Roadha Mihaaru
ފޭވަރިޓުންގެ ތެރޭގައި ރެއާލް ނެތުމަކީ ރަނގަޅެއް

ފޭވަރިޓުންގެ ތެރޭގައި ރެއާލް ނެތުމަކީ ރަނގަޅެއް: އަންޗެލޮޓީ

06 ސެޕްޓެމްބަރ 2022

ގްލާސްގޯ (ސެޕްޓެމްބަރު 6) - މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންގެ ތެރޭ ޗެމްޕިަން ރެއާލް މެޑްރިޑް ނެތުމަކީ ރަނގަޅެއް ކަމަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ގްލާސްގޯ (ސެޕްޓެމްބަރު 6) - މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންގެ ތެރޭ ޗެމްޕިަން ރެއާލް މެޑްރިޑް ނެތުމަކީ ރަނގަޅެއް ކަމަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މިދިޔަ ސީޒަނުގެ އެ މުބާރާތުގައި ފައިނަލާ ހަމައަށް ކުރި ދަތުރުގައި ނޮކައުޓް ސްޓޭޖުގައި ރެއާލުން ވަނީ ޕީއެސްޖީ، ޗެލްސީ އަދި މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ.

އެ ކާމިޔާބު ހޯދި ނަމަވެސް، މިފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެ ކަމަށް ބައެއް ފަރާތްތަކުން ކަނޑައަޅާ ލިސްޓްގައި ރެއާލްގެ ނަމެއް ނެތެވެ. ފޭވަރިޓުންގެ ލިސްޓުގައި ހިމަނާފައިވާ ކްލަބް ތަކަކީ ޓްރާންސްފާ މާކެޓްގައި ބޮޑު އިންވެސްޓްމެންޓެއް ކުރި ޓީމުތަކެވެ. އެއީ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އާއި ބަޔާން މިޔުނިކް އަދި ލިވަޕޫލް އެވެ.

"ތިއީ އަހަންނަށް ހައިރާންކަން ލިބޭ ކަމެއް ނޫން. އަހަންނަށް އެކަން ފެންނަނީ ރަނގަޅު އަލާމާތެއްގެ ގޮތުގައި،" ޗެމްޕިއަންސް ލީގުގެ ފޭވަރިންޓުންގެ ތެރޭގައި ރެއާލް ނުހިމެނޭ ކަމަށް ބުނެ ސުވާލު ކުރުމުން އަންޗެލޮޓީ ބުންޏެވެ.

"ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ސީޒަންގައި ވެސް އަހަރެމެން އޮތީ މާ ބޮޑު ފޭވަރިޓެއްގެ ގޮތުގައެއް ނޫން."

ރެއާލުން ޓްރާންސްފާގައި ސޮއި ކުރުވީ، މޮނާކޯގެ ޒުވާން މިޑްފީލްޑާ އައުރޭލިއަން ޗުއަމެނީ އާއީ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ. ރެއާލް މުހިންމު މިޑްފީލްޑާ ކާލޯސް ކަސެމީރޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލި ނަމަވެސް އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިޔެއް ނުގެނެ އެވެ.

ބެކަޕް ސްޓައިކަރެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ލުކަ ޔޯވިޗް ފިއޮރެންޓީނާ އަށް ދޫކޮށްލި ނަމަވެސް އޭނާގެ ބަދަލުގައި ވެސް އިތުރު ސްޓައިކަރެއް ގެނެސްފައި ނުވެ އެވެ.

އެކަަމަކު އަންޗެލޮޓީ ބުނީ އޭނާގެ ޓީމު މި އަހަރު ވެސް ކުރިއެރުންތަކެއް ހޯދައިފި ކަމަށެވެ.

"ހަމަ ގައިމުވެސް މިދިޔަ ސީޒަންގައި ވީ ކަންތައް މި ސީޒަންގައި ވެސް ވާނެ. އެއީ އެންމެ ފަހު ވަގުތާ ހަމައަށް އަހަރެމެން މަސައްކަތް ކުރާނަން. އުއްމީދު ކުރަމާ ހިނގާ އަހަރެމެންނަށް ފައިނަލުގައި ވާދަކުރެވޭނެ ކަމަށް،" އަންޗެލޮޓީ ބުންޏެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި މިރޭ ސެލްޓިކް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ ޗެމްޕިއަންސް ލީގުގައި އަބަދުވެސް ރެއާލް އަށް އިހުތިރާމް އޮންނާނެ ކަމަށެވެ. އެއީ މުބާރާތުގައި ރެއާލް އަށް އޮތް މުއްސަނދި ތާރީހެއް އޮތުމުން ކަމަށް އޭނާ ބުންޏެވެ.

ރެއާލް އާއި ސެލްޓިކް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.