Roadha Mihaaru
ގުޖުރާތު ޓައިޓަންސް މޮޅު، އެކަމު ހިތް އޮތީ ދޯނީ އަށް

ގުޖުރާތު ޓައިޓަންސް މޮޅު، އެކަމަކު ހިތް އޮތީ ދޯނީ އަށް

28 މެއި 2023

އަހުމަދުއާބާދު، އިންޑިއާ (މެއި 28) - އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ކްރިކެޓް މުބާރާތުގެ މި އަހަރުގެ ފައިނަލްގައި މިރޭ އެއްކޮޅުން ވާދަކުރަނީ މިދިޔަ އަހަރު މުޅިން އަލަށް ޗެމްޕިއަންކަން ހޯދި ގުޖުރާތު ޓައިޓަންސް އެވެ. އިދިކޮޅުން ނުކުންނާނީ އެންމެ ގިނަ ފަހަރު ފައިނަލް ކުޅުނު ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަހުމަދުއާބާދު، އިންޑިއާ (މެއި 28) - އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ކްރިކެޓް މުބާރާތުގެ މި އަހަރުގެ ފައިނަލްގައި މިރޭ އެއްކޮޅުން ވާދަކުރަނީ މިދިޔަ އަހަރު މުޅިން އަލަށް ޗެމްޕިއަންކަން ހޯދި ގުޖުރާތު ޓައިޓަންސް އެވެ. އިދިކޮޅުން ނުކުންނާނީ އެންމެ ގިނަ ފަހަރު ފައިނަލް ކުޅުނު ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) އެވެ.

ސީއެސްކޭ ނުކުންނަނީ އެ ޓީމުގެ 10 ވަނަ ފައިނަލަށެވެ. ސީއެސްކޭ އިން ވަނީ މިހާތަނަށް ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރު އަލަށް ވާދަކުރަން ފެށި ގުޖުރާތުން ނުކުންނަނީ ތަށި ދިފާއު ކުރާށެވެ.

މިރޭ ކުޅެނީ ދެ ޓީމުގެ ކެޕްޓަނުންނަށް ވެސް ހާއްސަ ފައިނަލެކެވެ. ގުޖުރާތަށް ޗެމްޕިއަންކަން ހޯދައިދީފި ނަމަ އެ ޓީމުގެ ބޯލަރު ހާޑިކް ޕާންޑިޔާ ވާނީ އައިޕީއެލް ތާރީހުގައި ތަށި ދިފާއު ކުރި ތިންވަނަ ކެޕްޓަނަށެވެ. ސީއެސްކޭގެ ކެޕްޓަން އެމްއެސް ދޯނީ އަށް ފަސްވަނަ ފަހަރަށް އެ ޓީމުގެ ކެޕްޓަނުގެ ގޮތުގަައި ތަށި އުފުލާލައިގެން، މުމްބާއީ އިންޑިއަންސްގެ ކެޕްޓަން ރޯހިތު ޝަރުމާގެ ރެކޯޑާ ހަމަ ކުރެވޭނެ އެވެ.

މި އަހަރުގެ އައިޕީއެލް މުބާރާތަކީ އުމުރުން 41 އަހަރުގެ ދޯނީ ކުޅޭނެ އެންމެ ފަހު މުބާރާތް ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު ދޯނީ ވަނީ ސީއެސްކޭގެ ކެޕްޓަން ކަން ދޫކޮށްލައި އެ ޒިންމާ ރަވިންދްރަ ޖަޑޭޖާއާ ހަވާލް ކޮށްފަ އެވެ. ނަމަވެސް ކްލަބްގެ ނަތީޖާ ދަށްވެގެން ލީގުގެ ފަހުކޮޅު އަލުން ދޯނީ އަށް ކެޕްޓަންކަން ހަވާލުކުރީ އެވެ. އެންމެ ގިނަ ތަށި ނުހޯދުނަސް ދޯނީ އަކީ އައިޕީއެލްގެ ތާރީހުގައި ވެސް އެންމެ ފާހަގަ ކޮށްލެވޭ ކެޕްޓަނެވެ.

