Roadha Mihaaru
އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ އެމްޑީޕީގެ ސުވާލު

އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ އެމްޑީޕީން ސުވާލު އުފައްދައިފި

03 ޖޫން 2024

އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ސަރުކާރުން ހެޔޮ ނިޔަތެއް ގެންގުޅޭ ކަމާ މެދު އިދިކޮޅު އެމްޑީޕީން މިއަދު ސުވާލު އުފައްދައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ސަރުކާރުން ހެޔޮ ނިޔަތެއް ގެންގުޅޭ ކަމާ މެދު އިދިކޮޅު އެމްޑީޕީން މިއަދު ސުވާލު އުފައްދައިފި އެވެ.

އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން އިއްޔެ ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އެގޮތަށް ކެބިނެޓުން ނިންމިއިރު ރައީސްގެ ރިޔާސީ ގަރާރަކުން އެކަން ކުރެވޭނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެކަމަށް ގޮވާލައި ނިމިދިޔަ މަޖިލީހުން އޮތީ ގަރާރެއް ފާސްކޮށް، ރައީސް އޮފީހަށް ފޮނުވައިފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ސީދާ ރައީސްގެ ރިޔާސީ ގަރާރަކުން ނިންމެވި ނަމަ އެކަމަށް މަރުހަބާ ކިޔުނީސް ކަމަށެވެ. އެކަމަކު، މިހާރު ސަރުކާރުން އަމަލު ކުރި ގޮތުން މިކަން އިތުރަށް ދިގުލައިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ކުރެވޭނެ ވަކި މުއްދަތެއް އަޅުގަނޑުމެންނަކަށް ނޭނގޭ، ކުރެވޭނެތޯ ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގައި ބިލެއް އޮއްވައި ސަރުކާރުގެ ފަރާތުން އިތުރު ބިލެއް މަޖިލީހަށް އަންނަ ވާހަކަ މި އިވެނީ،" މީކާއިލް ވިދާޅުވި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ފުރަތަމަ ހުށަހަޅާ ބިލްގެ ގޮތުގައި އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން އިމިގްރޭޝަންގެ ގާނޫނަށް މީކައިލް ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ބިލް މަޖިލީހުގައި އޮއްވައި، ސަރުކާރުން ޑަބަލްކޮށް އަނެއްކާ ބިލެއް ހުށަހަޅަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"މިއީ ރިޔާސީ ގަރާރަކުން ވެސް ކުރެވޭނެ ކަމެއް. މަޖިލީހުގެ އެ ބޭފުޅުންގެ ސުޕަ މެޖޯރިޓީ މަދެއް ނޫން. އެހެންވީމާ ސީދަ އެ ޕާޓީގެ އެމްޕީއަކަށް އެ ބިލް ހުށަހެޅުއްވޭނެ މިއަދުން މިއަދަށް ވެސް އެކަމަކު އެކަން ދިގުލައިގެންދާ ދިޔުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް،" މީކާއިލް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން ހުއްޓުވާ އެއްވެސް ގާނޫނެއް މި ވަގުތު ރާއްޖޭގައި ނެތް ކަމަށާއި އެހެންކަމުން، އެކަމަކީ ރައީސަށް ކުރެއްވޭނެ ކަމެއް ކަމަށެވެ. އަދި މިހާރު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ބިލް މިއަދަށް ތާވަލު ކުރަން ޖެހޭނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"މިއަދު އެ ބިލްގެ ފުރަތަމަ ކިޔުން އިއްވަން ޖެހޭނެ އެއީ އުސޫލެއްގެ ގޮތުން އެހެން އެއްވެސް ބިލެއް ނެތް ހުށަހަޅާފައެއް. އެކަން ނުކުރައްވައި މިކަން ދިގުދަންމާ މުއާލަތް ދުއްވާލުމުގެ ގޮތުން ހެޔޮ ނިޔަތެއް ނެތި ކުރާ ކަމެއް ކަމަށް އިޒްރޭލު ޕާސްޕޯޓް ބޭން ކުރުން ލަސް ކުރަން މި ދައްކާ ވާހަކަތަކަކީ،" މައުރޫފް ވިދާޅުވި އެވެ.

ރާއްޖެ އެތެރެވާ މީހުންނާއި އެތެރެނުވެވޭ މީހުން ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާއިރު ވެސް، ގާނޫނު އިސްލާހު ކުރަން ނިންމާފައިވާތީ ނޫސްވެރިއަކު ކުރި ސުވާލަށް އިއްޔެ ހޯމް އެންޑް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ މިހާރު ގާނޫނުތައް އޮތްގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައި ވަނީ އެ އަށް ބަދަލުތައް ގެންނަން ކަމަށެވެ.

"ގާނޫނު އަސާސީގައި ވެސް އެބަހުރި ވަކި ވަކި ގައުމުތައް ކަނޑައަޅާފައި ގާނޫނުތައް މި ގޮތަށް މާނަކޮށް، ރެސްޓްރިކްޝަން ނާޅަން ބާރުއަޅާފައި. އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ، ގާނޫނީގޮތުން ކުރެވޭނެ އެންމެ އަވަސް މަގެއް އަޅުގަނޑުމެން މި ހޯދަނީ. އެގޮތަށް އަޅުގަނޑުމެން މި ބަލަނީ، ގާނޫނަކުން ކަމަށް ކަނޑައެޅޭނީ ރެސްޓްރިކްޝަންތަކެއް ރާއްޖޭގެ އެންޓްރީއަށް. އެ ގާނޫނުތައް އަޅުގަނޑުމެން ދިރާސާކޮށް އެ އަށް ބަދަލުތައް ގެންނަން މި ރިކޮމެންޑުކުރަނީ،" އިހުސާން އިއްޔެ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮބްޖެކްޓިވްއަކީ ދެންމެ ވެސް މި ފާހަގަކުރިހެން ވީ އެންމެ އަވަހަށް ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނަށް ބަދަލުތައް ގެނައުން."