Roadha Mihaaru

އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން، ކައުންސިލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން: ފަލާހު

އިދިކޮޅު އެމްޑީޕީ އަށް "ފަސް ފަނި" ފޮނުވާފައިވާނެ ކަމަށާއި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އެ ޕާޓީ އަށް އެއްކޮށް ގެއްލުވާލާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން: ފަލާހު
ނާޒިމް ހަސަން
ނާޒިމް ހަސަން

18 ޖޫން 2025

އިދިކޮޅު އެމްޑީޕީ އަށް "ފަސް ފަނި" ފޮނުވާފައިވާނެ ކަމަށާއި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އެ ޕާޓީ އަށް އެއްކޮށް ގެއްލުވާލާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ 2023 ވަނަ އަހަރު އެމްޑީޕީ ރޫޅާލުމަށް ފަހު، މިހާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ އެ ޕާޓީ "ރާވަން" ވަޑައިގަންނަވަނީ ކަމަށެވެ.

އަނެއްކާވެސް އެމްޑީޕީ ރޭވުމުގެ މަސައްކަތް ނަޝީދު ކުރައްވާނެ ކަމަށާއި ނަމަވެސް، އެ ޕާޓީ އަށް "ފަސް ފަނި" ފޮނުވާފައިވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތިބޭނެ ފަސް ފަނި ފޮނުވާފައި އެމްޑީޕީއަށް މިހާރު، ފަސް ފަނި. މި އަންނަ ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ގެއްލުވާލާނަން އެމްޑީޕީ އަށް. އެއްކޮށް ގެއްލުވާލާނަން،" ފަލާހު ވިދާޅުވި އެވެ.

އެމްޑީޕީއަށް "ފަސް ފަނި" ފޮނުވާފައިވާނެ ކަމަށް ފަލާހު ވިދާޅުވިއިރު، މި ފަހުން އެ ޕާޓީއަށް ޕީއެންސީން އެއްވެސް މެންބަރަކު ގުޅިފައެއް ނުވެ އެވެ. ނަމަވެސް، ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް މި ފަހުން އެމްޑީޕީއާ ގުޅުނެވެ.

އަދި އިއްޔެ އެ ޕާޓީން ވަނީ ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމައިފަ އެވެ. އޭގެ ތެރޭގައި ނަޝީދާއި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނެ އެވެ.

އެގޮތަށް ނިންމައި، ޑިމޮކްރެޓްސްއިން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައިވަނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ.

އެހެންވެ، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ގަރާރުގައި ވެ އެވެ.

އެމްޑީޕީގެ ލީޑަޝިޕާއި ގިނަ މެމްބަރުން ވެސް ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އަދި އެމްޑީޕީގެ ވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އާއި ނަޝީދާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެކު، ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްދަވައި އެ ޕާޓީން ވެސް އިންތިހާބަށް ނުކުތުމެވެ.

ޑިމޮކްރެޓްސް ޕާޓީ އަށް ނަޝީދު ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވީ ވެސް އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ.