫސުން ގޯސްވުމުގެ ސަބަބުން، ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން އެތައް ގަޑިއިރެއް ހޭދަވި އެވެ. ރެސްކިއު ޓީމުތަކުން ދަނީ ކުއްތާ އާއި ޑްރޯންގެ އެހީ ވެސް ހޯދަމުންނެވެ.