Roadha Mihaaru
ކަންގަނާ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފި

ކަންގަނާ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފި

05 ޖޫން 2024

އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ލޮކް ސަބާ އަށް ބީޖޭޕީގެ ފަރާތުން ވާދަކޮށް ބޮލީވުޑްގެ ތަރި ކަންގަނާ ރަނޯތު ގޮނޑި ހޯދައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ލޮކް ސަބާ އަށް ބީޖޭޕީގެ ފަރާތުން ވާދަކޮށް ބޮލީވުޑްގެ ތަރި ކަންގަނާ ރަނޯތު ގޮނޑި ހޯދައިފި އެވެ.

ސިޔާސީ ދާއިރާ އަށް ފުރަތަމަ ފަހަރަށް ނުކުމެ، ކަންގަނާ ވަނީ ހިމާޗަލް ޕަރްދޭޝް މަންޑީން 72،000 އަށް ވުރެ ގިނަ ވޯޓު ހޯދައިފަ އެވެ. އޭނާ ވާދަކުރި ކޮންގްރެސް ކެންޑިޑޭޓާ ވަރަށް ބޮޑު ތަފާތެއް ހުއްޓެވެ.

މިދިޔަ ދެ އިންތިހާބުގައި ވެސް އެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީ ޕާޓީންނެވެ. އެގޮތުން 2014 ވަނަ އަހަރު ބޭއްވި އިންތިހާބުން ވެސް ބީޖޭޕީގެ މެމްބަރު ކޮންގްރެސް ޕާޓީގެ މެމްބަރާ ވާދަކޮށް ވަނީ 39،000 ވޯޓުގެ ތަފާތަކުން ކުރި ހޯދައިފަ އެވެ. އޭގެ ފަހުން 2019 ގައި ވެސް ބޮޑު ތަފާތަކުން އެ ގޮނޑި ނެގީ ބީޖޭޕީންނެވެ.

އިންޑިއާގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަންގަނާ އަށް ލިބުނު ކާމިޔާބަކީ އޭނާގެ މަޝްހޫރު ކަމަށް ވުރެ ބޮޑަށް މޯދީ އަށް އޮތް ތާއީދުން ލިބުނު ކާމިޔާބެކެވެ.

ކަންގަނާ އޭނާގެ ކާމިޔާބާއެކު އިންސްޓަގްރާމުގައި އޭނާ ބުނެފައި ވަނީ "މި ކާމިޔާބު ނިސްބަތް ވަނީ މަންޑީގެ ރައްޔިތުންނަށް" ކަމަށެވެ.

މިދިޔަ މަހު ފެށި އިންތިހާބުގެ ވޯޓުލުމުގެ ނަތީޖާތައް ދައްކާ ގޮތުން، ބީޖޭޕީގެ ކޯލިޝަނަށް ބޮޑުތަނުން ކާމިޔާބު ލިބޭނެ އެވެ. މިހާރު ވެސް ބޮޑުވަޒީރުކަމުގައި ހުންނެވި މޯދީ އާ ދައުރަކަށް ބޮޑުވަޒީރުކަން ކުރައްވާނެ ކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.

ކަންގަނާ ސިޔާސީ ދާއިރާ އަށް ނުކުމެ، އޭނާ ބުނެފައި ވަނީ މި ގޮނޑި ކާމިޔާބުވެއްޖެ ނަމަ ފިލްމު ކުޅުން އެއްކޮށް ދޫކޮށްލާނެ ކަމަށެވެ. އަދި، ފިލްމު ކުޅޭށޭ ކިޔައިފައި އެނބުރި މުމްބާއީ އަށް ދިރިއުޅެން ނުދާނެ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ.