Roadha Mihaaru
500 ކިލޯ ހުރި މީހާ ފަރުވާއަށް އިންޑިއާއަށް

ބަރުދަނުގައި 500 ކިލޯ ހުރި މީހާ ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި

12 ފެބުރުއަރީ 2017

އުމުރުން 36 އަހަރުގެ އީމާން އަހުމަދަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ބަރު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ބަރުދަނުގައި 500 ކިލޯ އެބަހުއްޓެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އުމުރުން 36 އަހަރުގެ އީމާން އަހުމަދަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ބަރު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ބަރުދަނުގައި 500 ކިލޯ އެބަހުއްޓެވެ.

އީމާން ބަރުވެ ހެލިފެލިވެ ނޫޅެވޭތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވާ ވަރުގެ ސިއްހީ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ އޭނާގެ ބަރުދަން ލުއިކޮށްދެވޭތޯ ވަރަށް ގިނަ ޑޮކްޓަރުންގެ ކިބައިން އެދުނެވެ. ނަމަވެސް ހިލޭ ފަރުވާ ދޭން އެއްބަސްވީ އިންޑިއާގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުންނެވެ.

އީމާންގެ ފަރުވާ ލަސްވެފައި އޮތީ އޭނާ އިންޑިއާއަށް ގެންދެވޭނެ ގޮތެއް ނެތިގެންނެވެ. އާދައިގެ އެއްވެސް އެއާލައިނަކުން އޭނާ ގެންގޮސްދޭކަން އެއްބަހެއް ނުވި އެވެ. އެންމެފަހުން މިސްރުގެ ގައުމީ އެއާލައިނުން އީމާން އަށް ޚާއްސަ ފްލައިޓެއް ބޭއްވީ އެވެ. މަތިންދާބޯޓުގައި އީމާނަށް ޚާއްސަ އެނދެއް ބަަހައްޓައި މެޑިކަލް އިމަޖެންސީއެއް ދިމާވެއްޖެ ނަމަ ފަރުވާ ދޭން ބޭނުންވާ ހުރިހާ ސާމާނެއް ވެސް މަތިންދާބޯޓުގައި ވަނީ ބަހައްޓާފަ އެވެ.

މި ޚާއްސަ މަތިންދާބޯޓުގައި އީމާން މިހާރު ވަނީ މުމްބާއީއަށް ގެންގޮސްފަ އެވެ. އޭނާއާ އެކު އޭނާގެ ކޮއްކޮ ޝައިމާ އަހުމަދާއި މިސްރުގެ ސައިފީ ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ވެސް ވަނީ ދަތުރުކޮށްފަ އެވެ.

އީމާން ބަރުހެލިކަމުން ގެއިން ބޭރަށް ނުނިކުންތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މުމްބައީގައި އީމާން އަށް ފަރުވާކުރާ ޑޮކްޓަރުން ބުނީ އޮޕަރޭޝަން ކުރާނީ މަހެއްހާ ދުވަހު އޭނާ އޮބްޒަވޭޝަންގައި ބޭއްވުމަށް ފަހުގައި ކަމަށެވެ.

މުމްބައިގެ ބެރިއެޓްރިކް ސާޖަން ޑރ. މުފައްޒަލް ލަކްޑަވާލާ އާއި އޭނާގެ ޓީމުން މިދިޔަ ތިން މަހު ވެސް މިސްރުގައި އީމާން އަށް ފަރުވާ ދީފައިވެ އެވެ. އަދި މިސްރުގެ އިސްކަންދަރިއްޔާއިން މުމްބައި އަށް އީމާން ގެންދިޔައީ އެކަމަށްޓަކައި އަޅަން ޖެހޭ ސިއްހީ ފިޔަވަޅުތައް އަޅައިގެންނެވެ.

އީމާން ފްލައިޓަށް އެރުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކަށް ވެސް 10 ދުވަސް ނެގި އެވެ. ސަބަބަކީ އެނދުގައި ނުތެދުވެވި އެހާ ގިނަ ދުވަހު އޮތް މީހަކަށް އެނދުން ނަގައި މަތިންދާބޯޓުގައި ދަތުރުކުރުމުން ލިބިދާނެ ސިއްހީ ގެއްލުންތައް ބޮޑުކަމުންނެވެ.

އީމާން ގެއިން ނެރެގެން ފުރަތަމަ ގެންދިޔައީ އޭނާއަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޓްރަކެއްގައި ސައިފީ ހޮސްޕިޓަލަށެވެ. އެތަނުން އޭނާ ބޯޓަށް އެރުވުމަށް ބޭނުންވާ ތައްޔާރީތައް ކުރުމަށް ފަހު އެއާޕޯޓަށް ގެންދިޔައީ ވެސް ފުލުހުންގެ ވެހިކަލެއް ކުރީގައި އޮވެގެންނެވެ.