Roadha Mihaaru
ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީއަށް ވޯމްއަޕެއް

ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީގައި މެޑަލް ހޯދަން ޖަހާ ވޯމްއަޕެއް: ފަޒީލް

27 ސެޕްޓެމްބަރ 2022

ރާއްޖޭގެ މުބާރާތްތަކުގައި މިހާރު ހޯދާ ކާމިޔާބުތަކަކީ، އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދުމަށް ޖަހާ ވޯމްޕަޕެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ބާރު ޑިސްޓެންސް ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ސިފަކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ މުބާރާތްތަކުގައި މިހާރު ހޯދާ ކާމިޔާބުތަކަކީ، އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދުމަށް ޖަހާ ވޯމްޕަޕެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ބާރު ޑިސްޓެންސް ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ސިފަކޮށްފި އެވެ.

ކުރިން ކުރިމަތިވި އަނިޔާ އާ ގުޅިގެން މިދިޔަ ތިން އަހަރު ފޯމް ގެއްލިފައި ހުރި ފަޒީލް ދަނީ އަލުން ފޯމަކަށް އެޅި ޑޮމެސްޓިކް މުބާރާތްތަކުގައި ކާމިޔާބު ހޯދަމުންނެވެ.

ނިމިދިޔަ ގައުމީ މުބާރާތުގައި ފަސް ރަން މެޑަލް ކަރުގައި އަޅުވާލި ފަޒީލްގެ ޓާގެޓަކީ އަންނަ އަހަރު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 800 މީޓަރުން މެޑަލް ހޯދުމެވެ.

ފަޒީލް ބުނީ އެ ޓާގެޓަށް ވާސިލުވުމަށް ބޭރުގެ ޓްރޭނިން ކޭމްޕެއް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގައުމީ މުބާރާތުގެ 800 މީޓަރުގެ ރޭހުގައި ފަޒީލް (ކ) ވާދަ ކުރަނީ: އޭނާގެ ޓާގެޓަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 800 މީޓަރުން ރާއްޖެ އަށް މެޑަލް ހޯދައި ދިނުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ މުބާރާތުގެ 800 މީޓަރުގެ ރޭހުގައި ފަޒީލް (ކ) ވާދަ ކުރަނީ: އޭނާގެ ޓާގެޓަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 800 މީޓަރުން ރާއްޖެ އަށް މެޑަލް ހޯދައި ދިނުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ރާއްޖޭގައި ޓްރޭނިން ހަދައިގެން މެޑަލް ނުލިބޭނެ ވާހަކައެއް ނޫން. އެކަމަކު ރާއްޖެއިން ބޭރުގެ ރަނގަޅު ފެސިލިޓީ ހުރި ޓްރޭނިން ސެންޓަރެއްގައި ބޭސްވެގެން ޓްރޭނިން ހެދީމަ އެ އަންނަ ކުރިއެރުން ތަފާތު ވާނެ ރާއްޖޭގައި މިގޮތަށް މިހަދާ ޓްރޭނިންތަކަށް ވުރެ،" ކުރީގެ އެއް ވަނަ ޑިސްޓެންސް ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ ފަޒީލް ބުންޏެވެ.

"ކޯޗު [ނަސީރު] ވެސް ވަރަށް ބޮޑަށް އެ ވާހަކަ ދައްކާ. އެ ކަމުގައި އަޅުގަނޑާ ކޯޗު [ނަސީރު] ގެ ވިސްނުން ވަރަށް އެއްގޮތް. އިރާދަކުރެއްވިއްޔާ އައިއޯއައިޖީން މެޑަލްއެއް ގެންނާނަން. އޭގެ ކުރިން އެކަށީގެންވާ މުއްދަތެއްގައި ރާއްޖެއިން ބޭރުގައި ޓްރޭނިން ހަދަން ފުރުސަތު ލިބިއްޖެއްޔާ މާ ބޮޑަށް ޔަގީން ކުރެވޭ އެ ޓާގެޓް ހާސިލު ކުރެވޭނެ ކަމަށް."

ގައުމީ މުބާރާތުގެ 800 މީޓަރުގެ ރޭސް ފަޒީލް ކާމިޔާބު ކުރީ 1:58.16 (1 މިނެޓާއި 58.16 ސިކުންތު) އިން ނިންމައިގެންނެވެ.

ނަސީރު ބުނި ގޮތުގައި ގައުމީ މުބާރާތުގައި ފަޒީލް ނިންމި ވަގުތަކީ، އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 800 މީޓަރުގެ މެޑަލް ޓައިމްއާ ދާދި ކައިރި ވަގުތެއް ކަމަށެވެ.

ގައުމީ މުބާރާތުގައި ފަޒީލް (ވ) ދުވަނީ: އޭނާ ވަނީ ގައުމީ މުބާރާތުގައި ފަސް ރަން މެޑަލް ކަރުގައި އަޅުވާލަފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާފރު

ގައުމީ މުބާރާތުގައި ފަޒީލް (ވ) ދުވަނީ: އޭނާ ވަނީ ގައުމީ މުބާރާތުގައި ފަސް ރަން މެޑަލް ކަރުގައި އަޅުވާލަފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާފރު

"ރޭސް ނިންމަން ފިނިޝިން ލައިން އާ ކައިރި އަށް އައިސް ފަޒީލް އެއްކޮށް ރޭސް ނުނިންމައި ސެލްބްރޭޓް ކުރީ. އެ ޖޯއީމެންޓްގައި ޖެހި ސްޕީޑް ކުޑަކޮށް ސްލޯވި. ރޭސް ނިމެންދެން ކުރިން އައި ސްޕީޑްގައި ހިފެހެއްޓިނަމަ އައިއޯއިޖީގެ މެޑަލް ޓައިމް ތެރެއަށް ފަޒީލް ވަންނާނެ،" ނަސީރު ބުންޏެވެ.

ނަސީރު ވެސް ބުނީ ބޭރުގެ ޓްރޭނިން ފަޒީލަށް މުހިންމު ކަމަށެވެ.

"އެތުލެޓިކްސްގައި ނެތް މިހާރު ފަޒީލް ވަރުގެ ޑެޑިކޭޓެޑް އެތުލީޓެއް. އޭނަ އަށް ބޭރުގެ ޓްރޭނިން ކޭމްޕެއް ޑިޒާވް. ކުރީގެ ޓައިމްތަކަށް ވުރެ އަންނަ އަހަރުގެ ގޭމްސްގެ 800 މީޓަރުގެ ޓައިމްތައް އަވަސް ވާނެ. އެހެން ގައުމުތަކުގެ އެތުލީޓުން ވެސް އެ ޓައިމް ބްރޭކު ކުރަން ތައްޔާރު ވާނެ. ފަޒީލް ވެސް އެ ލެވަލަށް ޓްރޭނިން ހިތްލާލެވޭނެ ޓްރޭނިން ބޭރުގެ ކޭމްޕަކާ އެކު،" ނަސީރު ބުންޏެވެ.

ފެބްރުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގެ ރަކް އަލް ހައިމާގައި 5000 މީޓަރުން އެއް ވަނަ ހޯދި ފަޒީލް ބުނީ ދުބާއީގެ މެޑަލް އަކީ އައިއޯއައިޖީ އަށް ތައްޔާރުވުމުގެ ފުރަތަމަ ވޯމް އަޕް ކަމަށެވެ.