ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން އީޕީއޭ އިން އެޅި ފިޔަވަޅުތަކަށް ސަރުކާރުން އަމަލުކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
12 މެއި 2024
ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން އީޕީއޭ އިން އެޅި ފިޔަވަޅުތަކަށް ސަރުކާރުން އަމަލުކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ތޯރިގް "މިހާރު" އަށް ވިދާޅުވީ އީޕީއޭ އިން ފާހަގަކޮށްފައި ވަނީ މި ވަގުތަށް އަޅަން ކޮންމެހެން މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ އީޕީއޭ އިން އަންގާފައިވާ ގޮތަށް ފުރަތަމަ ކޮޅު އަމަލު ކުރެވިއްޖެ ނަމަ ވަރަށް ބޮޑު ތަނުން ކާމިޔާބު ވާނެއޭ. މިހާރު އުޅެނީ އެލާޓް ލެވެލް 1 ގައި. އެލާޓް ލެވެލް 2 އަށް ދިޔައީމާ މިވާ ގޮތަކީ ގާ ހުދުވެފައި ގާ މަރުވުމުގެ މައްސަލަ މި ދިމާވަނީ. އެހެންވީމާ ދެން ކުރެވޭނެ ކަމަކީ ފަރުތަކަށް ލިބޭ ސްޓްރެސް ކުޑަކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި ފަރުތަކަށް ލިބޭ ސްޓްރެސް ކުޑަކުރެވެން އޮތީ އީޕީއޭ އިން އެންގި އެންގުންތަކަށް ތަބާވެެގެންނެވެ. އޭގެ ފައިދާ ކުރާނީ ރާއްޖޭގެ ޓޫރިޒަމާއި މުޅި އިގުތިސާދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ސިޔާސަތަކީ އިގުތިސާދުގެ ނަފާވެރިކަން އެންމެންނަށް ލިބުން. އެހެންވެ، އެ ކަމަށް ހުރަސް އެޅޭ އެއްވެސް ކަމަކަށް ސަރުކާރު މެދުވެރިއަކަށް ނުވާނެ. ފަރުތައް ސަލާމަތް ކުރެވުނީމާ އޭގެ ފައިދާ މި ގުޅެނީ ރާއްޖޭގެ އިގުތިސާދާ. ޓޫރިޒަމާ،" އޭނާ ވިދާޅުވި އެވެ.
ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުން ވެސް ހާއްސަ އިސްކަމެއް ދޭ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ފާހަގަކުރެއްވި ގޮތުގައި އީއައިއޭ ހަދާއިރު ވެސް ތިމާވެއްޓަށް އަސަރު ކުރާ ކަމެއް ފެނިއްޖެ ނަމަ "ވަގުތުން ރިއެކްޓް" ކުރުން އޮންނަނީ ލާޒިމް ކޮށްފަ އެވެ. އަދި ތިމާވެއްޓާ ބެހޭ ގާނޫނު ވެސް ބައްޓަން ކޮށްފައި ވަނީ ގާ ހުދުވުމުގެ މައްސަލަ ފަދަ ކަންކަމުން ސަލާމަތް ވާން މަސައްކަތް ކުރަން ޖެހޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އީޕީއޭއިން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގައި ވަނީ ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވެފައި ވާތީ ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން އަންގައިފަ އެވެ. އަދި ބިން ހިއްކުމުގެ އިތުރުން ފަޅު ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި ޕަމްޕް ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީގައި ހޮޅި އަދި ކޭބަލް އެޅުމުގެ އިތުރުން ބަންޑުވޯލް ޖެހުމާއި އެނޫނަސް މެޝިން ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މަޑުޖައްސާލަން ވަނީ އަންގައިފަ އެވެ.
މިހާރު ހިނގަމުން އަންނަ މަޝްރޫއުތަކާއި މަސައްކަތްތައް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މަޑުޖައްސާލަން އީޕީއޭ އިން ވަނީ އެދިފަ އެވެ.
ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އޮތީ ނުރައްކާތެރި ދަރަޖަ ކަމަށްވާ، "އެލާޓް ލެވަލް 1" ގަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ނުރައްކާތެރި ދަރަޖަ އަށް އެރުން އެކަށީގެންވެ އެވެ.
ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އޭގެ ފަހުން އެންމެ ބޮޑަށް ގާ ހުދުވެފައި ވަނީ 2016 ވަނަ އަހަރު އެވެ. ގާ ހުދުވުމުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.
އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް އަދި ނެތް: ތޯރިގް
ގާހުދުވުން: ރިސޯޓެއްގެ މަސައްކަތް ނުހުއްޓި ކުރިޔަށް
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި
ރަސްފަރީ ފަރަށް ބޯޓު އެރުމުން ބޮޑު ސަރަަހައްދެއް ހަލާކު
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ޓޫރިޒަމާއި ތިމާވެށި އެއްކޮށްލުން: ރަނގަޅު ނިންމުމެއް؟
ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގު
ފެހުރިހި ބަލަންދާ ޓޫރިސްޓުންގެ ސަލާމަތަށް ހާއްސަ ކަމެއް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