Roadha Mihaaru
ދަރިން ހަވާލުކުރަން އަމަލުކުރި ގޮތުން ކަންބޮޑުވުން

ދެ ކުއްޖަކު މަންމައާ ހަވާލުކުރަން ފުލުހުން އަމަލުކުރި ގޮތުން ކަންބޮޑުވުން

26 މެއި 2024

ބައްޕައަކު ބަލަހައްޓަމުންދިޔަ ދެ ކުއްޖަކު އެ ކުދިންގެ މަންމައާ ހަވާލުކުރަން އާބާދީ މަދު، މަޑުމައިތިރި މާހައުލެއް އޮންނަ ށ. ނަރުދޫއަށް އިއްޔެ އެރީ ފުލުހުންގެ ބޮޑު ފައުޖެކެވެ. އެ ފައުޖުން ކުދިން ވަށާލައިގެން ތިބެ ރަށުން ބާލައިގެން ގެންދިޔައިރު، އެކަމަށް ހުރަސް އަޅަން މީހުން ނިކުމެ ހަމަނުޖެހުމެއް ހިންގި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ބައްޕައަކު ބަލަހައްޓަމުންދިޔަ ދެ ކުއްޖަކު އެ ކުދިންގެ މަންމައާ ހަވާލުކުރަން އާބާދީ މަދު، މަޑުމައިތިރި މާހައުލެއް އޮންނަ ށ. ނަރުދޫއަށް އިއްޔެ އެރީ ފުލުހުންގެ ބޮޑު ފައުޖެކެވެ. އެ ފައުޖުން ކުދިން ވަށާލައިގެން ތިބެ ރަށުން ބާލައިގެން ގެންދިޔައިރު، އެކަމަށް ހުރަސް އަޅަން މީހުން ނިކުމެ ހަމަނުޖެހުމެއް ހިންގި އެވެ.

މި ހުރިހާ ކަމެއްގެ ތެރޭގައި ފިތި، ބިރުގަނެ ރޮމުން ދިޔައީ މަންމަ އަދި ބައްޕަ ވެސް ދޫކޮށްލަން ބޭނުން ނުވާ އެ ދެ މީހުންގެ ދަރިންނެވެ.

"ހެޔޮނުވާނެ، އާދޭސްކޮށްފައި ކުދީންގެ މަންމަ އާއި ބައްޕައަށް ބުނަން، ހަތަރު އަހަރާއި އަށް އަހަރަކީ ކުދީންގެ ވަރަށް ޅަ އުމުރޭ! ތިޔަ މަންޒަރުތަކުން ކުދީންގެ އުމުރަށް ހުރެދާނެ ފަދަ ނަފުސާނީ މައްސަލަ ދިމާވުމަކީ އެކަށީގެން ވާ ކަމެކޭ!،" "މިހާރު"ގެ ހަބަރަށް މީހަކު ކޮމެންޓްކުރި އެވެ.

އެ ކޮމެންޓްގައި އިތުރަށް އޮތީ:

- ކޯޓުތަކުގައި ގިނައިން ތިބެނީ ހަމަ އެކަނި ޝަރުޢީ ދާއިރާއިން ކިޔަވާފައި ތިބޭ އަދި އަމްދުން ހިއުމަން ސައިކޮލޮޖީ އެއްގޮތަކަށް ވެސް ނޭނގޭ މީހުން!

- އަނެއްކޮޅުން ޕޮލިހުންގެ ތެރޭގައި ސީންތަކަށް ފޮނުވާ ގިނަ މީހުންނަކީ، ކިރިޔާ އޯ ލެވަލްގައި ހޭކިލާފައި ތިބޭ ހަމަ އެކަނި ހަށިގަނޑުގެ ބާރު މީހުންނަށް ދައްކާ މީހުން!

- ވީމާ، މަންމަ އަދި ބައްޕަ އާއި ގުޅުން ހުރި ފަރާތްތަކުން އެދެން ކުދީންނަށް ތިޔަ ގުޖަޑު ނުފެންނާނެ ގޮތަކަށް މަޝްވަރާ ކޮށްގެން މައްސަލަ ހައްލުކުރަން އާދޭހާ އެކު ގޮވާލަން!

