Roadha Mihaaru
އެންމެ ބަރު މީހާ ހިކެން އިންޑިއާ މީހުން އެހީވަނީ

އެންމެ ބަރު މީހާ ހިކެން އިންޑިއާ މީހުން އެހީވަނީ

22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށްވާ މިސްރުގެ އީމާން އަހުމަދު މިހާރު އޮތީ ބަރުދަން ލުއިކުރަން ބޭނުންވާ އޮޕަރޭޝަންކޮށް ފަރުވާ ހޯދަން އިންޑިއާގެ މުމްބާއީއަށް ގެންގޮސްފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށްވާ މިސްރުގެ އީމާން އަހުމަދު މިހާރު އޮތީ ބަރުދަން ލުއިކުރަން ބޭނުންވާ އޮޕަރޭޝަންކޮށް ފަރުވާ ހޯދަން އިންޑިއާގެ މުމްބާއީއަށް ގެންގޮސްފަ އެވެ.

މުމްބާއީގެ ސައިފީ ހޮސްޕިޓަލުން އީމާނަށް ފަރުވާ ދެމުން ދަނީ ހިލޭސާބަހަށެވެ. ފަރުވާއަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ހޮސްޕިޓަލުންނެވެ. އީމާންގެ ބެރިއޭޓްރިކް ސާޖަރީއަށް ބޭނުންވާ އެއް ކްރޯޑު (10 މިލިއަން ރުޕީސް) މިހާރުވެސް ހޮސްޕިޓަލުން ވަނީ އެއްކޮށްފަ އެވެ.

އެންމެ ފާހަގަކޮށްލެވޭ އެހީތެރިކަމެއް މިހާތަނަށް ދީފައިވަނީ ބޮލީވުޑް ތަރި ރިތިކް ރޯޝަންގެ މަންމަ ޕިންކީ ރޯޝަން އެވެ. ޕިންކީ ވަނީ އީމާންގެ އޮޕަރޭޝަނަށް 10 ލައްކަ ރުޕީސް ހަދިޔާ ކޮށްފަ އެވެ. މި ފައިސާ އޭނާ ވަނީ އީމާން މުމްބާއީއަށް ގެނައުމުގެ އެއް ދުވަސް ކުރިން ހޮސްޕިޓަލާ ހަވާލުކޮށްފަ އެވެ.

ޕިންކީ މިހާރު އިންތިޒާރުކުރަނީ އީމާންއާ ބައްދަލުކުރުމުގެ ހުއްދަ ހޮސްޕިޓަލުން އޭނާއަށް ދޭނެ ދުވަހަކަށެވެ.

ޕިންކީ ބުނީ އީމާންއާ ބެހޭ ޚަބަރުތައް އޭނާ އެކި މީޑިއާތަކުން ކިޔާތާ މިހާރު ތިން މަސް ދުވަސް ވެއްޖެ ކަމަށެވެ. އެހެންވެ އީމާން މުމްބާއީ އަށް ދާކަން އެނގުމުން އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދޭން ގަސްތުކުރީ އެވެ.

ޒުވާން އަންހެނަކު 25 އަހަރު ވަންދެން އެނދުގައި ނުތެދުވެވި އޮތުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެހެންވެ އިންޑިއާގެ އެންމެން އެކަތިގަނޑަކަށް ވެގެން އީމާން އަށް ފަރުވާ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އޭނާ ވެސް އެހީތެރިކަމެއް ދިނީ ކަމަށް ޕިންކީ ބުންޏެވެ.

ރިތިކް އޭނާގެ މަންމަ އާއި ބައްޕަ އަދި ދައްތަ ސުނައިނާ (ވ) އާއެކު

ރިތިކް އޭނާގެ މަންމަ އާއި ބައްޕަ އަދި ދައްތަ ސުނައިނާ (ވ) އާއެކު

ޕިންކީ ބުނި ގޮތުގައި ފައިސާގެ އެހީގެ އިތުރުން އީމާން އާ ބައްދަލުކޮށް އޭނާއަށް އޯގާތެރިކަމާއި އަޅާލުމުގެ ގޮތުން ވެސް ކޮށްދެވެން އޮތްކަމެއް ކޮށްދޭން އޭނާ އާއި އަންހެން ދަރިފުޅު ސުނައިނާ ތިބީ ތައްޔާރަށެވެ. ނަމަވެސް ހޮސްޕިޓަލުން އަދި ހުއްދަ ނުލިބޭކަމަށް އޭނާ ބުންޏެވެ.

ހޮސްޕިޓަލުން ހުއްދަ ލިބުމުން ރިތިކް ވެސް އީމާންއާ ބައްދަލުކުރާނެތޯ ސުވާލުކުރުމުން ރިތިކްގެ މަންމަ ބުނީ އޭނާ މިވަގުތު އިންޑިޔާގައި ނެތް ކަމަށާއި އެހެންވެ އެކަމާ ބެހޭ ގޮތުން އެއްވެސް ބުނަން އަދި ނޭނގޭ ކަމަށެވެ.

އީމާން އަށް އެހީވުމަށް ހުޅުވާފައިވާ "ހެލްޕް ސޭވް އީމާން" ފަންޑަށް ބޮލީވުޑް ފަންނާނުންގެ އިތުރުން އިންޑިޔާގެ ގިނަ ބަޔަކު އަންނަނީ ފައިސާގެ އެހީ ދެމުންނެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން އީމާން އަށް އެންމެ މަގްބޫލީ ސަލްމާން ޚާނެވެ. އަދި ސަލްމާންއާ ބައްދަލުކުރަން އީމާން ބޭނުންވެ އެވެ. ސަލްމާންގެ ބައްޕަ ސަލީމް ޚާން ބުނި ގޮތުގައި ހޮސްޕިޓަލުން ރަސްމީކޮށް ސަލްމާނަށް ދައުވަތެއް ފޮނުވާފައި ނުވާ ކަމަށާއި ދައުވަތު ދީފި ނަމަ ސަލްމާން ޔަގީނުން ވެސް އީމާންއާ ބައްދަލުކުރަން ދާނެ ކަމަށެވެ.

އީމާނަށް ސަލްމާން ކަމުދިޔައީ ހޮސްޕިޓަލުގައި އޮވެގެން ހިންދީ ފިލްމު ބަލަބަލަ އެވެ. ސަލްމާންގެ "ކިކް" ބެލި ފަހުން އޭނާއަށް މާ ބޮޑަށް ސަލްމާނާ ގަޔާ ވެވުނީ އެވެ.

ނުރައްކާ ބޮޑު އުނދަގޫ އޮޕަރޭޝަނެއް

އީމާންގެ އޮޕަރޭޝަން ކުރުމުގެ ތައްޔާރީގައި އިސްކޮށް އުޅުއްވަނީ ބެރިއޭޓްރިކް ސާޖަން ޑރ. މުފައްޒަލް ލަކަޑަވާލާ އެވެ. އޭނާއަކީ އިންޑިއާގައި ވެސް ހުރި މިކަމަށް އެންމެ ގާބިލް އެއް ޑޮކްޓަރެވެ. ނަމަވެސް މިޑް ޑޭ ނޫހަށް ޑރ. މުފައްޒަލް ވިދާޅުވެފައިވާ ގޮތުގައި އީމާންގެ އޮޕަރޭޝަނަކީ އޭނާ މިހާތަނަށް ކޮށްފައި ނެތް ވަރުގެ ގޮންޖެހުން ބޮޑު އޮޕަރޭޝަނެކެވެ. އަދި މިއީ މެޑިކަލް ހިސްޓްރީގައި ވެސް ފާހަގަ ކޮށްލެވޭ ވަރުގަދަ މަސައްކަތަކަށް ވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އީމާނަށް އަލުން ދިރިއުޅެވޭ ވަރު ކޮށްދިނުމަށް އެ ނުރައްކަލާ ވެސް ކުރިމަތިލާން ޑރ. މުފައްޒަލް ހުންނެވީ ތައްޔާރަށެވެ.

އީމާން އިންޑިއާއަށް ގެންދިޔައިރު އޭނާގެ ބަރުދަނުގައި 500 ކިލޯ ހުއްޓެވެ. އަދި ތަފާތު ބަލިތަކުގެ ސަބަބުން އޭނާގެ ސިއްހަތު ގޯސްވެ ފުރާނައަށް ނުރައްކާވެފައިވެ އެވެ.