Roadha Mihaaru
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ

އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ

25 މާޗް 2024

އަންނަ މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު އިއްޔެ އިއުލާންކޮށްފި އެވެ.

އަންނަ މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު އިއްޔެ އިއުލާންކޮށްފި އެވެ.

އެ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޓިކެޓްގަ އެވެ.

ކަންގަނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބީޖޭޕީގެ ފަރާތުން އޭނާއަށް އަބަދުވެސް އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އަންނަ މަހު ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ދޭން ނިންމައި އެ ޕާޓީގެ ލީޑާޝިޕުން މިހާރު އެކަން އިއުލާންކޮށްފައިވާ ކަމަށް ވެސް ކަންގަނާ ބުންޏެވެ.

ކަންގަނާ ވާދަކުރަނީ އޭނާގެ އުފަން ސްޓޭޓް، ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ އަށެވެ.

"މި ޕާޓީއާ ރަސްމީކޮށް ގުޅުމަކީ އަހަންނަށް ލިބޭ ފަހަރަކާއި ޝަރަފެއް،" އޭނާ ބުންޏެވެ.

"އުއްމީދަކީ ރަަނގަޅު މަސައްކަތްތަކެއްކޮށް، އާންމުންގެ ހިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުރުން."

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބު ބާއްވަނީ އަންނަ މަހު 19 އިން ފެށިގެން ޖޫން އެކެއްގެ ނިޔަލަށެވެ. އަދި ނަތީޖާ އިއުލާންކުރަނީ ޖޫން މަހުގެ ހަތަރެއްގަ އެވެ. އެ އިންތިހާބުގައި 543 މެމްބަރުން އިންތިހާބުކުރާނެ އެވެ.

މި އިންތިހާބުގައި ކަންގަނާ ވަދާކުރަން ނިންމިކަން އިއުލާންކުރީ އޭނާ ސިޔާސީ ދާއިރާއިން ވަރަށް އަވަހަށް ފެންނާނެ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އަދި ކަންގަނާ އަކީ އަބަދުވެސް ސޯޝަލް މީޑިއާގައި ބީޖޭޕީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދިފާއުގައި ހިޔާލުފާޅުކުރާ މީހެކެވެ.