މި އަހަރުގެ ލީގު ފެށީ ވެސް ގުޖުރާތާއި ސީއެސްކޭގެ މެޗުންނެވެ. ގުޖުރާތުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެ ޓީމު ވަނީ ފަސް ވިކެޓުން މޮޅު ވެފަ އެވެ. ގުޖުރާތުން ލީގު ބުރުގެ އެއްވަނަ ހޯދި އިރު ސީއެސްކޭ ދިޔައީ ދެވަނައަށެވެ. މިއާ އެކު، ޕްލޭއޮފްގެ ފުރަތަމަ ކޮލިފައިން މެޗުގައި ވާދަކުރަން ޖެހުނީ ވެސް އެ ދެ ޓީމަށެވެ. ސީއެސްކޭ ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި 15 ލަނޑުން ގުޖުރާތު ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.

ފައިނަލްގެ ދެވަނަ ޖާގަ ހޯދަން ގުޖުރާތަށް ޖެހުނީ ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ އަށް ދިޔަ ލަކްނައު ސުޕަ ޖަޔަންޓްސް އާއި މުމްބާއީ އިންޑިއަންސް ވާދަކޮށް މޮޅުވި، މުމްބާއީ އިންޑިއަންސްއާ ވާދަ ކުރާށެވެ. މުބާރާތުގެ އެންމެ ކާމިޔާބު މުމްބާއީ އިންޑިއަންސް އާ ވާދަކޮށް ގުޖުރާތު ވަނީ 62 ލަނޑުން މޮޅު ވެފަ އެވެ.

ސީއެސްކޭ އަށް މި އަހަރުގެ މުބާރާތް ކާމިޔާބު ކުރަން އެންމެ ބޮޑު ހުރަހަކަށް ވާނީ ގުޖުރާތުގެ އޯޕަނިން ބެޓްސްމަން ޝުބާމް ގިލް އެވެ. މިހާތަނަށް 851 ލަނޑު ހަދައިގެން އޭނާ އަކީ މި އަހަރުގެ މުބާރާތުގައި އެންމެ ގިނަ ރަން ހަދާފައިވާ ކުލުންތެރިޔާ އެވެ. ސީއެސްކޭގެ ކެޕްޓަން ކަމުގައި 2008 ވަނަ އަހަރު ދޯނީ ފުރަތަމަ ފަހަރަށް ކުޅެން ނުކުތްއިރު ގިލްގެ އުމުރަކީ ނުވަ އަހަރެވެ.

ގުޖުރާތުގެ ބޯލިން ލައިނަޕް ވެސް ވަރުގަދަ އެވެ. މިހާތަނަށް ލީގުގައި އެންމެ ގިނަ ވިކެޓް ނެގީ ވެސް ގުޖުރާތުގެ ތިން ކުޅުންތެރިންނެވެ. މުހައްމަދު ޝާމީ 28 ވިކެޓް ނަގާފައި ވާއިރު ރާޝިދު ހާން ވަނީ 27 ވިކެޓް ނަގައިފަ އެވެ. ތިންވަނައިގައި އޮތީ 24 ވިކެޓް ނަގާފައިވާ މޯހިތު ޝަރުމާ އެވެ.

ސީއެސްކޭ އާއި ގުޖުރާތު ޓައިޓަންސް ބައްދަލުކުރާ ފައިނަލް މެޗު މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު ކުޅެން ހަމަޖެހިފައި ވާއިރު، މެޗު ކުޅޭނީ ގުޖުރާތު ޓައިޓަންސްގެ އަމިއްލަ ދަނޑު ކަމަށްވާ، 132،000 ސަޕޯޓަރުންގެ ޖާގައިގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގަ އެވެ. މިއީ ދުނިޔޭގައި ވެސް އެންމެ ޖާގަ ބޮޑު ކުޅިވަރު ސްޓޭޑިއަމް އެވެ.