Roadha Mihaaru
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބަދަލުކުރަނީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހަޅަނީ

12 ޖޫން 2024

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ މައުމޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ތަންފީޒު ކުރުމުގައި ޑިމޮކްރެޓިކް ވެއްޓަކަށް ފެއްތުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި މިއީ ބަންޑާރަ ނައިބު ގެންގުޅުއްވާ ގާނޫނީ އިސްލާހީ އެޖެންޑާގެ ތެރޭގައި ހިމެނޭ ބިލެކެވެ. ނަމަވެސް، ސަރުކާރުން އެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތަފުސީލެއް ނުދެއްވަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ވެސް މި މައުލޫމާތެއް އަދި ނުލިބެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމާފައިމިވަނީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ އަޑުއެހުންތަކަށް ހާޒިރުނުވުމާއި އެ ކޮމިޝަނުން އަންގާ އެންގުންތަކަށް ރައީސް އޮފީހުން އަމަލު ނުކުރާ މައްސަލަ ބޮޑުވެ، އެކަން ބަލައި ފިޔަވަޅު އަޅަން ނިންމާފައި ވަނިކޮށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މައުލޫމާތު (އާރްޓީއައި) ހޯދަން ހުށަހަޅާ މިންވަރު އިތުރުވެފައިވާއިރު، އެންމެ ގިނައިން މައުލޫމާތު ހޯދަން މީހުން ހުށަހަޅާ އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހުން މައުލޫމާތު ނުދިނުމާއި ހުށަހަޅާ ހުށަހެޅުންތަކާ މެދު އެއްވެސް އެއްޗެއް ނާންގާ މުއްދަތު ހަމަވެގެންދާ މައްސަލަތައް ވެސް ގިނަ ކަމުގެ ޝަކުވާ ބޮޑެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނަށް ރައީސް އޮފީހުން އަމަލު ނުކުރަނީ ކީއްވެ ކަމާއި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައި ކަން ބަލަން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ނިންމަވައިފަ އެވެ.

އެކަމާ ގުޅިގެން މީގެކުރިން "މިހާރު" އަށް ހީނާ ވިދާޅުވެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވެސް ގާނޫނުން ލިބިދޭ އިހުތިޔާރާއި ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޑިމޮކްރެސީގެ ހަމައަކީ ވެސް އެއީ ކަމަށެވެ. މައުލޫމާތު ނުދެނީ ކީއްވެ ކަމާއި އެހެން ވެސް މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ފުރިހަމަ އިހްތިޔާރު އެ ކޮމިޝަނަށް އޮންނާނެ ކަން ރައީސް އޮފީހުން ގަބޫލުކުރާ ކަމަށް ހީނާ ވިދާޅުވި އެވެ.

ރައީސް އޮފީހުން އިންފޮމޭޝަން ކޮމިޝަންގެ ނިންމުންތަކަށް އަމަލު ނުކުރާ ކަމުގެ ޝަކުވާ ބޮޑު ނަމަވެސް، ހީނާ ވިދާޅުވި ގޮތުގައި، ރައީސް އޮފީހުގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކޮށް ފެތުރުމެވެ.