Roadha Mihaaru
"ޕާސްޕޯޓް މަނާކުރަން އިގްތިސާދީގޮތުން ދިރާސާކުރަންޖެހޭ"

އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުން: އިގުތިސާދީ ގެއްލުން ވަޒަން ކުރަން ނާޒިމް ގޮވާލައްވައިފި

10 ޖޫން 2024

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގައި ރާއްޖޭގެ ރައްކާތެރިކަމާއި އިގުތިސާދަށް ލިބޭނެ ގެއްލުން ވަޒަންކޮށް، ހަރުދަނާ ނިންމުމެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގައި ރާއްޖޭގެ ރައްކާތެރިކަމާއި އިގުތިސާދަށް ލިބޭނެ ގެއްލުން ވަޒަންކޮށް، ހަރުދަނާ ނިންމުމެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.

މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ބިލްގެ ބަހުސްގައި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ މިކަހަލަ ނިންމުންތައް ނިންމުމުގައި މި މަޖިލީހުގެ މެންބަރުންގެ ހިކުމަތްތެރިކަން ހުންނާނެ ކަމަށެވެ. ރާއްޖެ އަބަދުވެސް އޮންނާނީ އަދި އޮންނަން ޖެހޭނީ ވެސް ވަކި ފަރާތަކަށް ނުޖެހި، ދިވެހިރާއްޖޭގެ މަސްލަހަތުގައި ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަޖިލީހުން ނިންމުމެއް ނިންމަން ވާނީ، ރައްޔިތުންނަށް ފައިދާވާ ގޮތަށެވެ.

"ދުނިޔޭގެ އެހެން ބާރުތައް ބޭނުންހާ ގޮތަކަށް ވެގެން ނުވާނެ. ދިވެހިރާއްޖޭގެ ގައުމިއްޔަތަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ އާއި މަންފާވާ ގޮތަށް ކަންކަން ނިންމަން ޖެހޭ. ނިންމާނީ ވެސް އެގޮތަށް. މިކަން ވެސް އެކަމުން އިސްތިސްނާއެއް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ތެދަށް ވާހަކަ ދައްކާ ނަމަ، ގަމިއްޔަތާއި ގައުމު ދެކެ ލޯބިވުމަކީ ދެ އެއްޗެއް ކަން އެނގެން އެބަ ޖެހެ އެވެ. ގައުމު ދެކެ ލޯބިވުމަކީ ގައުމުން ކުރާ ކަންކަމުގެ މައްޗަށް ފަހުރުވެރިވުން ކަމަށާއި ގައުމިއްޔަތަކީ ކޮންމެ ފަދަ ކަމެއް ގައުމުން ކުރި ކަމަށްވީ ނަމަވެސް، އެކަމާ ފަހުރުވެރިވެ ވަރިހަމަވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒިންމާދާރުވުމަކީ ކަނު ބަނދެގެން ތިބެގެން އަޅުގަނޑުމެން ކަންކަން ނިންމުމެއް ނޫން. ގައުމު ދެކެ ލޯބިވުމަކީ ގައުމަށް ދުޝްމަނުން ހޯދާ ލިބިގަތުމެއް ނޫން. އަދި އެހެންމެ ގައުމުތަކަށް ވުރެ ތިމާމެން ނަގާ ޕޮޒިޝަން މާ މޮޅޭ ބުނުމެއް ވެސް ނޫން،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ނިންމާ ނިންމުން ވާން ޖެހެނީ ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ މިނިވަންކަމާއި ރައްކާތެރިކަން އަދި އިގުތިސޯދީ ގޮތުން ވެސް އަޅުގަނޑުމެންނަށް ގެއްލުން ނުވާނެ ގޮތްތަކަށް މި ކަންކަން ނިންމުން."

ނާޒިމް ވަނީ އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމުން ރާއްޖެއަށް ކުރާނެ އަސަރުގެ ރަނގަޅު އެސެސްމެންޓެއް މަޖިލީހުގެ ކޮމިޓީން ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް ރާއްޖެއަށް ބުކިން ހަދައި، ފައިސާ ދައްކާފައި ތިބި މީހުން އުޅޭނެ ކަމަށާއި އެ ބުކިންތައް ކެންސަލް ކުރުމަށް ރިސޯޓްތަކުން ވެސް ކަންބޮޑުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެހެންވީމަ މިކަމުގައި ކޮމިޓީ މަރުހަލާގައި ނިންމަން ޖެހޭ ބަލަން ޖެހޭ ހުރިހާ ނަޒަރިއްޔާތަކުން ބައްލަވާ އިގުތިސާދީ ގޮތުން ވިޔަސް، ސަލާމަތީ ގޮތުން ވިޔަސް އަދި ރައްކާތެރިކަމުގެ ގޮތުން ވިޔަސް ބައްލަވަން ޖެހޭ ހުރިހާ ކަމެއް ބަލާފައި ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ކޮމިޓީން ނިންމުމަކީ ވަރަށް ބޮޑު އެދުމެއް،" ނާޒިމް ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ނިންމައި، އެކަމުގައި ގާނޫނީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމަން މަޖިލީހާ ހަވާލުކޮށްފައިވާއިރު، އެމްޑީޕީން ހުށަހެޅި ބިލް ބަލައިގަތުމާ މެދު މިއަދު މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. އެމްޑީޕީން ހުށަހެޅި ބިލަށް ތާއިދުކޮށް ޕީއެންސީގެ މެންބަރުން މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވި އެވެ.