Roadha Mihaaru
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ޕީއެންސީގެ ތާއީދު

އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅީ މުހިންމު ބިލެއް: ފަލާހު

10 ޖޫން 2024

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލް ވަރަށް މުހިންމު ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލް ވަރަށް މުހިންމު ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ ބަހުސް ފަށާފައިވާއިރު، ބިލަށް ބަހުސް ކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ އިދިކޮޅުން ހުށަހެޅި ބިލެއް ނަމަވެސް މި ކަން ސިޔާސީ ކުރަން ބޭނުން ނުވާ ކަމަށާއި ދިވެހި ރައްޔިތުން އެދެނީ މިގޮތް ކަމަށެވެ.

އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވައި ފަލާހު ވިދާޅުވީ، އެއީ ވަރަށް ވަރަށް މުހިންމު ބިލެއް ކަމަށެވެ.

"މިއީ ސިޔާސީ ނަޒަރަކުން ދެކެފި ނަމަ އެއްވެސް ވަރަކަށް ނަތީޖާ ހާސިލް ކުރެވޭނެ ބިލެއް ނޫން،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ބިލް ސިޔާސީ ނަޒަރަކުން ބެލެވޭ އެންމެ ބޮޑު ސަބަބަކީ މި މައްސަލަ ފެށުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ކަމަށް ވެފައި އޭރު ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ވެރިއެއް ކަމަށް ވުމެވެ.

ސަރުކާރުން ނިންމާފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެންނާށެވެ. އެކަމަކު، ސަރުކާރާއި ޕީއެންސީގެ ވިސްނުމަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލަށް އިތުރު އިސްލާހު ގެނެސް އެ ބިލަށް ތާއީދު ކުރުމެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ ކުރި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ ކުރި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ބިލް ހުށަހެޅުއްވި މެންބަރު މީކާއިލް ބޭނުންވި ނަމަ ކުރީގެ ދައުރުގައި ވެސް އެ ބިލް މަޖިލިހަށް ހުށަހަޅުއްވައިގެން، އޭރުގެ ސުޕަ މެޖޯރިޓީގެ ބޭނުންކޮށްގެން ބިލް ފާސްކޮށް، ޕާސްޕޯޓް މަނާކުރެވުނީސް ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވިގޮތުގައި، ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގިނަ ސްޓޭންޑުތަކެއް ނަގަމުން އަންނައިރު، އެ ބިލް އަވަސްކޮށް، ބޭނުންވާ ނަތީޖާ އިހުލާސްތެރިކަމާ އެކު ހާސިލްކުރަން ބޭނުންވާ ނަމަ ބިލް މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވަން ޖެހެ އެވެ.

ފަލާހުގެ އެ ހުށަހެޅުމަށް ސަރުކާރުގެ ގިނަ މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.

ބަހުސްގައި ބިލު ހުށަހެޅުއްވި މީކާއިލް ވެސް ވިދާޅުވީ މި ބިލަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި އެކެއް އަނެކަކަށް ސިޔާސީ ބޯޅަ ޖެހުމާއި ގުދޯގުދޯ ގޮވުމުގެ ބަދަލުގައި ހުރިހާ ޕާޓީއެއް އެކުވެ، ނަތީޖާ ހާސިލު ކުރަން ބޭނުންވާ ބިލެއް ކަމަށެވެ.

ބިލު ހުށަހެޅި ނިޔަތާ މެދު އުފައްދާ ސުވާލުތަކާ ގުޅިގެން މީކާއިލް ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ވެސް މި މަސައްކަތް ކުރިއިރު، އިޒްރޭލްގެ ޕާސްޕޯޓު މަނާކުރަން ގަރާރެއް ވެސް ފާސްކޮށްފައި ވާނެ ކަމަށެވެ.

މަޖިލީހަށް ބިލް ހުށަހެޅިފަހުން ސަރުކާރުން ވެސް ވަނީ މި އިސްލާހު ގާނޫނަށް ގެނައުމަށް ނިންމައިފަ އެވެ.