"މިހާރު" ނޫހުގެ ހަބަރަށް ލިބުނު މި ކޮމެންޓަކީ ވިސްނާލުން މުހިންމު ކޮމެންޓަކަށްވެފައިވަނީ މި ހާދިސާއާ އެކު މިފަދަ ކަންކަމުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮބައިކަމާ މެދު ސުވާލު އުފެދިފައިވާތީ އެވެ.

އާއިލާއެއް ރޫޅި ދަރިންގެ ހަޟާނާތުގެ މައްސަލަ ކޯޓާ ހަމައަށް ދިޔުމަކީ ކޮންމެ އާއިލާއެއްގެ ތެރޭގައި ވެސް މައްސަލަ ބޮޑުވާ ކަމެކެވެ. އޭގެ ސަބަބުން ދަރިންނަށް އެތައް ނަފްސާނީ އަސަރެއް ކުރާ ކަން އޮތީ ދިރާސާތަކުން ވެސް ހާމަވެފަ އެވެ.

އެހެންވެ، މިފަދަ މައްސަލަތަކުގައި ކޯޓުތަކުން ވެސް އިޖުރާއަތްތައް ހިންގުމުގައި އެ ކުދިންނަށް ނަފްސާނީ ގޮތުން އަސަރު ކުޑަވާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދެ އެވެ. އާއިލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ދަރިން، ހަވާލު ކުރާނެ މީހެއް ކަނޑައެޅުމުގައި ކުއްޖާގެ ބަސް ހޯދާ ނަމަ، އެކަން ކުރަނީ އެ ކުދިންނަށް ވަރަށް ރައްކާތެރި މާހައުލެއްގަ އެވެ.

ނަރުދޫގައި އިއްޔެ ހިނގި ހަމަނުޖެހުމުގައި ފުލުހުންގެ އަތުން ޖެހި އަންހެނަކު ބިންމައްޗަށް ވެއްޓިފައި

ނަރުދޫގައި އިއްޔެ ހިނގި ހަމަނުޖެހުމުގައި ފުލުހުންގެ އަތުން ޖެހި އަންހެނަކު ބިންމައްޗަށް ވެއްޓިފައި

ގާޒީއެއްގެ ހައިސިއްޔަތުން ކުއްޖާއާ ފަނޑިޔާރަކު ބައްދަލު ކުރިޔަސް، އެއީ ޝަރީއަތުގެ ބޭރުން ޝަރީއަތުގެ މަޖިލީހުން ބޭރުގައި ބާއްވާ ވަރަށް ނުރަސްމީ ބައްދަލުވުމަކަށްވުމަށް ލާޒިމްކުރެ އެވެ. އޭގެ މަގުސަދަކީ ދަރިން ހޯދުމަށް ކޯޓުތަކުގައި ހިންގާ ކަންކަމާއި އެ ބަހުސްގެ ތެރެއަށް ދަރިން ނުވައްދައި، ވީހާވެސް ދުރުގައި ބޭތިއްބުމެވެ.

ކޯޓުތަކުން ދަރިންގެ ހަޟާނަތުގެ މައްސަލަ ނިންމާއިރު ރިއާޔަތް ކުރަން ޖެހެނީ ވެސް ކުއްޖާގެ އެންމެ މަތީ މަސްލަހަތަށެވެ. ދަރިން ހަވާލުކުރާނީ އެ ކުއްޖާގެ މަސްލަހަތު އެންމެ ބޮޑަށް ރައްކާތެރިކޮށްދޭނެ މީހާއަށެވެ. މިހާ ރައްކާތެރިކަމާ އެކު ކޯޓު މަރުހަލާގެ ތެރެއިން ވެސް ނިންމާ ނިންމުމެއް ތަންފީޒު ކުރާއިރު، އެކަން ބޮޑު ހަމަނުޖެހުމަކަށްވުމަކީ ގާނޫނުތަކުގެ މަގުސަދު ގެއްލިގެންދާނެ ކަމެކެވެ.

