Roadha Mihaaru
އިންޑިއާގެ ފިލްމީ މަސައްކަތްތަކަށް މާލީ އެހީ ދެނީ

އިންޑިއާގެ ފިލްމީ މަސައްކަތްތަކަށް ސަރުކާރުން މާލީ އެހީ ދެނީ

10 ޖުލައި 2020

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ މުނިފޫހި އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީ އެކަމަށް އެހީވުމުގެ ގޮތުން ސަރުކާރުން މާލީ އެހީދޭން ނިންމާފައިވާ ކަމަށް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ޔުނިއަން މިނިސްޓަރު (އައިއެންޑްބީ) ޕްރަކާޝް ޖަވޭދްކަރް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ މުނިފޫހި އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީ އެކަމަށް އެހީވުމުގެ ގޮތުން ސަރުކާރުން މާލީ އެހީދޭން ނިންމާފައިވާ ކަމަށް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ޔުނިއަން މިނިސްޓަރު (އައިއެންޑްބީ) ޕްރަކާޝް ޖަވޭދްކަރް ވިދާޅުވެއްޖެ އެވެ.

ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާޒް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްއައިސީސީއައި) ފްރޭމްސްގެ 21 ވަނަ އެޑިޝަނުގައި އަންގާރަ ދުވަހު ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވީ ކޮވިޑާ އެކު ކުރިމަތިވި ލޮކްޑައުންއާ އެކު މުނިފޫހި އިންޑަސްޓްރީ އަށް ވަރަށް ބޮޑު ގެއްލުމެއްވެފައިވާކަން ގަބޫލުކުރައްވާ ކަމަށެެވެ.

އެހެންވެ ސަރުކާރުން އެކުލަވާލާ ހާއްސަ އުސޫލުތަކެއްގެ ދަށުން ފިލްމާއި ޓީވީ ޝޯތަކާއި އެނިމޭޝަނާއި ގޭމިން ފަދަ ދާއިރާތަކުގެ މަސައްކަތްތައް އަލުން ފަށައިގަތުމަށް މާލީ އެހީ ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ކަނޑައަޅާ ސްޓެންޑާޑް އޮޕަރޭޝަން ޕްރޮސީޖާ (އެސްއޯޕީ) ވަރަށް އަވަހަށް އާންމުކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ދަށުން ކްރިއޭޓިވް އިންޑަސްޓްރީ އަށް ހާއްސަ އިންސެންޓިވްތަކެއް ލިބިގެންދާނެ. އަޅުގަނޑުމެން ގަބޫލުކުރަނީ މި ގޮތަށް ދެވޭ އެހީއަކީ ކުރިއަށްދާން ފަސޭހަކޮށްދޭނެ މަގެއް ކަމަށް." ޖަވޭދުކަރް ވިދާޅުވި އެވެ.

އޮންލައިންކޮށް މި މަހުގެ 11 ހަމައަށް ކުރިއަށް ގެންދާ އަފްއިސީސީސީއައި ފްރޭމްސްގައި މިނިސްޓަރު ވިދާޅުވީ މުނިފޫހި އިންޑަސްޓްރީ އަކީ އިންޑިއާގެ ވަރަށް ހާއްސަ ދާއިރާއަކަށްވާތީ އެ ދާއިރާ ކުރިއެކޭ އެއްގޮތަށް ހިނގައިގަތުމަކީ ވަރަށް ބޭނުންތެރި، މުހިއްމި ކަމަކަށް ވާނެ އެވެ. އެހެންވެ ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތަކާއި ދެވެން ހުރި ލުއިތައް ފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އަކީ ފިލްމާއި ޓީވީ އުފެއްދުންތަކުގެ މަސައްކަތް ދުނިޔޭގައި އެންމެ ފުޅާކޮށް ކުރިއަށް ގެންދާ ގައުމެވެ. އެގޮތުން އެތަކެއް ހާސް މީހުން އެ އިންޑަސްޓްރީގައި އެކި ގޮތްގޮތަށް މަސައްކަތްކުރާ އިރު، މިއީ ބިލިއަނުން ފައިސާ ވަންނަ އިންޑަސްޓްރީއެކެވެ.

ލޮކްޑައުންއާ ދިމާކޮށް މާޗް މަހު އިންޑިއާގެ ސިނަމާތައް ބަންދުކުރުމާ ގުޅިގެން ވެސް އެތައް ކްރޯޑް ރުޕީސްގެ ގެއްލުމެއް މިހާތަނަށް ފިލްމީ ދާއިރާގެ މީހުންނަށް ވެފައިވެ އެވެ.