Roadha Mihaaru
އަތޮޅުތެރޭގެ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުއްޓަށް

އަތޮޅުތެރޭގެ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުއްޓަށް

11 ޖޫން 2024

މާލެ ފިޔަވައި އަތޮޅުތެރޭގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް ބީއެމްއެލް އިން ކ. މާފުށީ ގައި ބަހައްޓައި އިއްޔެ ހިދުމަތް ފަށައިފި އެވެ.

މާލެ ފިޔަވައި އަތޮޅުތެރޭގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް ބީއެމްއެލް އިން ކ. މާފުށީ ގައި ބަހައްޓައި އިއްޔެ ހިދުމަތް ފަށައިފި އެވެ.

މާފުށީގައި ޑޮލަރު އޭޓީއެމް އެއް ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ރަށުގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓާނެ ކަން އެ މަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނަށް ކ. ގުރައިދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގަ އެވެ.

އޭގެ ފަހުން، "ރައީސް ޖަވާބު" ސިލްސިލާގައި މާފުށީގެ އާންމު މީހަކު މިދިޔަ ފެބްރުއަރީ މަހު އެ ކަމާ ގުޅޭ ގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި އެ ރަށުގައި ޑޮލަރު އޭޓީއެމް އެއް ބެހެއްޓުމަކީ އަމާޒެއް ކަމަށެވެ. ވީހާ ވެސް އަވަހަކަށް އެކަން ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް އޭރު ރައީސް މުއިއްޒު އޮތީ ވިދާޅުވެފަ އެވެ.

ބީއެމްއެލް އިން ބުނީ، މާފުށި ބްރާންޗުގައި އަލަށް ބެހެއްޓި އެ އޭޓީއެމް މެދުވެރިކޮށް، އާންމުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިއީ މާލެ އިން ބޭރުގައި ބެހެއްޓި ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމް އެވެ. މިއީ މާލެ އާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައި ހުރި އޭޓީއެމް ނެޓްވޯކަށް އިތުރުވާ އޭޓީއެމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުގެ ޑައިރެކްޓަ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، މާފުށީގައި ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ ކަމަށެވެ.

"މި ކަމަށް އެހީތެރިވުމުގެ ގޮތުން މި ރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އިގްތިސާދީ ގޮތުން މާފުށި ކުރިއަރަމުން ދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން މި ތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ދާދި ފަހުން ވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށްފަ އެވެ. މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުމާއި ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުމާއި ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތާއި ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބޭނެ އެވެ.