Roadha Mihaaru
"ޗައިނާ ސިފަވާތީ" ޑްރެގަން ފުރުޓްގެ ނަން ބަދަލުކޮށްފި

ޗައިނާ ސިފަވާ ކަމަށް ބުނެ ގުޖަރާތުގައި ޑްރެގަން ފުރުޓްގެ ނަން ބަދަލުކޮށްފި

22 ޖެނުއަރީ 2021

"ޑްރެގަން" ރަމްޒުކޮށް ދެނީ ޗައިނާއާ ކަމަށް ބުނެ އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ޑްރެގަން ފުރުޓަށް ލޮޓަސް ކިޔަން ނިންމުމުން ގިނަ ބަޔަކު ޖޯކު ޖަހަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޑްރެގަން" ރަމްޒުކޮށް ދެނީ ޗައިނާއާ ކަމަށް ބުނެ އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ޑްރެގަން ފުރުޓަށް ލޮޓަސް ކިޔަން ނިންމުމުން ގިނަ ބަޔަކު ޖޯކު ޖަހަން ފަށައިފި އެވެ.

ޑްރެގަން ފުރުޓަށް ގުޖުރާތުގައި ކިޔަނީ ސަންސްކްރިތު ބަހުން "ކަމަލަމް" އެވެ. އޭގެ މާނަ އަކީ ލޮޓަސް އެވެ. ލޮޓަސް އަކީ އިންޑިއާގެ ގައުމީ މަލެވެ. އަދި އެ މާ އިންޑިއާގައި ވެރިކަންކުރަމުން އަންނަ ޕާޓީ ބީޖޭޕީގެ ދިދައިގައި ނިޝާނެއްގެ ގޮތުގައި ހިމަނާފައި އިނދެ އެވެ.

ޑްރެގަން ފުރުޓަކީ އިންޑިއާގައި ވަރަށް ފަހުން ހައްދަން ފެށި މޭވާއެކެވެ. ކެކްޓަސް އާއިލާ އަށް ނިސްބަތްވާ ގަހެއްގައި އަޅާ ޑްރެގަން ފުރްޓްގެ މައި މަރުކަޒަކީ އެމެރިކާ އެވެ.

ގުޖުރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ އަންގާރަ ދުވަހު ވިދާޅުވީ އެ ސްޓޭޓްގައި ދެން ޑްރެގަން ފުރުޓް އަށް އެ ނަން ބޭނުން ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި އެ މޭވާ އަށް ކިޔާނީ "ކަމަލަމް" ކަމަށް ވިދާޅުވި އެވެ.

"ޑްރެގަން ފުރްޓް އެ ލަފުޒަކީ އަހަރެމެންނާ ގުޅޭ ނަމެއް ނޫން. އަދި އެއީ އިންޑިއާގައި ބޭނުންކުރަން އެންމެ ރަނގަޅު ނަމެއް ވެސް ނޫން،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ. "ޑްރެގަންއޭ ކީމަ ކޮންމެ މީހަކަށް ވެސް ސިފަކުރޭވޭނީ ޗައިނާ."

އިންޑިއާގެ މި ނިންމުމަކީ މި ފަހުން އެ ޗައިނާއާ ދެމެދު ހޫނުވެފައިވާ ސިޔާސީ ކޯޅުންގަނޑާ ހެދި ޗައިނާ އަށް "ދެރަކުރަން" އިންޑިއާ އިން ކުރި ކަމެކެވެ.

އެކަމަކު ޑްރެގަން ފުރުޓަށް "ކަމަލަމް" ކިޔަން ނިންމުން ވީ ވަރަށް ގިނަ ބަޔަކަށް ޖޯކަކަށެވެ. އެހެންވެ މިކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި މިހާރު އަންނަނީ މީމްތައް ވެސް ދައުރުކުރަމުންނެވެ.

ޑްރެގަން ފުރްޓަށް "ކަމަލަމް" ކިޔަން ނިންމި ނިންމުމުން ޖޯކް ޖެހި މީހަކު ކުރި ޓްވީޓެއް ބުނީ އިންޑިއާއާ ކުޅެންހަދާ ކޮންމެ ބަޔަކަށް ރައްދުދޭނީ މިފަދަ މެސެޖްތަކުން ކަމަށާއި އިންޑިއާ އަކީ ވަރުގަދަ ބައެއް ކަމަށެވެ.

އެހެން މީހަކު ބުނީ ޗައިނާ އިން އިންޑިއާގެ ބިންތަކަށް އަރައިގަންނަ ނަމަ އިންޑިއާ ކުރާނީ ޑްރެގަން ފުރްޓަށް އާ ނަމެއް ދިނުން ކަހަލަ ކަންކަން ކަމަށެވެ.

އިންޑިއާ އިން ޗައިނާ އަށް ދަތިކުރަން މި ފަހުން ކުރި ކަންކަމުގެ ތެރޭގައި ޗައިނާގެ ހިއްސާއެއް އެ ގޭމްގައި އޮތުމުން ޕަބްޖީ މަނާކޮށް "ފައު-ޖީ" ގެ ނަމުގައި އަމިއްލަ ގޭމެއް ހެދުމާއި އިންޑިއާގައި ބޮޑު މަގުބޫލުކަމެއް އޮތް ޓިކްޓޮކް މަނާކުރުމުގެ އިތުރަށް ވެސް ޗައިނާގެ ގިނަ އަދަދެއްގެ އެޕްތަކެއް މަނާކުރުން ހިމެނެ އެވެ. އިންޑިއާ އިން އުފެއްދި "ފައު-ޖީ" ގޭމް މި މަހުގެ 26 ގައި ނެރޭނެ އެވެ.

ޗައިނާ އަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އުފެއްދުންތެރި ކަމަށް ހިތްވަރު ދެއްވުމުގެ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ "މޭކް އިން އިންޑިއާ" ގެ ނަމުގައި އިނިޝިއޭޓިވެއް ވެސް އިއުލާންކުރައްވާފައިވެ އެވެ.