Roadha Mihaaru
ރާއްޖޭގެ ނާޒުކުކަން ބަލިޔަފަކަށް ނުހަދާ: ރައީސް

ސިޑްސްގައި ރައީސްގެ ތަގުރީރު: އަޅުގަނޑުމެންގެ ނާޒުކުކަން އަޅުގަނޑުމެންގެ ބަލިޔަފަކަށް ނުހަދާ

27 މެއި 2024

ރާއްޖެ ކަހަލަ ކުޑަ އިގުތިސާދެއް އޮތް އަދި އިޖުތިމާއީ ގޮތުންނާއި ތިމާވެށީގެ ގޮންޖެހުންތައް ބޮޑެތި ގައުމުތަކުގެ ނާޒުކު ކަމަކީ އެ ގައުމުތަކުގެ ބަލިޔަފަކަށް ވިޔަ ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިނަލްއަގުވާމީ ދުނިޔެ އަށް މިއަދު ގޮވާލައްވައިފަ އެވެ.

އިފްރާޒް އަލީ އެންޓީގާ އިން އިފްރާޒް އަލީ

ރާއްޖެ ކަހަލަ ކުޑަ އިގުތިސާދެއް އޮތް އަދި އިޖުތިމާއީ ގޮތުންނާއި ތިމާވެށީގެ ގޮންޖެހުންތައް ބޮޑެތި ގައުމުތަކުގެ ނާޒުކު ކަމަކީ އެ ގައުމުތަކުގެ ބަލިޔަފަކަށް ވިޔަ ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިނަލްއަގުވާމީ ދުނިޔެ އަށް މިއަދު ގޮވާލައްވައިފަ އެވެ.

ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓީގާގައި މިއަދު ފެށި ހަތަރު ދުވަހުގެ އދ. ގެ ބައިނަލްއަގުވާމީ ބައްދަލުވުން ކަމަށްވާ ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި ރައީސް ވަނީ ދާދި ދެންމެއަކު ތަރުގީރުކުރައްވައިފަ އެވެ. މި ތަގުރީރުގައި އެ މަނިކުފާނު ވަނީ ރާއްޖޭގެ މި ވަގުތުގެ ހާލަތު ވަރަށް ތަފުސީލުކޮށް ހިއްސާ ކުރައްވައިފަ އެވެ.

ސިޑްސް އަކީ ތަރައްގީގެ ރޮނގުގައި ކުރިއަށް ދިއުމަށް އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެށީގެ ގޮތުން އެކި ކަހަލަ ހުރަސްތައް ކުރިމަތިވެފައިވާ ނާޒުކު ގައުމުތަކުގެ މައްޗަށް އެކުލެވޭ އދ. ގެ ހާއްސަ ހަރަކާތެކެވެ. ސިޑްސް އުފެއްދީ 1992 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި އދ. ގެ ތިމާވެއްޓާއި ތަރައްގީގެ ކޮންފަރެންސްގަ އެވެ. އޭގެ ފަހުން 1994 ވަނަ އަހަރުން ފެށިގެން ކޮންމެ 10 އަހަރަކުން "ސިޑްސް ކޮންފަރެންސް"ގެ ނަމުގައި ހުރިހާ ގައުމެއް އެއް މޭޒަކަށް ގެނައުމަށްޓަކައި ގުޅިގެން މި ހަރަކާތް އަންނަނީ ބާއްވަމުންނެވެ.

މިއީ ސިޑްސް ކޮންފަރެންސް ބާއްވާ ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުން މި ކޮންފަރެންސް ބޭއްވީ 2014 ވަނަ އަހަރު ސަމޮއާގަ އެވެ.

