Roadha Mihaaru
އީޕީއޭއިން އެޅި ފިޔަވަޅުތަކަށް މަޓީން މަރުހަބާ ކިޔައިފި

ގާ ހުދުވާ މައްސަލާގައި އީޕީއޭ އިން އެޅި ފިޔަވަޅުތަކަށް މަޓީން މަރުހަބާ ކިޔައިފި

12 މެއި 2024

ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން އީޕީއޭ އިން އެޅި ފިޔަވަޅުތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު މަރުހަބާ ކިޔައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން އީޕީއޭ އިން އެޅި ފިޔަވަޅުތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު މަރުހަބާ ކިޔައިފި އެވެ.

އެޖަމިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދުވަސްވަރު ގާ ހުދުވުމުގެ އަސަރު ކުޑަކުރުމަށްޓަކައި އީޕީއޭ އިން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމުމުން މަރުހަބާ ކިޔާ ކަމަށާއި އަދި އެކަމަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ.

"މީގެ އިތުރުން، އަޅުގަނޑުމެން އިލްތިމާސްކުރަނީ މި ޖަމިއްޔާގެ ހުރިހާ މެންބަރުންނާއި ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ސްޓޭކްހޯލްޑަރުން ވެސް މި ނިންމުމަށް ފުރިހަމަ އަށް އެއްބާރުލުންދީ، މި ފިޔަވަޅުތަކަށް ތަބާވުމަށް،" އެ ބަޔާނުގައިވެ އެވެ.

މަޓީން ބުނީ ގާ ހުދުވުމުގެ މައްސަލަ މިފަހަރު ވަރަށް ނުރައްކާތެރި ދަރަޖައަކަށް އަރާފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފައި ވާތީ، އީޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ތަބާވުމުން މިކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

އީޕީއޭއިން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގައި ވަނީ ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވެފައި ވާތީ ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން އަންގައިފަ އެވެ. ބިން ހިއްކުމުގެ އިތުރުން ފަޅު ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި ޕަމްޕް ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީގައި ހޮޅި އަދި ކޭބަލް އެޅުމުގެ އިތުރުން ބަންޑުވޯލް ޖެހުމާއި އެނޫނަސް މެޝިން ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މަޑުޖައްސާލަން ވަނީ އަންގައިފަ އެވެ.

މިހާރު ހިނގަމުން އަންނަ މަޝްރޫއުތަކާއި މަސައްކަތްތައް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މަޑުޖައްސާލަން އީޕީއޭ އިން ވަނީ އެދިފަ އެވެ.

ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އޮތީ ނުރައްކާތެރި ދަރަޖަ ކަމަށްވާ، "އެލާޓް ލެވަލް 1" ގަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ނުރައްކާތެރި ދަރަޖަ އަށް އެރުން އެކަށީގެންވެ އެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އޭގެ ފަހުން އެންމެ ބޮޑަށް ގާ ހުދުވެފައި ވަނީ 2016 ވަނަ އަހަރު އެވެ. ގާ ހުދުވުމުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.