ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން ސަރުކާރުން އެންގި އެންގުން އުވާލައި މަޝްރޫއުތައް އަލުން ފަށަން މިއަދު ހުއްދަ ދީފި އެވެ.
11 ޖޫން 2024
ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން ސަރުކާރުން އެންގި އެންގުން އުވާލައި މަޝްރޫއުތައް އަލުން ފަށަން މިއަދު ހުއްދަ ދީފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކާއި ފަޅު ކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން ކަހަލަ މަސައްކަތްތައް އެއް މަސްދުވަހަށް މަޑުޖައްސާލަން އެންގީ ގާ ހުދުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ނަމަވެސް، މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނުމިން ދަށްވަމުން އަންނަ ކަމަށާއި ގާތަށް ހުދުވުން ވެސް މަޑުޖެހެމުން އަންނަ ކަމަށް އީޕީއޭ އިން މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލާޓް 1 އަދި 2 އަށް ވޮޗް ސްޓޭޖަށް މިހާރު ވަނީ ޓްރާންސިޝަންވެފަ އެވެ،" އެ ބަޔާނުގައިވެ އެވެ.
ގާ ހުދުވުމުގެ މިހާރުގެ ހާލަތު ބަދަލުވެފައި ވިޔަސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ، މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް ރިއާޔަތްކޮށްގެން މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ދިރާސާއެއް ހަދަން ޖެހޭ ކަމަށް ވެސް ބުންޏެވެ.
ގާ ހުދުވުމުގެ ސަބަބުން މިދިޔަ އެއް މަސްދުވަހަށް ގާތްގަނޑަކަށް 200 މަޝްރޫއެއްގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް އޮތީ ހުއްޓުވައިފަ އެވެ. އެ މުއްދަތު ހަމަވިޔަސް، އީޕީއޭ އާއި މިނިސްޓްރީން ހާލަތު މޮނީޓާކުރަމުން އަންނަ ކަމަށް ބުންޏެވެ.
"މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގާ ހުދުވުމުގެ އަސަރުކޮށްފައިވާކަން ފާހަގަވެ އެވެ. އަދި ބައެއް މުރަކައިގެ ވައްތަރުތަކަށް ލިބިފައިވާ ގެއްލުންތައް ކުޑަ އެވެ. މިކަން ފާހަގަވެފައި ވަނީ އެކްރޮޕޯރާ އަދި ޕޮކިލޮޕްރާ ވައްތަރުގެ މުރަކައިގަ އެވެ. އޭގެ ސަބަބެއް ކަމުގައި ބެލެވިފައި ވަނީ މޫސުމީ ބަދަލަށް ހޭނުމާއި މުރަކަ ހެދޭ ރޭޓަށް ބަދަލު އައުމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މިއީ 2016ގެ ފަހުން ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އަހަރަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ވެސް ވަނީ މީގެ ކުރިން ލަފާކޮށްފަ އެވެ.
ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ.
ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ ވެސް އެ ފަހަރެވެ. އެ ދިރާސާ އަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު
އީޕީއޭގެ އެންގުމަށް ސަރުކާރުން އަމަލުކުރާނެ: މިނިސްޓަރު
އީޕީއޭއިން އެޅި ފިޔަވަޅުތަކަށް މަޓީން މަރުހަބާ ކިޔައިފި
ގާ ހުދުވާތީ ބިން ހިއްކުން މަޑުޖައްސާލަން އެދިއްޖެ
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއީ ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އެއް އަހަރު
މިއަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި
ބިން ހިއްކަން 70،000 މުރަކަ އެހެން ތަންތަނަށް
މުރަކަ އާލާ ކުރުމުގެ އާ އުކުޅަކާއެކު އުންމީދު!
ރާއްޖޭގެ މުރަކަ މޫސުމީ ބަދަލަށް ހޭނެނީތަ؟