އަޅުގަނޑުމެންނަކީ ކުދި ގައުމުތަކެއްގެ ވެރި ބަޔަކަށް ވިޔަސް، އެކަމުން އަޅުގަނޑުމެންގެ އުޖާލާ މުސްތަގުބަލަށް ވާސިލުވުން ނުހުއްޓުވޭނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މުސްތަގުބަލު އަމިއްލަ ރާވައި ކުރިއަށް ގެންދެވިދާނެ،"--- ރައީސް

ރައީސް މުއިއްޒުގެ ތަރުގީރުގައި ވިދާޅުވި ގޮތުގައި މި ކޮންފަރެންސް ބާއްވަމުން އަންނަތާ 30 އަހަރު ވީ އިރު، އެއީ ކުޑަ މުއްދަތެއް ނޫނެވެ. މިދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް ހާސިލްކުރެވުނީ ކޮން ކަމެއްތޯ ވެސް އެ މަނިކުފާނު ސުވާލު ކުރެއްވި އެވެ.

"ފަގީރުކަން އަދިވެސް އެބައޮތް. މޫސުމީ ބަދަލުތައް ބޮޑު ބިރަކަށް ވަނީ ވެފައި. އަޅުގަނޑުމެންގެ ވެށި ދަނީ ހަލާކުވަމުން. ގައުމުތަކުގެ ބޭރުގެ ދަރަނި ދަނީ އިންތިހާ އަށް ބޮޑުވަމުން. އިންސާފެއް ނުލިބޭ. ހަމަހަމަ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ނިޒާމުތަކަށް އަޅުގަނޑުމެން ކުރާ އިތުބާރާއި އުއްމީދުތައް ގެއްލެން ފަށައިފި."

ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގަޓަރެސްއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގަޓަރެސްއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ސިޑްސްގެ ގައުމުތަކުން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަން އިސްކޮށް، ތަރައްގީ އަށް މަސައްކަތް ކުރަންވީ ވަގުތު އަތުވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެންގެ ނާޒުކު ކަމަކީ އަޅުގަނޑުމެންގެ ބަލިފަޔަކަށް ވިޔަ ނުދެމާތޯ. އެއީ އަޅުގަނޑުމެން ހިތްވަރު ހޯދަންވީ ކަންކަން. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ކަމުގެ ނިޝާނެއް،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި ސިޑްސްގެ އެހެން ގައުމުތަކަށް ބައިނަލްއަގުވާމީ ދުނިޔޭގެ އެހީ މި ވަގުތު ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ތަގުރީރުގައި ވަނީ މުހިންމު ތިން ކަމަކަށް އަލިއަޅުއްވާލައްވައިފަ އެވެ. އެއީ؛

މާލީ އެހީ ދިނުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދިނުން

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައު އިން ސިޑްސްގެ ގައުމުތަކަށް މާލީ އެހީތެރިކަން އިތުރުކޮށްދޭން ޖެހޭ ކަމަށެވެ. ލޯނު ދިނުމުގައި ލުއިގޮތްތައް ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިގުތިސާދީ ލޮޅުންތައް އަންނަ ވަގުތު ތަކުގައި ރިޓްރެކްޓިވް ފައިނޭންސިން ހިމެނޭ ގޮތަށް އިތުރު އީޖާދީ ހައްލުތަކުގެ ނިޒާމެއް ހާރިޖީ ގުޅުންތަކުން ދެމެދުގައި ގާއިމްވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޑްސް ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު.-- ފޮޓޯ: ރައީސް އޮފީސް

ސިޑްސް ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު.-- ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ވިޔަފާރިތަކުން ސަރުކާރުތަކަށް ލޯނު ދޫކުރުމުގައި ވެސް ލުއިގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ކްލައިމެޓް ފަންޑުތަކާ އެކު އަޅުގަނޑުމެންނަށް ކުރެވިފައިވާ ތަޖުރިބާއަކީ، މި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެއީ އެކަށީގެންވާ ވަރުގެ ފަންޑުތަކެއް ނޫން ކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިއަދު ރާއްޖެއިން ބައިނަލްއަގުވާމީ ދުނިޔޭގައި އެދެނީ މި ކަންކަން ފަހިވާނެ ގޮތަށް އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށެވެ.

