Roadha Mihaaru
މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް

20 ވަނަ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކޮށްފި

28 މެއި 2024

މިއަދު ފެށި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި މިހާތަނަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު އިންތިހާބުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިއަދު ފެށި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި މިހާތަނަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު އިންތިހާބުކޮށްފި އެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރީ އާ މެމްބަރުން މަގާމުގެ ހުވާކުރެއްވުމަށް ފަހު ބޭއްވި 20 ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މެދުކެނޑުމެއް ނެތި މަޖިލިހުގައި އެންމެ ގިނަ ދުވަސް ވަންދެން ހުންނެވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ވާދަކުރެއްވި އަބްދުއްރަހީމާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލެވެ.

މަޖިލިހުގެ ރައީސްގެ ގޮނޑި އަށް އަބްދުއްރަހީމް ވަޑައިގަތީ 71 ވޯޓުންނެވެ. ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. މަޖިލިހުގެ ރައީސްގެ އިންތިހާބުގައި ހަތް ވޯޓު ބާތިލްވި އެވެ.

އަބްދުއްރަހީމަށް 71 ވޯޓު ލިބިވަޑައިގަތަސް މަޖިލިހުގެ ނައިބު ރައީސްކަމަށް ނާޒިމް ވަޑައިގަތީ 80 ވޯޓުންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. މިއަދު ފެށި އާ މަޖިލިހުގައި ތިއްބަވަނީ ވެސް އެމްޑީޕީގެ 12 މެމްބަރުންނެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިންތިހާބުގެ ވޯޓު ގުނަން މަޖިލިހުން ފާސްކުރި ފަސް މެމްބަރުންގެ ކޮމިޓީގެ މެމްބަރުން ވޯޓު ގުނުމުގައި.---ފޮޓޯ: މަޖިލިހުގެ އިދާރާ

މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިންތިހާބުގެ ވޯޓު ގުނަން މަޖިލިހުން ފާސްކުރި ފަސް މެމްބަރުންގެ ކޮމިޓީގެ މެމްބަރުން ވޯޓު ގުނުމުގައި.---ފޮޓޯ: މަޖިލިހުގެ އިދާރާ

ވޯޓު ގުނުމަށްޓަކައި މަޖިލިހުން ފާސްކުރި ފަސް މެމްބަރުންގެ ކޮމިޓީގައި ތިއްބަވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސެވެ.

ވިހި ވަނަ މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް އަދި ނައިބަކަށް ނާޒިމް އިންތިހާބު ކުރުމަށް ފަހު އަބްދުއްރަހީމް ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ޖަލްސާ ކުރިއަށް ގެންދަވައިފަ އެވެ.

މަޖިލިހުގެ ރައީސް ކަމަށް އިންތިހާވުބުމުގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގައި މިހާރު ތިއްބެވި 76 މެންބަރުންގެ ސުޕަ މެޖޯރިޓީ ނުރޫޅި، މަޖިލީހުގެ މި ފަސް އަހަރުގެ ދައުރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނާޒިމް އަދި އަބްދުއްރަހީމް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނާޒިމް އަދި އަބްދުއްރަހީމް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަބްދުއްރަހީމް ވިދާޅުވީ އޭނާގެ އަމާޒަކަށް ވާނީ ރައީސް މުއިއްޒުގެ ވައުދުތައް ފުރިހަމަކަމާ އެކު، ފުއްދަން ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ އެއްބާރުލުން ދޭން ކަމަށާއި އެކަން ރައީސް މުއިއްޒު ހިތްޕުޅާ މިންވަރަށް ކޮށްދޭނެ ކަމަށެވެ.

ނާޒިމް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަނީ 20 ވަނަ މަޖިލީހަކީ ހަމަނުޖެހުންތައް މަދު، ނަތީޖާ ނެރޭ މަޖިލީހަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ނާޒިމް ވިދާޅުވީ އޭނާގެ ލީޑަޝިޕްގައި މަޖިލިސް ވާނީ ނަމޫނާ މަޖިލީހަކަށް ކަމަށެވެ.

މިދިޔަ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިހާބުވި 10 މެންބަރަކު އެ ޕާޓީ އާ ގުޅިވަޑައިގަތުމުން ޕީއެންސީގައި މިހާރު ތިއްބެވީ ޖުމްލަ 76 މެންބަރުންނެވެ.

މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.