Roadha Mihaaru
ނަސީރަށް ބްރިޓިޝްގެ އެންމެ ކާމިޔާބު ކޯޗުގެ ސެޝަންތަކެއް

ސްކޮޓްލެންޑްގައި ނަސީރަށް އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކޯޗުގެ ސެޝަންތަކެއް

09 ޖޫން 2024

ސްކޮޓްލެންޑްގައި ކޯޗިން އެޑިއުކޭޝަންގެ ތަމްރީނުތަކެއް ހަދަމުންގެންދާ، ރާއްޖޭގެ ނަސީރު އިސްމާއީލަށް، އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކޯޗުގެ ސެޝަންތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސްކޮޓްލެންޑްގައި ކޯޗިން އެޑިއުކޭޝަންގެ ތަމްރީނުތަކެއް ހަދަމުންގެންދާ، ރާއްޖޭގެ ނަސީރު އިސްމާއީލަށް، އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކޯޗުގެ ސެޝަންތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފި އެވެ.

މެޕް (މޯލްޑިވްސް އެތުލެޓިކްސް ޕްރޮޖެކްޓް) ގެދަށުން، ސްކޮޓްލެންޑްގެ އެތުލެޓިކްސް ފެޑެރޭޝަނުން ދިން ފުރުސަތުގައި، ގައުމުގެ އެންމެ ތަޖުރިބާކާރު ކޯޗު މައިކަލް ޖޯންސްޓަންއާ އެކު ދެ ދުވަސްވަންދެން މަސައްކަތް ކުރުމުގެ ފުރުސަތު ނަސީރަށް ލިބޭގޮތަށް ސްކޮޓްޝް އެތުލެޓިކްސްއިން ވަނީ އިންތިޒާމު ހަމަޖައްސައިފި އެވެ.

މިހާރު އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ޖޯންސްޓަންގެ ބެލުމުގެދަށުން ސްކޮޓްލެންޑްގެ އެތުލީޓުން ދަނީ އަންނަ މަހު ފަށާ އޮލިމްޕިކްސް އަށް ތައްޔާރުވަމުންނެވެ.

"އެ ސެޝަންތަކުގެ ތެރެއިން ދެ ދުވަހު މައިކް [ޖޯންސްޓަން] އާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ވަނީ ހަމަޖައްސާ ދީފަ. އަޅުގަނޑަށް އޭނާ ތައާރަފްކޮށް ދިނުމުގެ ގޮތުންވެސް ސްކޮޓިޝް އެތުލެޓިކްސްގެ މީހުން ބުނީ އެއީ މުޅި އިނގިރޭސިވިލާތުގައި ވެސް ހުރި އެންމެ ރެޕިއުޓަބަލް ކޯޗޭ،" ސްކޮޓްލެންޑްގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ނަސީރު ބުންޏެވެ.

"ރިޓަޔާމެންޓްގައި ކުރިން ހުރީ އެކަމަކު ސްކޮޓިޝް އެތުލެޓިކްސްގެ އެދުމުގެމަތިން އަލުން މަސައްކަތް ކުރަން ފެށީ. އޮލިމްޕިކްސްގެ ތައްޔާރީތައް ވެސް އޭނާގެ ބެލުމުގެދަށުން ކުރިއަށްދޭ."

ކޮމަންވެލްތު ގޭމްސް އާއި އޮލިމްޕިކްސްގައި ސްކޮޓިޝް އެތުލެޓިކްސް ޓީމުގެ އެންޑިއުރަންސް ކޯޗުގެ ގޮތުގައި ޖޯންސްޓަން ވަނީ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފަ އެވެ.

ނަސީރު ބުނީ އޭނާ އަށް ސްކޮޓްލެންޑްގެ ޓްރޭނިން ފުރުސަތު ލިބުނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ.

މައިކަލް ޖޯންސްޓަން

މައިކަލް ޖޯންސްޓަން

"އޮލިމްޕިކްސްގެ ތައްޔާރީތައް އެންމެ ވަރުގަދަ އަށް ކުރިއަށްދާ ދުވަސްވަރު. އޮލިމްޕިކްސް ޓީމުގެ އެކި ކޯޗުންގެ ތަމްރީނުތަކުގެ ސެޝަންތަކުގައި ބައިވެރިވެވޭ ގޮތަށް ހަމަޖައްސަފައި އޮތީ،" ނަސީރު ބުންޏެވެ.

"ނޮލެޖްވައިސްކޮށް ބެލިޔަސް ވަރަށް ރަނގަޅު ސެޝަންތަކެއް."

އެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް، އެ ޕްރޮގްރާމުން ލިބޭ އިލްމާއި ތަޖުރިބާބޭނުންކޮށް ރާއްޖޭގެ އެތުލީޓުންގެ ޕާފޯމަންސް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން ނަސީރަށް ޖެހޭނެ އެވެ.

މެޕްގެ ދަށުން ނަސީރު ހާސިލުކުރަންޖެހޭ ބައެއް ކަންކަން

 ސްކޮޓިޝް އެތުލެޓިކްސްއާ ގުޅިގެން، ރާއްޖޭގެ އެތުލެޓިކްސް އަށް އިތުރު ފުރުސަތާއި އެކްސްޕޯޝާ ހޯދައި ދޭން މަސައްކަތް ކުރުން.

 ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކޯޗުން ތަމްރީނުކުރުމާއި ތަރައްގީކުރުމަށް ސަމާލުކަން ދިނުން.

 އަމިއްލަ އަދި ގައުމީ ލަނޑުދަނޑިތަކަށް ވެސް ކާމިޔާބީތަކެއް ހޯދުމަށް އަމާޒު ހިފުން

ނަސީރު ބުނީ ދަތުރުގެ ތަޖުރިބާއާ އެކު ރާއްޖޭގެ އެތުލެޓިކްސް އަށް ކުރިއެރުންތައް ހޯދައިދިނުމުގައި އާ ހިޔާލުތަކާއި ވިސްނުންތަކާ އެކު މަސައްކަތް ކުރުމުގެ އުންމީދު އިތުރުވެއްޖެ ކަމަށެވެ.

ސްކޮޓްލެންޑްގެ ފުރުސަތު ނަސީރަށް ލިބުނީ އޭޕްރީލް މަހު ރާއްޖެ އަށް ޒިޔާރަތްކުރި ސްކޮޓްލެންޑްގެ ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރު، ނިގެލް ހެތެރިންޓަން މެދުވެރިކޮށެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރުމުގެ ކުރިން އޭނާ ވަނީ ނަސީރުގެ ގެއަށް ޒިޔާރަތްކޮށްފަ އެވެ.