ދުނިޔޭގެ ފިނިހޫނުމިން ހުރި ވަރު މަތިވިޔަ ނުދީ، ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކްލައިމެޓް ފައިނޭންސް ފޯރުކޮށްދިނުމަށް ހުށަހަޅާ އާ ނިޒާމަށް މަސައްކަތްކުރުން އަވަސްކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގަޓަރެސްއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގަޓަރެސްއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

އެހީވާންވީ ވަގުތު ޖެހިއްޖެ

ދެވަނަ ކަމަކަށް ރައީސް ވިދާޅުވީ އދ. ގެ ނިޒާމުގެ ތެރެއިންނާއި ދުނިޔޭގެ ތަރައްގީގެ އިދާރާތަކުންނާއި އަމިއްލަ ވިޔަފާރިތަކަށް ފައިނޭންސް ކުރާ ފަރާތްތަކުން ވެސް އެކުގައި، ހަމަހަމަ އުސޫލަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް މިހާރުން މިހާރަށް ގާއިމްކުރަން ޖެހޭ ކަމަށެވެ.

މިފަހަރުގެ ސިޑްސް ކޮންފަރެންސްގައި ކުރިއަށް އޮތް 10 އަހަރަށް ހުށަހަޅާ އެޖެންޑާގެ މަސައްކަތްތަކުގައި ނިއުޒިލެންޑާ އެކު މަސައްކަތްކުރުމަށް ރާއްޖެ އަށް ލިބުނު ފުރުސަތު ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ލިބުނު ފަހުރެއް ކަމަށެވެ.

"މި އެޖެންޑާ އަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ. މި އެޖެންޑާގައި ހުރި ކަންކަމަށް ބަލައި ގައުމީ ފެންވަރުގައި ސިޔާސަތުތައް އެކުލަވާލަން ޖެހޭ. އަދި އެންމެ މުހިންމު ކަމަކީ މި އެޖެންޑާ ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

ސިޑްސް ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު ޒަމީރު.-- ފޮޓޯ: ރައީސް އޮފީސް

ސިޑްސް ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު ޒަމީރު.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ކޮންމެ 10 އަހަރަކުން މި ކޮންފަރެންސް ބޭއްވުމުން މި ހަރަކާތުގެ އަސްލު މަގުސަދު ހާސިލްވޭތޯ ސުވާލު އުފެދޭ ކަމަށާއި ގައުމުތަކުން އެކަމާ މެދުގައި ވެސް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ހާލަތު މިހާރު އޮތް ގޮތަށް ބަލައި ކޮންމެ ފަސް އަހަރަކުން މި ކޮންފަރެންސް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސޭނެތޯ ބެލުން ބުއްދިވެރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސިޑްސްގެ ގައުމުތައް ކުރީ ސަފުގައި ތިބެންވީ ވަގުތު

މި ގައުމުތަކުގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް މި ފުރުސަތު ފަހިކޮށްދީގެން ކުރިއަށް ދެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ ބާރުތަކާ އެއް މޭޒެއްގައި ތިބެ ނިންމުންތަކުގައި ބަސްބުނުމުގެ ފުރިހަމަ ބާރު މި ގައުމުތަކަށް ވެސް އޮންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އދ. ގެ ސެކިއުރިޓީ ކައުންސިލާއި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް އަދި އދ. ގެ އެހެން އިދާރާތަކުގެ މެމްބަރުކަން ހޯދަން ރާއްޖެއިން މަސައްކަތްކުރާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

ސިޑްސް ކޮންފަރެންސް ފެށުމުގެ ގޮތުން އެންޓީގާގެ ކުދިންތަކެއް އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިޑްސް ކޮންފަރެންސް ފެށުމުގެ ގޮތުން އެންޓީގާގެ ކުދިންތަކެއް އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ރައީސް އޮފީސް

