Roadha Mihaaru
ރާއްޖެއާއެކު 15ގައުމަކަށް 135މިލިއަން ޑޮލަރުގެ އެހީ

މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއާ އެކު 15 ގައުމަކަށް 135 މިލިއަން ޑޮލަރުގެ އެހީގެ ޕްރޮގްރާމެއް

29 މެއި 2024

މޫސުމީ ބަދަލުތަކާ ދެކޮޅަށް، ރާއްޖެއާ އެކު 15 ގައުމަކަށް 135 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ އެހީ ދޭ ޕްރޮގްރާމެއް ޔޫއެންޑީޕީ އާއި ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) އިން އިފްތިތާހުކޮށްފި އެވެ.

އިފްރާޒް އަލީ އެންޓީގާ އިން އިފްރާޒް އަލީ

މޫސުމީ ބަދަލުތަކާ ދެކޮޅަށް، ރާއްޖެއާ އެކު 15 ގައުމަކަށް 135 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ އެހީ ދޭ ޕްރޮގްރާމެއް ޔޫއެންޑީޕީ އާއި ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) އިން އިފްތިތާހުކޮށްފި އެވެ.

"ބްލޫ އެންޑް ގްރީން އައިލެންޑްސް އިންޓަގްރޭޓެޑް ޕްރޮގްރާމް" ކިޔާ މި އެހީގެ ޕްރޮގްރާމް އިފްތިތާހުކުރީ މިހާރު އެންޓީގާގައި ކުރިއަށް ގެންދާ ހަތަރު ވަނަ ސިޑްސް ކޮންފަރެންސްގަ އެވެ. މި ޕްރޮގްރާމްގެ އެހީގައި ސިޑްސްގެ ގައުމުތަކަށް މައިގަނޑު ތިން ދާއިރާއަކުން އެކި މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ؛

• އުމްރާނީ ތަރައްގީ

• ކާބޯތަކެތި އުފެއްދުން

• ޓޫރިޒަމް

ޔޫއެންޑީޕީން މެނޭޖުކުރާ މި ޕްރޮގްރާމަށް ފަންޑުކުރަނީ ތިމާވެއްޓާ ގުޅޭ އެކި މަޝްރޫއުތަކަށް ފަންޑުކުރާ ބައިނަލްއަގުވާމީ ފަންޑެއް ކަމަށްވާ ޖެފް އިންނެވެ.

މި ޕްރޮގްރާމްގެ ދަށުން ސިޑްސްގައި ހިމެނޭ 39 ގައުމުގެ ތެރެއިން 15 ގައުމަކަށް އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ. އެއީ ރާއްޖެ އާއި ބެލިޒް، ކޭޕް ވަޑޭ، ކޮމޮރޯސް، ކިއުބާ، މޮރިޝަސް، މައިކްރޯނީޝިއާ، ޕަލައު، ޕަޕުއާ ނިއު ގިނީ، ސެއިންޓް ލޫސިއާ، ސަމޮއާ، ސީޝެލްސް، ޓިމޯ ލެސްޓޭ، ޓްރިނިޑާޑް އެންޑް ޓޮބާގޯ އަދި ވަނޫއަޓޫ އެވެ.

އެހީ ދޭނެ ގައުމުތައް ކަނޑައަޅާފައި ވަނީ "އެކްސްޕްރެސް އޮފް އިންޓްރެސްޓް"ގެ އުސޫލުން ހުޅުވާލައިގެންނެވެ. އެ ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި އެންމެ ރަނގަޅު 15 ގައުމަށް އެހީ ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

ޔޫއެންޑީޕީ އާއި ޖެފް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރު އަޗިމް ސްޓައިނަ ވިދާޅުވީ ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާއި ވަށައިގެންވާ ގުދުރަތީ މާހައުލަށް މިހާރު އަންނަމުންދާ ބަދަލުތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ ސިޑްސްގެ ގައުމުތަކަށް ކަމަށެވެ. އެހެންވެ، އެ ގައުމުތަކަށް މި ތަކުލީފުތަކުން އަރައިގަތުމަށްޓަކައި އީޖާދީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެފްގެ މި ޕްރޮގްރާމްގެ އެހީގައި މި ގައުމުތަކުގައި އުމްރާނީ ތަރައްގީ އަށާއި ކާބޯތަކެތި އުފެއްދުމަށާއި ޓޫރިޒަމް ކުރިއެރުވުމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވާނެ -- މީގެ ސަބަބުން މި ގައުމުތަކުގެ އާންމުންގެ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަތަން ފެންނާނެ، އަދި އަހަރެމެންގެ ވެއްޓަށް ވެސް ފައިދާކުރާތަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ސިޑްސްގެ 15 ގައުމަކަށް ފައިސާގެ އެހީދިނުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރު އަޗިމް ސްޓައިނަ ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު

ސިޑްސްގެ 15 ގައުމަކަށް ފައިސާގެ އެހީދިނުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރު އަޗިމް ސްޓައިނަ ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު

މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ދިން ޖަވާބުގައި ޖެފް އިން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން އެކި ގައުމުތަކަށް ވަކި ވަރެއްގެ ފަންޑެއް ހަމަޖައްސައިދޭނެ އެވެ. އެ ފަންޑުގެ ދަށުން، ކަނޑައަޅާފައިވާ ދާއިރާތަކުން އެ ގައުމަކުން ބޭނުންވާ މަޝްރޫއެއް ހިންގުމުގެ ފުރުސަތު ވެސް ދެވޭނެ އެވެ. އަދި އެ ފަންޑުން ދޫކުރާ ފައިސާ އިން އެއް މަޝްރޫއަށް ވުރެ ގިނަ މަޝްރޫއުތައް ވެސް ހިންގިދާނެ އެވެ.

އެ ފަންޑުން ފައިސާ ދޫކުރުމަށް ބޭނުންވާ ލިޔެކިޔުމުގެ ހުރިހާ މަސައްކަތެއް ނިމި، ފައިސާ ދޫކުރަން އާންމު ގޮތެއްގައި 10-14 މަސްދުވަސް ހޭދަވާނެ ކަމަށާއި ފައިސާ ދޫކުރާތާ ތިން އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއުތައް ނިންމުމަށް ފުރުސަތު ދެވޭނެ ކަމަށް ވެސް ޖެފް އިން ބުންޏެވެ.