Roadha Mihaaru
ރައިސީގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

އިރާނުގެ ރައީސްގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

22 މެއި 2024

އިރާނުގެ ރައީސް އިބްރާހިމް ރައިސީގެ ޖަނާޒާގައި ބައިވެރިވުމަށް އެތައް ހާސް މީހުން ވެރިރަށް ތެހެރާންގެ ސިޓީ ސެންޓަރަށް ޖަމާވެއްޖެ އެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައިސީގެ ޖަނާޒާގައި ބައިވެރިވުމަށް އެތައް ހާސް މީހުން ވެރިރަށް ތެހެރާންގެ ސިޓީ ސެންޓަރަށް ޖަމާވެއްޖެ އެވެ.

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، ރައީސީގެ އިތުރުން އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި އެ ހެލިކޮޕްޓަރު ދެން ތިއްބެވި ހަތް ބޭފުޅުން ވެސް ވަނީ އަވަހާރަވެފަ އެވެ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ސަންދޯއްތަކުގެ ކައިރީގައި ހާއްސަ ދުއާއެއް ކުރައްވައިފަ އެވެ.

ޖަނާޒާގައި ބައިވެރިވާން ތެހެރާނުގެ ސިޓީ ސެންޓަރަށް ޖަމާވި ގިނަ ބަޔަކު ތިބީ ކަޅު ހެދުމުގައި، ރައިސީގެ ފޮޓޯފުޅު ޖެހި ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެންނެވެ. އިރާނު ސަރުކާރުން ވަނީ ރައިސީއަށް ޝަހީދެއްގެ ދަރަޖަ ދީ، ޖަނާޒާގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުން އިލްތިމާސްކޮށްފަ އެވެ.

އިރާނުގެ ރައީސް ރައިސީގެ ޖަނާޒާގައި ބައިވެރިވާން ގިނަ ބަޔަކު ޖަމާވެފައި. --ފޮޓޯ: އޭއެފްޕީ

އިރާނުގެ ރައީސް ރައިސީގެ ޖަނާޒާގައި ބައިވެރިވާން ގިނަ ބަޔަކު ޖަމާވެފައި. --ފޮޓޯ: އޭއެފްޕީ

ތެހެރާނުން ރައިސީގެ ހަށިކޮޅު ގެންދާނީ، ރައިސީގެ އުފަން އިރުއުތުރުގައި އޮންނަ މަޝްހާދު ސިޓީއަށެވެ. ރައިސީ ފަސްތާނުލުމަށް ހަމަޖެހިފައިވަނީ މާދަމާގެ މެންދުރުގެ ވަގުތެއްގަ އެވެ.

ރައިސީ އަވަހަރާވުމުގެ ހިތާމައިގައި، އިރާނުގައި ފަސް ދުވަހު ވަންދެން ހިތާމަފާޅުކުރާނެ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އިރާނުން ވަނީ ބުނެފަ އެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން، ހާދިސާ ހިނގިތާ 15 ގަޑިއިރެއްހާ އިރު ފަހުން، ހެލިކޮޕްޓަރާ ހަމައަށް ދެވުނު އިރު، ހެލިކޮޕްޓަރު އެކީގައި އަޅިއަށް ވެފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ.

އަދި ހެލިކޮޕްޓަރުގައި ދަތުރުކުރި ފަސަންޖަރުންގެ ހަށިގަނޑުތައް އެކީގައި އަނދާފައިވާ ކަމަށްވެ އެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން، އިރާނުގެ ވެރިކަން ވަނީ ނައިބު ރައީސް މުހައްމަދު މޮޚްބެރް އާ ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ. އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހެ އެވެ.

އިރާނު ސަރުކާރުން މިހާރު ވަނީ އާ ރައީސަކު އިންތިހާބު ކުރުން އަންނަ މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފަ އެވެ.