Roadha Mihaaru

ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ، އެކަކު 100 އަށް ވުރެ ގިނަ ކާޑުން މުއާމަލާތްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރު ފައިސާ ނަގާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ކާޑު ލިމިޓް ނަހަމަގޮތުގައި ބޭނުންކުރާތީ އިންޒާރެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

07 ޑިސެމްބަރ 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރު ފައިސާ ނަގާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް އިން ވަނީ ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުން ރާއްޖެ އިން ބޭރުގައި ބޭނުން ކުރެވޭ އަދަދު އިތުރު ކޮށްފަ އެވެ. ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެ އިން ބޭރުގައި ކާޑު މެޝިނުގައި ބޭނުންކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1،000 ޑޮލަރު އަދި ޓިކެޓާއި ހޮޓެލް ބުކިންއަށާއި ސިއްހީފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3،000 ޑޮލަރާ ހަމަޔަށް ލިމިޓް ކަނޑައަޅާފައިވެ އެވެ.

ނަމަވެސް ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ލިމިޓްތައް ނަހަމަ ގޮތުގައި ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން، ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެ އިން ބޭރުގައި ބޭނުން ކުރުމަށް ދީފައިވެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، އޭގެ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށް ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގިކަން ވަނީ ފާހަގަކުރެވިފަ އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.

އެގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަމަށާއި މީގެ އިތުރުން ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.

ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި ބޭންކުން ދީފައިވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގެމަށް ނުދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އެހެންކަމުން މިފަދަ މުއާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުއާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުއާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުއާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

އަދި އެގޮތަށް ބޭނުންކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓްތަކުގައި މުއާމަލާތް ނުކުރެވޭގޮތް ހެދުން ފަދަ ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމަށް ވެސް ބުންޏެވެ.

ބޭންކުން ބުނީ ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީ އެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންވެ، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުން ކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް އެ ބޭންކުން ބުންޏެވެ.

ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި ބޭންކުން ދީފައިވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގެމަށް ނުދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.