Roadha Mihaaru

މަރުތޭލެއް ހިފައިގެން އުޅުމުން ތުހުމަތުކުރީ މާރާމާރީ އަށް، ކޯޓުން ދޫކޮށްލައިފި

މާރާމާރީއެއް ހިންގަން އުޅޭކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
މޫސާ ރަޝީދު
މޫސާ ރަޝީދު

07 ޑިސެމްބަރ 2024

މާރާމާރީއެއް ހިންގަން އުޅޭކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯޓުން އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާ ހައްޔަރު ކުރީ ލައިގެން ހުރި ޖީންސާއި އުނަގަނޑާ ދޭތެރެއަަށް މަރުތޭލެއް ޖަހައިގެން ހުއްޓާ އެވެ. އެހެންވެ، އޭނާގެ މައްޗަށް ފުލުހުންކުރީ މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތާއި އާންމު ތަނެއްގައި މަގްބޫލް ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތެވެ.

އެ މައްސަލާގައި އޭނާ ބަންދުގައި 15 ދުވަސް ހޭދަ ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލަން އަމުރުކޮށްފަ އެވެ.

ގާޒީ އައިމިނަތު އަޒްލިފާ ނެރުއްވި އަމުރުގައިވަނީ އޭނާ މަގްބޫލް ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވީ ނަމަވެސް މާރަމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ނުވަތަ އެކަމަށް ބާރު ދޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އޭނާ މިހާރު ވެސް 15 ދުވަސް ބަންދުގައި ބަހައްޓާފައިވާތީ އޭނާ އިތުރަަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބެލެވޭ ހެއްކެއް ޝަރީއަތަށް ފާހަގަ ނުވާ ކަމަށް ވެސް އަމުރުގައި ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ކޯޓުގައި ބުނެފައިވަނީ އޭނާގެ އަތުން ފެނުނު މަރުތޭލަކީ އޭނާ ދިރިއުޅޭ ކޮޓަރީގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާތީ، ފިލާގަނޑެއް ޖަހަން ވެގެން އެސްޖީ ގަރާޖުގައި އުޅޭ އޭނާގެ ރައްޓެއްސަކަށް ގުޅައިގެން ގެނައި އެއްޗެއް ކަމަށެވެ.

މަރުތެޔޮ ޖީންސްގެ ދަށަށް ޖަހައިގެން އުޅުނީ އޭނާގެ ސައިކަލުގެ މަޑި ދަށަށް ނުލެވުމުން ކަމަށް އޭނާ ބުނެ އެވެ. އަދި އޭނާއަކީ އޮންލައިން ވިޔަފާރި ކުރާ މީހެއް ކަމަށް ވެސް ތުހުމަތު ކުރެވޭ ފަރާތުން ބުންޏެވެ.