އުއްމީދީ ރަސްމާލެ

ރައީސް ވިދާޅުވީ ދުނިޔޭގެ މުސްތަގުބަލު ގުޅިފައި ވަނީ ޒަމާނީ އާ އީޖާދުތައް ނުވަތަ ޓެކްނޮލޮޖީއާ ކަމަށެވެ. އެހެންވެ، ދިވެހި ސަރުކާރުން ވެސް ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަށް އިންވެސްޓްކޮށް، މައުލޫމާތާއި ތައުލީމާއި ސިއްހީ ނިޒާމާއި މާލީ ހިދުމަތްތައް އިތުރުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން މިހާތަނަށް އުފައްދާ އެންމެ ބޮޑު، އާ އީކޯ ސިޓީ އަދި ރާސްމާލޭގައި އަސްލަކީ ވެސް އެއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާސްމާލޭގެ އަމާޒަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮޑިއުލާ ހައުސިން ބޭނުންކޮށް، ރާއްޖެ އަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ނިމުމެއް ގެނައުމެވެ. ރަސްމާލެ އަކީ ތިމާވެއްޓާ ރައްޓެހި އަދި ހަމައެކަނި އިޔާދަކުރަނިވި ހަކަތަ އަށް ބަރޯސާވާ ނެޓް-ޒީރޯ ސިޓީއަކަށް ވާނެ އެވެ. އަދި އެ ސިޓީގައި ޒަމާނީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮންނާނެ އެވެ.

"ރަސްމާލެއާ އެކު ރާއްޖެ އަށް ތަނަވަސް އަދި ތަރައްގީގެ އާ ޒަމާނެއް ގެނެސްދޭނެ،" ރައީސް ވިދާޅުވި އެވެ.

ފަލަސްތީނާ އެކު

ރައީސްގެ ތަގުރީރުގައި ވަނީ އިޒުރޭލުން ފަލަސްތީނުގައި މިހާރު ހިންގާ ގަތުލްއާމްއާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ތަގުރީރު ފައްޓަވަމުން ރައީސް ވިދާޅުވީ އިޒުރޭލުން ހިންގާ ގަތުލްއާމް ވަގުތުން ހުއްޓާލަން ބައިނަލްއަގުވާމީ ކޯޓު އައިސީޖީން އަމުރު ނެރެފައި ވިޔަސް، އެ އަމުރު އިޒުރޭލުން ބޮލާލައި ޖަހާފައި ވާތީ އެކަން ކުށްވެރިކުރައްވައިފަ އެވެ.

"މިއީ އިޒުރޭލުން ވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަންވީ ވަގުތު އަދި އެ ވެރިންގެ ލާއިންސާނީ އަމަލުތަކަށް ޖަވާބުދާރީކުރުވަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިތުގެ އުދާސްތަކާއި ޝުއޫރުތަކާ އެކު [ދިވެހިން] ސާބިތުވެ މި ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު."

ރައީސް ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމަކަށް ވާތީ އުފުލަން ޖެހޭ ތަކުލީފު ވެސް އިހުސާސް ކުރެވޭ ކަމަށެވެ. އަދުގެ ބައިނަލްއަގުވާމީ ނިޒާމުތައް ހުރީ ރާއްޖެ ކަހަލަ ކުދި އަދި ނާޒުކު ގައުމުތަކަށް މާ ބޮޑު އެހީތެރިކަމެއް ލިބޭނެ ގޮތަށް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ކުދި ގައުމުތަކެއްގެ ވެރި ބަޔަކަށް ވިޔަސް، އެކަމުން އަޅުގަނޑުމެން އުޖާލާ މުސްތަގުބަލަށް ވާސިލުވުން ނުހުއްޓުވޭނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މުސްތަގުބަލު އަމިއްލަ ރާވައި ކުރިއަށް ގެންދެވިދާނެ،" ރައީސް ވިދާޅުވި އެވެ.