Roadha Mihaaru
"ކުޑަކުއްޖާ ބަލިވެ އިނުމުން ފިޔަވަޅު އަޅަން އެދުނިން"

ކުޑަކުއްޖަކު ބަލިވެ އިން މައްސަލައިގައި ބޮޑުންނަށް ފިޔަވަޅު އަޅަން ވާނީ އެދިފައި: މިނިސްޓްރީ

23 ނޮވެމްބަރ 2019

ކުޑަ ކުއްޖަކު ބަލިވެ އިން ކަމުގެ ރިޕޯޓް ލިބުމުން އެކަމުގައި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅަން ކަމާބެހޭ މުއައްސަސާގައި އެދިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުޑަ ކުއްޖަކު ބަލިވެ އިން ކަމުގެ ރިޕޯޓް ލިބުމުން އެކަމުގައި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅަން ކަމާބެހޭ މުއައްސަސާގައި އެދިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި މިގޮތަށް ބުނީ ދޯންޏެއްގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަރާލަން އުޅުނު ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، 13 އަހަރުގެ ކުއްޖަކާ ސައްހަ ނޫން ކައިވެންޏެއްކޮށް ބަލިވެ އިން ކަމަށް ކުރާ ތުހުމަތު ރިޕޯޓް ކުރުމުންނެވެ.

ހައްމާދާ އެކު އެ ދޯނީގައި ތިބީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެ އެވެ. އޭގެތެރެއިން ބައެއް މީހުން ވެސް ކުޑަކުދިންނާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ކުޑަކުދިންނާ ކައިވެނިކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. އަމުދުން ކޯޓުން ބޭރުގައި ވަގު ސެޓްފިކެޓަކުން ހަރުކަށި ފިކުރުގެ "ޝިކާރައަކަށް" އެ ކުއްޖާ ހަދައި ބަލިވެ އިނުން، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން މާނަކުރަނީ "ރޭޕްކުރުން" ކަމަށެވެ.

ރާއްޖެ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފަރަހަނާޒް ފައިސަލް، 13 އަހަރުގެ ކުއްޖާ ބަލިވެ އިނުމުން ކަންބޮޑުވުންފާޅުކުރައްވައި ކުރެއްވި ޓުވީޓެއް.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓުގައި ބުނީ ކުޑަ ކުއްޖަކު ބަލިވެއިން ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ވަގުތުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަަމަށެވެ.

އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ބުންޏަސް ތަފްސީލެއް ނުދެ އެވެ. އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ ކޮން އިރަކު ކަމެއް އަދި ފުލުހުންނަށް ހުށަހެޅީ ކޮން އިރަކު ކަމެއް ވެސް ނުބުނެ އެވެ.

ހަރުކަށި ފިކުރުގެ ޝިކާރައަކަށް 13 އަހަރުގެ ކުއްޖާ ހެދި މައްސަލައިގައި "މިހާރު" އިން ފުރަތަމަ ސުވާލުކުރުމުން މިނިސްޓްރީން ހަމައެކަނި ބުނީ "އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ" ކަމަށެވެ. ފިޔަވަޅު އަޅާފައިވާ ކަމަށް ފަހުން ޓުވީޓެއްކުރީ އެ ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން ނުވަތަ ނޫން ކަން ވެސް ކަށަވަރެއް ނުކޮށްދިން ކަމަށް ބުނުމުންނެވެ.

މިނިސްޓްރީގެ ޓުވީޓް

ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު، ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.

ހައްމާދުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ "އޭނާ ކައިވެންޏެއްކޮށްގެން އުޅޭ ކަމެއް ނޭނގޭ" ކަމަށެވެ. އާއިލާގެ އެއްވެސް މީހެއްގެ ގާތުގައި އެފަދަ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެފަދަ އަޑުތަކެއް އާއިލާ ހަމައަށް ވެސް އޮތީ ފޯރައިފަ އެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ކައިވެނިކުރަން ކޯޓަށް ނުދަނީ، ކޯޓުތައް ގަބޫލުނުކުރާ ކަމަށް ބުނެ އެވެ. ކޯޓުތަކުގައި ތިބެނީ އެ މީހުން ގަބޫލުކުރާ އިސްލާމީ ޝަރީއާ ގާއިމްކުރާ ގާޒީން ނޫން ކަމަށް ބުނެ ބައެއް މީހުން ފަތުވާ ނެރެފައިވެ އެވެ.