Roadha Mihaaru
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު

އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީ މީހާ 10،800ރ. އިން ޖޫރިމަނާކުރަން ހުކުމްކޮށްފި

30 މެއި 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއއޭ) ގައި ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ 10،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއއޭ) ގައި ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ 10،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް މިމަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ އެއާޕޯޓުގައި ފުރަން ގޮސް އުޅުމުގެ ތެރޭގައި އެއާޕޯޓްގެ ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރިޔަސް، އޭނާ ފުރުން މަނާކުރުމަށް ފަހު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.

ހަޑަޑްގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވީ ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުންނެވެ.

އެ އެއްބަސްވުމުގެ ދަށުން، ގައިގައި އަތްލުމުގެ ދައުވާގައި އޭނާ 3،600ރ. އިން ޖޫރިމަނާ ކުރުމަށް އަދި އަނިޔާއެއް ދިނުމުގެ ދައުވާގައި 7،200ރ. އާ އެކު ޖުމްލަ 10،800ރ. ގެ ޖޫރިމަނާގެ އަދަބަކަށް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމާ އެއްގޮތަށް އޭނާ ކޯޓުގައި ކުށަށް އެއްބަސްވެފައިވާތީ އެއްބަސްވުމާ އެއްގޮތަށް އޭނާ 10،800ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ގާޒީ އިބްރާހިމް ޒިހުނީ ކުރެއްވި ހުކުމުގައި އަންގާފައިވެ އެވެ.

ގާނޫނުލްއުގޫބާތު އޮންނަ ގޮތުން ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދިނުމުގެ ބާރު އޮވެ އެވެ.