"މައިންބަފައިން ވެސް އިދާރާތަކުން ވެސް ބަލަން ޖެހެނީ ކުދިންގެ މަސްލަހަތަށް. ކޯޓުތަކުގެ ހުކުމަށް އިހްތިރާމްކޮށް ކުދިންގެ ހަވާލު ކުރުމަކީ އެންމެ އެދެވޭ ގޮތް. އެކަމަކު އެ ނޫން ހާލަތު އަންނާނެ ކަން އިދާރާތަކުން ތިބެން ޖެހޭނީ ދަނެގެން. އެފަދަ ހާލަތުގައި އަމަލު ކުރާނެ ގޮތް އިދާރާތަކަށް އެނގެން ވާނެ. ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން ކުދިންތަކެއް ރަށަކުން ބޭލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުދިންގެ ހައްގުގައި އިދާރާތަކުން މަޝްވަރާއަށް އިސްކަން ދޭން ޖެހޭނެ އެވެ. އެ ނޫން ހާލަތެއްގައި ވެސް ނަރުދޫގައި ފެނުނު ފަދަ ގޮތަކަށް ފުލުހުންގެ ބޮޑު ފައުޖަކުން ގަދަ ބާރުން ކުދިން ގެންދިޔުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިން މަންމައާ ހަވާލުކުރުމަށް އެމީހާއާ އެކު ނަރުދޫއަށް ދިޔަ ފުލުހުންނާއި ކުދިންގެ ބައްޕަ އާއިލާގެ މީހުންނާ މެދު ހިނގި ހަމަނުޖެހުން

ދަރިން މަންމައާ ހަވާލުކުރުމަށް އެމީހާއާ އެކު ނަރުދޫއަށް ދިޔަ ފުލުހުންނާއި ކުދިންގެ ބައްޕަ އާއިލާގެ މީހުންނާ މެދު ހިނގި ހަމަނުޖެހުން

"އެ ކުދިންގެ މުޅި އުމުރުގައި އިއްޔެގެ ހާދިސާގައި ހަނދާންތައް ހުންނާނެ. އެއީ ނަފްސާނީ ގޮތުން ދެވޭ ވަރަށް ބޮޑު ދެރައެއް. ރާއްޖޭގެ ގާނޫނުތައް ހުރީ ކުދިންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަން ދީފައި. އެ ކަންކަން އެ ގޮތުގައި ހިފަހައްޓައިގެން ގާނޫނު ތަންފީޒު ކުރަން ފުލުހުންނަށް ވެސް އަދި ޖެންޑާ މިނިސްޓްރީއަށް ވެސް އެނގެން ވާނެ،" ވަކީލް ވިދާޅުވި އެވެ.

ނަރުދޫ ކައުންސިލް މެންބަރަކު ވެސް ވިދާޅުވީ އިއްޔެގެ ހާދިސާ އެގޮތަށް ހިނގައިދިޔުމަކީ އެ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު ތަންފީޒުކުރުމަށް އިދާރާތަކުން މަސައްކަތް ކުރާއިރު އެކަމުން ކުދިންނަށް އަސަރު ނުކުރާނެ ގޮތަކަށް އެކަން ކުރުން މުހިއްމު ކަމަށެވެ.

"އެބަ އިވޭ ކުދިން ރޯ އަޑާ އެއްޗެހި. އެ ކުދިންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަން އެނގޭ. ގާނޫނު ތަންފީޒުކުރުމަށް ފުލުހުން މަސައްކަތް ކުރިޔަސް، ޖެންޑާ މަސައްކަތް ކުރިޔަސް ކުދިންނަށް އަސަރު ނުކުރާނެ ގޮތަކަށް އެކަން ކުރަން ވާނީ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް އަޅުގަނޑުމެންގެ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ޖެންޑާ މިނިސްޓްރީ އަދި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.